އައްޑޫގައި ވިޔަފާރިތައް ހުޅުވާފައި ހުންނަ ވަގުތުތައް އަލުން ކަނޑައަޅައި ގަޑިތަަކަށް ބަދަލު ގެނެސްފިއެވެ.
އައްޑޫސިޓީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލަމާރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 39 ވަނަ މާއްދާގެ (ޗ) އާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އެންގުމާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އިޢުލާނުގެ މައްޗަށް ރިޢާޔަތްކޮށް، އައްޑޫގައި ވިޔަފާރިތައް ހުޅުވާފައި ހުންނަ ވަގުތުތައް އަލުން ކަނޑައަޅާފައިވާކަމަށެވެ.
އެގޮތުން އައްޑޫގެ އަވަށްތަކުގެ ސޯޝަލް ސަޕޯޓް ޑެސްކްތަކުން ހުއްދަ ދޫކޮށްފައިވާ ފިހާރަތައް ހުޅުވައިގެން ޚިދުމަތްދެމުން ގެންދަންވާނީ ކޮންމެ ދުވަހެއްގެ ހެނދުނު 06:00ން 18:00ށް ކަމަށް ކައުންސިލުން ބުނެއެވެ. އަދި މިވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި ފިހާރަތައް ހުޅުވައިގެން ޚިދުމަތް ދިނުމަކީ މަނާކަމެއް ކަމަށާއި އަދި ޑެލިވަރީގެ ޚިދުމަތްވެސް ނުދެވޭނެ ކަމަށް އިއުލާނުގައިވެއެވެ.
އިއުލާނުގައި ބުނެފައިވާގޮތުން ކެފޭ ރެސްޓޯރެންޓްތައް ހުޅުވައިގެން ޚިދުމަތް ދެވޭނީ ކޮންމެ ދުވަހެއްގެ ހެނދުނު 06:00ން 22:00ށެވެ. މިވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި ކެފޭ ރެސްޓޯރެންޓްތައް ހުޅުވައިގެން ޚިދުމަތް ދިނުމަކީ މަނާކަމެއް ކަމަށާއި އަދި ޑެލިވަރީގެ ޚިދުމަތް ވެސް ނުދެވޭނެ ކަމުގައި ވަނީ ބުނެފައެވެ.
ނަމަވެސް، 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ވިޔަފާރިތަކަށް 24 ގަޑިއިރު ޚިދުމަތް ދެވޭނެއެވެ. އަދި ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓްތައް ހުޅުވައިގެން ޚިދުމަތްދޭއިރު ކައުންސިލުން ކޮށްފައިވާ ޢިޢުލާންތަކުގައި އާއްމުކޮށްފައިވާ ގައިޑްލައިންތަކަށް ވިޔަފާރިތަކުންނާއި އާއްމު ފަރާތްތަކުން ޢަމަލުކުރަމުން ގެންދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ.