މި މަހުގެ ތިނެއްގެ ނިޔަލަށް ކުރިއަށްދާރަބިއަން ޓްރެވަލް މާކެޓް (އޭ.ޓީ.އެމް) ވާރޗުއަލްގައި މޯލްޑިވްސް މާރކެޓިންގްއެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) އިން ބައިވެރިވެއްޖެއެވެ.
މި ދަނޑިވަޅުގައި ފަތުރުވެރިކަމުގެ ސިނާޢަތަށް އަންނަމުންދާ ބަދަލުތަކާއި ކުރިމަތިވަމުންދާ ދަތިތަކުގެ މައްޗަށް ކުރިޔަށް ގެންދާ މި އިވެންޓާއި ގުޅޭގޮތުން އެމްއެމްޕީއާރުސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އޭޓީއެމްގެ ފަރާތުން އޭޓީއެމް ވާރޗުއަލް ކުރިއަށް ގެންދަން ނިންމާފައިވަނީ ކޯވިޑް-19 އާއި ގުޅިގެން މި އަހަރުގެ ޖޫން 28އިން ޖުލައި އެކަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފެއާރ ފަސްވުމާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ އެކި ފަރާތްތައް ގުޅުވައިދިނުމުގެ ގޮތުން ކަމަށެވެ.
އެމްއެމްޕީއާރުސީ އާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ދިވެހިރާއްޖޭގެ އެކި ކުންފުނިތަކުން ވަނީ މި ވާރޗުއަލް އިވެންޓުގައި ބައިވެރިވެފައެވެ. އާންމު ގޮތެއްގައި ފެއާ ތަކުގައި ބައްދަލުވުންތަށް ކުރިޔަށް ދާހެން، މި ވާރޗުއަލް އިވެންޓުގައި ވެސް ދުނިޔޭގެ އެކި ކަންކޮޅު ތަކުގެ އެގްޒިބިޓަރުންނާއި ބަޔަރުން އަދި ޒިޔާރަތް ކުރާ ފަރާތްތަކާ އެކު ބައްދަލުވުން ކުރިޔަށް ގެންދިއުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެން ދާނެކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އެގޮތުންމި ވާރޗުއަލް ފެއާ ވެގެންދާނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފަތުރުވެރިކަމުގެ ފަރާތްތަކާ ގުޅުވައިދޭ ރަނުގެ ފުރުސަތަކަށް ކަމަށްވެސް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ. ތިން ދުވަހަށް ކުރިއަށްދާ މި ވާރޗުއަލް ފެއާގައި އެމްއެމްޕީއާރުސީން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބައިވެރިންނާއި ބައްދަލުކުރުގެ އިތުރުން ފަތުރުވެރިކަމުގެ ސިނާޢަތުގެ މާހިރުން ހުށަހަޅާ ލައިވް ވެބިނާ ތަކުގައި ބައިވެބައިވެރިވާނެއެވެ.
ދިވެހިރާއްޖެ އަންނަ މަހު އަލުން ފަތުރުވެރިންނަށް ހުޅުވާލުމަށް ގަސްތުކޮށްފައިވާއިރު، މި އިވެންޓުގެ ޒަރިއްޔާއިން ފަތުރުވެރިކަން ކުރިއަށް ގެންދާނެ ގޮތުގެ ވަރަށް މުހިންމު ތަފްސީލުތައް ލިބިގެންދާނެކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި މި އިވެންޓުން ލިބޭ މަޢުލޫމާތު ފަތުރުވެރިކަމާއި ގުޅޭ އާ ގައިޑްލައިން ތައްޔާރުކުރުމަށާއި އަދި ރާއްޖެ އެންމެ އެކަށީގެންވާ މަންޒިލްގެ ގޮތުގައި ކުރިއަށް އޮތް ތަނުގައި އިޝްތިހާރު ކުރަމުގައި ބޭނުންކުރާނެއެވެ.
2019 ވަނަ އަހަރު 60,003 ފަތުރުވެރިން ވަނީ މެދު އިރުމަތިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު މިއީ 2013 ވަނަ އަހަރާއި އަޅާ ބަލާއިރު %15.1ގެ ކުރިއެރުމެކެވެ. އަދި މިދިޔަ އަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު، ކޯވިޑް19 އާ އެކު ވެސް މިއަހަރު ޖަނަވަރީ މަހުގައި އެ މާކެޓުން ދިވެހިރާއްޖެ ޒިޔާރަތްކުރިފަތުރުވެރިންގެ އަދަދު ވަނީ %73.7 އިތުރުވެފަ އެވެ.
ދިވެހިރާއްޖެ އަލުން ފަތުރުވެރިންނަށް މަރުހަބާ ކިޔަން ތައްޔާރުވަމުން އަންނައިރު ކޯވިޑް-19 އާއިއެކު އެމްއެމްޕީއާރުސީން ވަނީ ދިވެހިރާއްޖެ މާކެޓު ކުރާނެ އައު ގޮތްތައް ވިސްނާ ޑިޖިޓަލް އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުގައި އިޝްތިހާރުކުރުން އިތުރުކޮށްފައެވެ.