ކޮވިޑް-19 ރޯގާ ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން، މެލޭޝިއާ އިން މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިނުވާން ނިންމައިފިއެވެ.
ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ހައްޖު ދުވަހަކީ އަންނަ ޖުލައި މަހުގެ 28 ވަނަ ދުވަހެވެ.
މެލޭޝިއާއިން މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް 31،600 އެއްހާ މީހުން ފޮނުވުމަށް ނިންމާފައިވީ ނަމަވެސް، ކޮވިޑް-19ގެ ރޯގާގެ ހާލަތު ރަނގަޅުނުވެ، އަދި އިތުރަށް ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް ފެންނާތީ މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިނުވުމަށް ވަނީ ނިންމާފަ އެވެ.
ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން އިއުލާންކޮށްފައިވާއިރު، މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިނުވާން މެލޭޝިއާއިން ނިންމީ، ނޭޝަނަލް އިސްލާމިކް ރިލިޖަސް އެފެއަރޒު ކައުންސިލްގެ ބައްދަލުވުމުގައި މެލޭޝިއާގެ ހެލްތް މިނިސްޓްރީއާއި ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރެއްވުމަށްފަހުގަކަމަށް އެ ކައުންސިލުން ބުނެއެވެ.
ބޮޑުވަޒީރުގެ އޮފީހުގެ މިނިސްޓަރ ޒުލްކިފްލި މުހައްމަދު އަލްބަކްރި، ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ، ހައްޖުގެ އަޅުކަމަކީ މުސްލިމުންނަށް މުހިއްމު އަޅުކަމެއް ކަމަށާއި، އެހެންކަމުން މިއީ ނިންމަން އުނދަގޫވި ނިންމުމެއް ކަމަށެވެ. އަދި މި ނިންމުން ނިންމީ ސިއްހީ ފަރާތްތަކާއި އަދި އެގައުމުގެ ހައްޖުގެ ކަންކަމާ ބެހޭ ބޯޑުގެ އިތުރުން ދީނީ އިލްްވެރިންނާ މަޝްވަރާ ކުރެއްވުމަށްފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 ޕެންޑަމިކްއާ ގުޅިގެން، މެލޭޝިއާގެ އިތުރުން އިންޑޮނީޝިއާ އިން ވެސް މީގެކުރިން ވަނީ މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިނުވާން ނިންމާފައެވެ.
ހައްޖުގެ އަޅުކަން ކުރިއަށް ގެންދިޔުމާ ގުޅޭގޮތުން ސައުދީން އަދި ރަސްމީކޮށް ނިންމުމެއް ނިންމާފައިނުވާއިރު، މިދިޔަ މަހު ކުރީކޮޅު އެގައުމުން ވަނީ މި އަހަރުގެ ހައްޖުގެ ތައްޔާރީތައް އަދި ނުވުމަށް ގައުމުތަކަށް އަންގާފައެވެ.
މެލޭޝިއާގައި މިހާތަނަށް 8،402 މީހަކަށް ކޮވިޑް-19 ޕޮޒިޓިވްވެފައިވެއެވެ. އަދި މިބަލީގައި މެލޭޝިއާއިން 119 މީހަކު މަރުވެފައިވެއެވެ.