ކ. މާލެ
|
8 ޖޫން 2020 | ހޯމަ 08:41
މަރޗް މަހުން ފެށިގެން އެމިރޭޓްސް އާއި އިއްތިހާދު އެއަރވޭސްގެ ބޯޓުތައް ވަނީ \"ގްރައުންޑް\" ކޮށްފައި
މަރޗް މަހުން ފެށިގެން އެމިރޭޓްސް އާއި އިއްތިހާދު އެއަރވޭސްގެ ބޯޓުތައް ވަނީ "ގްރައުންޑް" ކޮށްފައި
އަލްއަރަބިއްޔާ
ޔޫއޭއީގެ އެއަރލައިންތަކުން މުސާރަ ކުޑަކުރުން
އެމިރޭޓްސް އާއި އިއްތިހާދު އެއަރވޭސް އިން އަނެއްކާވެސް މުސާރަ ކުޑަކުރަން ނިންމައިިފި
މުވައްޒަފުންގެ މުސާރަ %50 އިން ސައްތަ ކުޑަކުރަން އެމިރޭޓްސް އިން ވަނީ ނިންމާފައި
އިއްތިހާދު އެއަރވޭސް އިން ނިންމާފައިވަނީ 25-50 އިން ސައްތައަށް މުވައްޒަފުންގެ މުސާރަ ކުޑަ ކުރުމަށް
ދެ އެއަރލައިނުންވެސް މުސާރަ ކުޑަކުރަން ނިންމީ ކޮވިޑް-19 އާއި ގުޅިގެން ލިބުނު ވިޔަފާރި ގެއްލުންތަކުގެ ސަބަބުން

ގަލްފުގެ ދެ އެއަރލައިން ކަމަށްވާ އެމިރޭޓްސް އަދި އިއްތިހާދު އެއަރވޭސް އިން މުވައްޒަފުންގެ މުސާރަ ސެޕްޓެންބަރު މަހުގެ ނިޔަލަށް ކުޑަކުރަން ނިންމައިފި އެވެ.

ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ސަރުކާރު ދެ އެއަރލައިނުން އިތުރު ތިންމަހުގެ މުއްދަތަކަށް މުވައްޒަފުންގެ މުސާރަ ކުޑަކުރަން ނިންމީ ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ވިޔަފާރު ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހިފައިވާތީ އެެވެ. މާރޗް މަހުން ފެށިގެން މި ދެ އެއަރލައިންގެ ދަތުރުތައް ވަނީ މެދުކަނޑާލާފަ އެވެ. އެހެންނަމަވެސް ޚާއްޞަ ޙާލަތުގައި ސަރުކާރުގެ ވަކި ހުއްދައަކާއެކު، ކާގޯ ފްލައިޓުތަކާއި، އަދި އެޤައުމުގައި ތާށިވި ޤަލްފުގެ ޤައުމުތަކުގެ ރައްޔިތުން އަނބުރާ ޤައުމަށް ގެންދިއުމަށް ބައެއް ދަތުރުތައް ކުރިއެވެ.

އެމިރޭޓްސް އިން މީގެކުރިން ވަނީ ތިން މަސް (އެޕްރީލް، މެއި، ޖޫން) ވަންދެން އެ އެއަރލައިނުގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށްފަ އެވެ. އަނެއްކާވެސް އިތުރު ތިން މަހުގެ ( ޖުލައި، އޮގަސްޓް، ސެޕްޓެމްބަރ) މުއްދަތަކަށް މުސާރަ ކުޑަކުރާނެކަމަށް ބުނެ، މުވައްޒަފުންނަށް އީމެއިލްގެ ޒަރިއާއިން ވަނީ ސިޓީއެއް ފޮނުވާފަ އެވެ. މުސާރަ %50 އިން ސައްތަ ކުޑަކުރާނެކަމަށް ސިޓީގައި ބުނެފައި ވެއެވެ.

