ތިންމަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު ކުވައިތުގެ ބައެއް މިސްކިތްތައް ހުޅުވަން އެޤައުމުގެ ސަރުކާރުން ނިންމައިފި އެވެ.
މިކަން ހާމަކޮށް އެޤައުމުގެ މިނިސްޓްރީ އޮފް އައުޤާފް އެންޑް އިސްލާމިކް އެފެއަރޒުން ޢާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ނޮވެލް ކޮރޯނާ ވައިރަސްގެ ޚާއްޞަ ޙާލަތާއި ގުޅިގެން ބަންދުކުރި ބައެއް މިސްކިތްތައް ބުދަ ދުވަހު ހުޅުވަން ވަނީ ނިންމާފަ އެވެ.
މިނިސްޓްރީގެ ބަޔާނުގައި، މިނިސްޓަރ ޑރ، ފަހާދު އަލް-އަފާސީ ވިދާޅުވެފައި ވަނީ ބުދަ ދުވަހު ހުޅުވާނީ އާބާދީ މަދު، ޢާންމުން ދިރިއުޅޭ ޞަރަޙައްދުތަކުގައި ހުރި މިސްކިތްތައް އެކަނި ކަމަށެވެ. އަދި މި މިސްކިތްތަކުގައި ބުދަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން ފަރްޟު ފަސް ނަމާދު ކުރަން ހުއްދަ ދޭން ނިންމެވި ނަމަވެސް، ހުކުރު ނަމާދު ޖަމާޢަތުގައި ކުރުމުގެ ހުއްދަ އަދި ނުދެއްވާނެކަމަށް ވިދާޅުވި އެވެ.
ބައެއް މިސްކިތްތައް ހުޅުވަން ކުވައިތު ސަރުކާރުން ނިންމި ނަމަވެސް، ހުކުރު ނަމާދު ޖަމާޢަތުގައި ކުުރުމަށް ނިންމާފައި ވަނީ އެންމެ މިސްކިތެއް ގައެވެ. އެއީ ކުވައިތު ސިޓީގެ މައި މިސްކިތް ކަމުގައިވާ މަސްޖިދުލް ކަބީރެވެ. ހުކުރު ނަމާދުގައި ބައިވެރި ވާނީ ހަމަ އެކަނި އެ މިސްކިތުގެ މުދިމާއި، މުވައްޒަފުން އެކަނި ކަމަށް މިނިސްޓްރީ އޮފް އައުޤާފް އެންޑް އިސްލާމިކް އެފެއަރޒުން ބުނެއެވެ. އަދި އެ މިނިސްޓްރީން ވަނީ ހުކުރު ނަމާދާއި ޚުޠުބާ އެޤައުމުގެ ޤައުމީ ޓީވީން ވަގުތުން ދުރަށް ދެއްކުމަށް ނިންމާފަ އެވެ.
ކުވައިތުގެ ކަމާއި ގުޅޭ އިދާރާތަކުން ދަނީ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރަން ހުއްދަ ދޭން ނިންމުމާއި ގުޅިގެން މިސްކިތްތައް އެކަމަށް ތައްޔާރުކޮށް، ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ.
ކޮވިޑް-19ގެ ނުރައްކާ ބޮޑުވެ ކުވައިތު ސަރުކާރުން މިސްކިތްތައް ބަންދުކުރީ މަރޗް މަހުގެ ތެރޭގައެވެ. މިސްކިތްތައް އަލުން ހުޅުވަން ނިންމީ ވައިރަސް ޖެހޭ މީހުންގެ ނިޞްބަތް މަދުވެ، ބައެއް ޞަރަޙައްދުތަކުން ވައިރަސް ކޮންޓްރޯލް ކުރެވުމާއި ގުޅިގެންނެވެ.
ކުވައިތުން މިހާތަނަށް 31,848 މީހުން ވައިރަސް އަށް ޕޮޒިޓިވްވެ، 264 މީހުން ވަނީ މަރުވެފަ އެވެ. އަދި ފަރުވާދީގެން 20,205 މީހުން ރަނގަޅު ކުރެވިފައިވާ އިރު، އަދިވެސް 11,379 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ. މީގެތެރެއިން 196 މީހެެއްގެ ޙާލު ވަރަށް ސީރިއަސް ކަމަށް ޚަބަރު ލިބެއެވެ.