އާބާދީއެއްގައި ނިޞްބަތުން ގިނަބަޔަކު މާސްކް އަޅާނަމަ، ކޮވިޑް-19 ފެތުރުން ހިފެހެއްޓި، ކޮވިޑް-19 ގެ 'ދެވަނަ ވޭވް' އަކުން ސަލާމަތް ވެވިދާނެކަމަށް އިނގިރޭސި ވިލާތުގައި ހެދި ދިރާސާއަކުން ދައްކައިފި އެވެ.
އިނގިރޭސި ވިލާތުގެ ކެމްބްރިޖް ޔުނިވަރސިޓީއާއި ގްރީންވިޗް ޔުނިވަރިސިޓީގެ ސައިންސުވެރިން އިސްވެ ހެދި ދިރާސާގެ ހޯދުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބުނެފައިވަނީ، ކޮވިޑް-19ން ސަލާމަތްވުމަށް، ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ހަމަ އެކަނި ފުރަބަންދު ކުުރުމަކުން ނުފުދޭ ކަމަށާއި، މިހާރު އޮތް ޙާލަތުން އަރައިގަނެ، އަދި 'ދެވަނަ ވޭވް" އަކުން އަރައިގަނެވޭނީ އެ އާބާދީއެއްގައި ހިމެނޭ ގިނަ ބަޔަކު މާސްކް އަޅައިގެން ކަމަށެވެ. އެދިރާސާގައި ބައިވެރިވި ސައެންސްވެރިން ބުނެފައިވަނީ 'ރެޑީ މޭޑް" މާސްކް ނޫނަސް އަމިއްލައަށް އުފައްދާ މާސްކް ނަމަވެސް އަޅައިގެން ބޭރަށް ނިކުތުން އާދަކޮށްފިނަމަ، ވައިރަސް ފެތުރުން ކުޑަކުރެވޭނެ ކަމަށެވެ.
'ޕްރޮސީޑިންގ އޮފް ދަ ރޯޔަލް ސޮސައިޓީ އޭ' ނަމަކަށް ކިޔާ ސައިންޓިފިކް ޖަރނަލް އެއްގައި ޝާއިޢުކޮށްފައިވާ މި ދިރާސާގައި އިސްކޮށް ޙަރަކާތްތެރިވެ ވަޑައިގެންނެވި ޑރ. ރިޗަޑް ސްޓަޓް ވިދާޅުވީ ފަރުދުން މާސްކް އެޅުމަށާއި، އިޖުތިމާޢީ ގައިދުރުކަން ދަމަހައްޓަން އާދަކުރުމަކީ ވައިރަސްއިން ސަލާމަތްވުމަށް އެޅިދާނެ އަވަސް ފިޔަވަޅެއްގެ ގޮތުގައި ދިރާސާއިން ދައްކާ ކަމަށެވެ. އަދި ކޮވިޑް-19ށް ވެކްސިންއެއް ޢާންމުކޮށް ލިބޭނޭ އިންތިޒާމު ހަމަޖެހުމުގެ ކުރިންވެސް، އިޤުތިޞާދުތައް ހުޅުވަން ބަލާއިރުވެސް، ފުރަބަންދުގެ ފިޔަވަޅުތަކާއެކު، މާސްކް އެޅުމަކީ ކޮވިޑް-19ގެ ކަންކަން މޭނޭޖުކުރުމުގައި އެންމެ އެދެވިގެންވާ ގޮތްކަމަށް ވިދާޅުވެފައި ވެއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ވެސް ވަނީ އެޖަމްޢިއްޔާގެ ގައިޑްލައިން އާކޮށް މިދިޔަ ހުކުރު ދުވަހު އަލުން ޢާންމުކޮށްފަ އެވެ. އެ ގައިޑްލައިންގައި ވަނީ ޢާންމުން އެއްވެ އުޅޭ ތަންތަނުގައި "ފެބްރިކް ފޭސް މާސްކް" އަޅައިފިނަމަ ކޮވިޑް-19ށް އޮތް ރިސްކު ކުޑަވެދާނެކަމަށް ބުނެ، މާސްކު އެޅުން އަށަގެންނެވުމަށް ޤައުމުތަކުގެ ސަރުކާރުތަކަށް އިރުޝާދު ދީފައެވެ.