އެ އެއަރލައިންގައި މަރޗް މަހުގެ ނިޔަލަށް 105،000 މުވައްޒަފުން ތިއްބެވެ. އެއަރލައިނަށް ލިބެމުންދާ ވިޔަފާރި ގެއްލުމާއި ގުޅިގެން އަމިއްލައަށް ވަކިވާން ބޭނުންވާ މުވައްޒަފުންނަށާއި، މުސާރަ ނުލިބޭ ގޮތަށާއި، ބައި މުސާރަ ލިބޭ ގޮތައް ޗުއްޓީއަށް ދިއުމުގެ ފުރުޞަތު އެ އެއަރލައިނުން މަރޗް މަހު މުވައްޒަފުންނަށް ދިނެވެ. އެހެން ނަމަވެސް އެފުރުޞަތުގައި ވަކިވީ ކިތައް މުވައްޒަފުންކަމެއް ހާމަކޮށްފައެއް ނުވެއެވެ. އަދި މާރަޗް މަހު ތިން މަހަށް މުސާރަ ކުޑަކުރިއިރު، އޭރު ނިންމީ 25-50 އިން ސައްތައަށް ކުޑަ ކުރުމަށެވެ. މީގެ ތެރޭގައި މުސާރަ ދަށް މުވައްޒަފުން ހިމަނާފައެއް ނުވެއެވެ. އަދި 20% މުވައްޒަފުން ވަޒީފާއިން ވަކިކުރަން ވެސް ވަނީ ނިންމާފަ އެވެ.

އިއްތިހާދު އެއަރވޭސް އިން ވެސް ވަނީ ސެޕްޓެމްބަރުގެ މަހުގެ ނިޔަލަށް އަނެއްކާވެސް މުވައްޒަފުންގެ މުސާރަ 25-50 އިން ސައްތައަށް ކުޑަ ކުރަން ނިންމާފަ އެވެ. އެޕްރީލް މަހުން ފެށިގެން ތިން މަސްދުވަހުގެ މުއްދަތަކަށް މުސާރަ ކުޑަކުރުމަށް ފަހު އަނެއްކާވެސް ވިޔަފާރި ބޮޑެތި ގެއްލުންތަކާއި ގުޅިގެން އިއްތިހާދު އެއަރވޭސް އިން ވަނީ 1،200 މުވައްޒަފުން ވަކިކޮށް، ބާކީ މުވައްޒަފުންގެ މުސާރަ ކުޑަކުރުމަށް ނިންމާފަ އެވެެ.

ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވައިގެ ދަތުރުތައް މެދު ކަނޑާލާފައި އޮތުމަށް ފަހު މިހާރު އެޤައުމުގެ ސަރުކާރުން ވަނީ އެ ފިޔަވަޅު އުވާލާފަ އެވެ. އެހެންކަމުން މިދެ އެއަރލައިނުންވެސް ދަނީ އަންނަ މަހު ތާވަލު ދަތުުރުތައް ފަށަން ތައްޔާރު ވަމުންނެވެ. ޔޫއޭއީގެ ވައިގެ ޞަރަޙައްދު އެއްކޮށް ހުޅުވާނުލި ނަމަވެސް، ތެޔޮ އެޅުމަށާއި، ބައެއް ޓްރާންސިޓް ފްލައިޓްތައް ދުބާއީއަށް ޖެއްސުމުގެ ހުއްދަ އެޤައުމުގެ ސަރުކާރުން ވަނީ ދީފައެވެ.

ކޮވިޑް-19 އާއި ގުޅިގެން އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ދަތުރުފަތުރުގެ ސިނާއަތަށެވެ. ޚާއްޞަގޮތެއްގައި، ދުނިޔޭގެ އޭވިއޭޝަން ދާއިރާއަށް ލިބުނު ގެއްލުން ފާހަގަކުރެއެވެ. ބައެއް އެއަރލައިންތަކުން ބުނާގޮތުގައި މި ލިބުނު ގެއްލުމުން އަރައިގަތުމަށް ތިން އަހަރު ނަގާނެއެވެ. އަދި ލިބުނު ގެއްލުންތަކާއި ގުޅިގެން މައި ހުރިހައި އެއަރލައިންތަކަށް ވަނީ މުވައްޒަފުން މަދުކުރަން މަޖުބޫރު ވެފައެވެ.

- ކޮމެންޓް