ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ފްރާންސްގެ އިގްތިޞާދު މިއަހަރު 11 އިންސައްތަ އަށް ދަށަށްދާނެ ކަމަށް އެގައުމުގެ ފިނޭންސް މިނިސްޓަރ ބްރުނޯ ލި މެއަރ ވިދާޅުވެއްޖެ އެވެ.
ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ފްރާންސް އަކީ އެންމެ ވަރުގަދަ އަށް ލޮކްޑައުންގެ ފިޔަވަޅުތައް އެޅި އެއް ގައުމެވެ. މަރޗް މަހުގެ މެދުތެރޭގައި ލޮކްޑައުން ކުރުމަށްފަހު ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން ފަށާފައިވަނީ މެއި މަހުގެ 11 ވަނަ ދުވަހު އެވެ. ކެފޭތަކާއި ރެސްޓޯރެންޓްތައް އަދި ބަރތައް ހުޅުވާލާފައިވަނީ އަންގާރަ ދުވަހު އެވެ.
ފްރާންސްގެ އާރުޓީއެލް ރޭޑިއޯ ގައި ވާހަކަ ދައްކަވަމުން ބްރުނޯ ވިދާޅުވީ ވައިރަސް އިން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅުތަކުގެ ސަބަބުން އިގްތިޞާދަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ. އެގޮތުން އިގްތިޞާދު ގާތްގަޑަކަށް ހުއްޓިފައި އޮންނަތާ ތިން މަސް ވެފައިވާ ކަމަށް ބްރުނޯ ވިދާޅުވި އެވެ.
އެހެންކަމުން އިގްތިޞާދު އަލުން ނަގާ ކޮޅަށް ޖެހުމުގެ މަސައްކަތްކުރައްވާނެ ކަމަށާއި ކުރިޔަށް އޮތް އަހަރުގެ ބަޖެޓް ހަދަމުންދާނީ އިގްތިޞާދަށް މިއައި 11 އިންސައްތައިގެ ގެއްލުމަށް ބަލައިގެން ކަމަށެވެ.
ތިން ލައްކައަށް ވުރެ ގިނަ ކެފޭތަކާއި ރެސްޓޯރެންޓްތައް އަދި ބަރ ތައް ހުޅުވާލިނަމަވެސް އެމީހުންނަށް ސަރުކާރުން ދެމުންގެންދާ އެހީތެރިކަން މިއަހަރު ނިމެންދެން ދޭނެ ކަމަށް ބްރުނޯ ވިދާޅުވި އެވެ. ކެފޭތަކާއި ރެސްޓޯރެންޓްތައް ހުޅުވާލިނަމަވެސް އަދިވެސް އިގްތިސާދީ ގޮތުންވެސް އަދި އިޖުތިމާޢީ ގޮތުންވެސް ކުރަން ހުރި ބުރަ މަސައްކަތްތައް އޮތީ ކަމަށް ބްރުނޯ ވިދާޅުވި އެވެ.
ސަރުކާރުން މިހާރުވެސް ވަނީ ރީޓެއިލް ވިޔަފާރިތައް ބަންގްރޫޓްވުމުން ސަލާމަތްކުރުމަށް ބޮޑެތި ސަޕްލައި ޗެއިންސްތަކާއި ވާހަކަ ދައްކަމުންނެވެ. މީގެއިތުރުން އެކިއެކި ސެކްޓަރ ތައް ވަކިވަކިން ޕްލޭންތައް ހަދައިގެން އެހީތެރިކަން އަންނަނީ ފޯރުކޮށް ދެމުންނެވެ.