ލުބުނާންގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތަކަށް ލުއި ދިނުމާއެކު އެގައުމުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ ފަރާތްތަކުން މަގުތަކަށް ނިކުމެއްޖެ އެވެ.
ހޮނިހިރު ދުވަހު މުޒާހަރާކުރާ މީހުން މަގުތަކަށް ނިކުމެފައިވަނީ އިނދަ ޖެހިފައިވާ އެގައުމުގެ އިގްތިޞާދު ނަގާކޮޅަށް ޖެހުމުގައި ސަރުކާރު ނުކުޅެދިފައި ވާތީ އެކަމާ ދެކޮޅަށެވެ. މުޒާހަރާކުރާ މީހުންނާ ދެކޮޅަށް އެގައުމުގެ ސަލާމަތީ ބާރުތަކުން ވަނީ ކަރުނަގޭހާއި ރަބަރު އުންޑަ ބޭނުންކޮށްފަ އެވެ. މުޒާހަރާ ކުރަމުން ދިޔަ މީހުން ވަނީ ސަލާމަތީ ބާރުތަކާ ދެކޮޅަށް ގައު އުކާފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތަކަށް ލުއި ދިނުމާއެކު ކުރި ފުރަތަމަ މުޒާހަރާ ކޮށްފައި މިވަނީ އެގައުމުގެ ސަރުކާރުން އިގްތިޞާދު ނަގާކޮޅަށް ޖެހުމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު(އައިއެމްއެފް) ގެ އެހީތެރިކަން ހޯދުމަށް މަޝްވަރާތައް ކުރަމުން ދަނިކޮށެވެ. މުޒާހަރާގެ ބައިވެރިންގެ ވަނީ ބެއިރޫތްގެ މަގުތައް ބަންދުކޮށް ފިހާރަތަކަށް ގެއްލުންދީފަ އެވެ. މުޒާހަރާގެ ބައިވެރިން ކޮންޓްރޯލް ކުރުމަށް ސަލާމަތީ ބާރުތަކުން ކަރުނަގޭސް ޖަހަމުންދިޔަ ވީޑިއޯ އެގައުމުގެ ޓީވީތަކުން ވަނީ ދައްކާފަ އެވެ.
މުޒާހަރާ ކުރަމުންދިޔަ ބައެއް މީހުން ވަނީ ރަނގަޅު ދިރިއުޅުމެއް ހޯދައިދީ އަވަހަށް އެގައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބެއް ބޭއްވުމަށް ގޮވާލާ ބެނަރ ތައް ގެންގުޅެފައެވެ. އަދި އެގައުމުގައި އަސްކަރީގޮތުން ހަރަކާތްތެރިވާ ހިޒްބުﷲގެ ބާރު ކަނޑުވާލުމަށްވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފަ އެވެ. އެގޮތުން ސަރުކާރަށްވުރެ މަތީގައި އަސްކަރީ ބާރެއް ހަރަކާތްތެރި ވަމުންދާހާ ހިނދަކު ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ނުކުރެވޭނެ ކަމަށް އެމީހުން ބުނަމުންދިޔަ އެވެ.
ލުބުނާންގެ ބޮޑުވަޒީރު ހަސަން ދިއަބް ޖެނުއަރީ މަހު ސަރުކާރާ ހަވާލުވީ އިރާނުން ހިމާޔަތްދީގެން ލުބުނާންގައި ހަރަކާތްތެރި ވަމުން އަންނަ ހިޒްބުﷲ ގެ އެހީތެރިކަމާއެކު އެވެ. އެގައުމުގެ ކުރީގެ ސަރުކާރު މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު ވައްޓާލާފައިވަނީ މީހުން މަގުތަކަށް ނިކުމެ މުޒާހަރާ ކޮށްގެންނެވެ.
މިކަންތައްތަކުގެ އަސަރު ލުބްނާންގެ އިގްތިޞާދަށް ވަނީ ވަރަށް ބޮޑަށް ކޮށްފަ އެވެ. އެގޮތުން އެގައުމުގައި ޕައުންޑްގެ އަގު ވަނީ މީގެކުރިން ދަށަށްނުދާ މިންވަރަށް ދަށަށްގޮސްފަ އެވެ. އަނެއްކޮޅުން ކޮވިޑް-19 އާ ގުޅިގެން އެގައުމުގެ ކުންފުނިތައް ބަނގުރޫޓް ވަމުންދާއިރު އެތައް ބައެއްގެ ވަޒީފާތައް ވަނީ ގެއްލިފަ އެވެ.
މުޒާހަރާކުރަން ނިކުމެ ހުރި ލޯޔަރެއް ކަމުގައިވާ މެރީ ނޫރް ބުނީ މިހުރިހާ ކަމެއް އަބަދު ހިނގަމުންދާތީ ވަކިން ޚާއްސަކޮށް އެގައުމުގެ އިގްތިޞާދު އިނދަ ޖެހިފައިވާތީ މީހުން މިހާރު ތިބީ ވަރަށް ބޮޑަށް ނުރުހުންވެ ރުޅިއައިސްފައި ކަމަށެވެ.