އައު ކައުންސިލް އިންތިޚާބެއް ބޭއްވެންދެން ކައުންސިލަރުންގެ ދައުރު އިތުރުކޮށް ޤާނޫނުއަސާސީއަށް ގެންނަ އިޞްލާޙުތަކާއިއެކު އިންތިޚާބެއް ބޭއްވެންދެން ކައުންސިލް މެންބަރުން ޢަމަލު ކުރާނެ ޚާއްޞަ ޤާނޫނުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މި ބިލު ފާސްކޮށްފައި ވަނީ މި ބިލަށް މަޖިލީހުގެ ތަޅުމުން ގެނައި އިޞްލާޙު ތަކާއެކު އެވެ. މި ބިލު ފާސްކޮށްފައި ވަނީ 73 މެންބަރުންގެ އިއްތިފާޤުންނެވެ.
މި ބިލަކީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ ބިލެކެވެ. މި ބިލު ލާމަރުކަޒީ ކޮމިޓީން ދިރާސާކުރުމަށް ފަހު ހުކުރު ދުވަހުގެ ރޭ ކުރިޔަށް ގެންދިޔަ ޖަލްސާއަށް ވަނީ ކޮމިޓީ ރިޕޯޓު ހުށަހަޅާފަ އެވެ.
މި ބިލަށް ތަޅުމުން ގެނައި އިޞްލާޙުތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ވެގެންދާ އިޞްލާޙަކީ ބިލަށް ތުޅާދޫ ދާއިރާގެ މެންބަރ ޙިސާން ޙުސައިން ހުށަހެޅުއްވި އިޞްލާޙެވެ. އެއީ މިހާރު ހިނގަމުންދާ ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ ބޯޑު އުވާލާ އަލުން ބޯޑެއް އެކުލަވާލަން ޖެހޭގޮތަށް ހުށަހެޅުއްވި އިޞްލާޙެވެ. އަދި އަލުން އެކުލަވާލާ އެލްޖީއޭގެ ބޯޑުން އަދާކުރަން ޖެހޭ ޒިންމާ ތަކާއި މަސްއޫލިއްޔަތު ތަކަކީ މި ބިލުން ބަޔާންކުރާ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ކަަމަށްވެސް އެ އިޞްލާޙުގައި ބުނެފައިވެ އެވެ.
މި ބިލުގައި އޮތް ގޮތުން ކައުންސިލްތަކަށް 6 މަސް ދުވަހަށް ވުރެ ދިގު މުއްދަތަކަށް އެއްވެސް ބިމެއް އެލްޖީއޭގެ ހުއްދަ ނެތި . އަދި ކައުންސިލަށް މުވައްޒަފުން ވެސް ނެގޭނީ އެލްޖީއޭގެ ހުއްދަ ދިނުމުންނެވެ. ބޮޑެތި ބާރުތަކެއް އެލްޖީއޭއަށް މި ޙާލަތުގައި ދިނުމަށް ވަނީ ނިންމާފަ އެވެ.