ކ. މާލެ
|
11 ޖޫން 2020 | ބުރާސްފަތި 19:36
ޕާކިސްތާނުގައި ކޮވިޑް-19 ގައި މަރުވި މީހެއްގެ ސަންދޯއް ގެންދިޔުމުގައި ބަޔަކު ހަރަކާތްތެރިވަނީ
ޕާކިސްތާނުގައި ކޮވިޑް-19 ގައި މަރުވި މީހެއްގެ ސަންދޯއް ގެންދިޔުމުގައި ބަޔަކު ހަރަކާތްތެރިވަނީ
އޭއެފްޕީ
ކޮވިޑް-19 ޕާކިސްތާނު
ޕާކިސްތާނުން ހާއްސަ ލޮކްޑައުންއަކަށް ދިޔުމަށް ޑަބްލިއުއެޗްއޯއިން ގޮވާލައިފި
ހަ ކަމަކަށް އިސްކަން ދިނުމަށް ވަނީ ބާރުއަޅާފައި
އެ ޖަމިއްުޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި
ކޭސްތަކުގެ އަދަދު ވަނީ ލައްކައަކަށްވުރެ މައްޗަށް އަރާފައި

ކޮވިޑް-19 އާ ގުޅިގެން ޕާކިސްތާނުގައި އިއުލާންކޮށްފައިވާ ލޮކްޑައުންއަށް ލުއިތަކެއް ދިނުމާއި އެކު ބަލި ފެތުރޭ މިންވަރު އިތުރުވަމުންދާތީ އަލުން ލޮކްޑައުން އަކަށް ދިޔުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން އިލްތިމާސްކޮށްފިއެވެ.

ޕާކިސްތާނުގެ ސަަރުކާރަށް ޑަބްލިއުއެޗްއޯއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައިވާ ހާއްސަ މަންދޫބު ޕަލިތަ މަހިޕަލް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ލޮކްޑައުންއަށް ލުއިދޭން ޕާކިސްތާނުން ނިންމިއިރު އެ ޖަމިއްޔާއިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ނުފެތޭ ކަމަށެވެ.

ޓެސްޓު ކުރެވޭ އަދަދު އިތުުރު ކުރުމަށް ޑަބްލިއުއެޗްއޯ އިން ބާރުއަޅާ

ޑަބްލިއުއެޗްއޯއިން ބުނީ، ވައިރަސް ފެތުރުން ކޮންޓްރޯލް ކުރަން އެސްއޯޕީތަކަށް އަމަލުކުރަން ޖެހޭ ކަމަށެވެ. ޕާކިސްތާނުގައި ކޮވިޑް-19ގެ ކޭސްތައް ލައްކައަކަށް އަރާފައިވާތީ އެކަމާއި މެދު އެ ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަޅާފައިވާ ފިޔަވަޅުތައް ލުއިދޭން ފަށާއިރު ހަ ކަމަކަށް ސަމާލުކަން ދިނުމަށް އެ ޖަމިއްޔާއިން އިލްތިމާސް ކުރެއެވެ. އެއީ ބަލިފެތުރުން ކޮންޓްރޯލް ވެފައިވުމާއި، ސިއްހީ ނިޒާމުގައި ބަލި ދެނެގަނެވޭނެ ގޮތް ދެނެގަތުމާއި، ޓެސްޓު ކުރެވޭނެ ގޮތް ހަމަޖެހުމާއި، އެކަހެރި ކުރެވޭނެ އިންތިޒާމާއި، ބަލި ޖެހޭ މީހުންނަށް ފަރުވާދޭނެ އިންތިޒާމް ހަމަޖެހުމާއި، ކޮންޓެކްޓް ޓްރޭސް ކުރެވޭނެ އިންތިޒާމް ހަމަޖެހުމާއި، ބަލި އެންމެ ބޮޑަށް ފެތުރޭ ސަރަހައްދުތަކުގައި އެކަން މަދު ކުރުމުގެ އިތުރުން އިމްޕޯޓެޑް ކޭސްތަކުގެ އަދަދު މަދުކުރުމެެވެ.

އޭގެ އިތުރުން ނިއު ނޯމަލްގެ އުސޫލުތަކާއި އެއްގޮތަށް މީހުން އުޅެން ދަސްކޮށްދީ އަހުލުވެރި ކުރުމަށް ޑަބްލުއުއެޗްއޯގެ ސިޓީގައި ވަނީ ބާރުއަޅާފައެވެ. ހާއްސަކޮށް ކަރަންޓީނު ކުރުމާއި، އައިސޮލޭޓް ކުރުމާއި، ފިސިކަލް ޑިސްޓެންސިންގެ އިތުރުން ކޮންޓެކްޓް ޓްރޭސިން އަށް އިސްކަން ދިނުމަށްވެސް އެ ޖަމިއްޔާއިން ވަނީ ބާރުއަޅާފައެވެ.

ޕޮޒިޓިވް ކޭސްތައް އިތުރުވާ އަދަދުތަކަށް ބަލައި ދުވާލެއްގެ މައްޗަށް 50،000 ޓެސްޓު ހެދުން އެއީ މުހިއްމު ކަމެއް ކަމަށްވެސް އެ ޖަމިއްޔާއިން ބުންޏެވެ. އެންމެ ބޮޑަށް ބަލި ފެތުރެމުންދާ އެއް ސްޓޭޓް ކަމަށްވާ ޕަންޖާބް ޕްރޮވިންސްގެ ހެލްތް މިނިސްޓަރު ޔަސްމިން ރަޝީދު އަންގާރަ ދުވަހު ވިދާޅުވީ، ގިނައިން ކޭސްތައް ފެނިފައިވާ ސަރަހައްދުތަކުން ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ލޮކްޑައުން ކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ކޭސްތަކުގެ އަދަދު އިތުުރުވެދާނެ ކަމަށް ސަރުކާރުން މީގެ ކުރިންވެސް އިންޒާރު ދީފައިވާ ކަމަށެވެ. ލޮކްޑައުން ކުރުމާއި ގުޅޭ ގޮތުން އެންމެ ފަހުގެ ނިންމުން ނިންމާނީ ކެބިނެޓް ކޮމިޓީން ކަމަށް ވިދާޅުވިއެވެ. ކޭސްތަކުގެ އަދަދު އިތުރުވެގެންދާނީ އެންމެ އެކަށީގެންވާ ވަރަށް އެސްއޯޕީތަކަށް އަމަލުކުރަމުން ނުދާތީކަން ފާހަގަކުރައްވާ ޔަސްމިން ވިދާޅުވީ، ގަވާއިދުތަކަށް އަމަލު ނުކުރާ ފަރާތްތަކާއި މެދު ފިޔަވަޅުތައް މިހާރުވެސް އަޅަމުންދާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް