ކައުންސިލް އިންތިޚާބެއް ބޭއްވެންދެން މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ދެމިގެންދާ ގޮތަށް ޤާނޫނު އަސާސީ އަށް އިޞްލާޙު ގެނެސްފި އެވެ.
ހޯމަ ދުވަހުގެ ދަންވަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގެ ދެ ވަނަ ޖަލްސާގައި ޤާނޫނު އަސާސީއަށް އިޞްލާޙު ގެނައުމަށް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 74 މެންބަރުންގެ އިއްތިފާޤުން ނެވެ.
ކޮވިޑް-19 އާ ގުޅިގެން އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލްތަކުގެ އިންތިޚާބު ވަނީ ފަސް ކުރެވިފަ އެވެ. އެއާއެކު މިހާރު އިންތިޚާބު ކުރެވިފައިވާ ކައުންސިލްތަކުގެ މުއްދަތު ޖޫން މަހުގެ 3 ވަނަ ދުވަހު ހަމަވާތީ އެކަމަށް ޙައްލެއް ގެނައުމަށް ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ 5 ވަނަ ޤާނޫނަށް އިޞްލާޙު ގެނައުމަށް ހުށަހެޅުއްވީ ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަލީމެވެ.
މި ބިލުގެ ބަހުޘް މަރުޙަލާގައި މި ޙާލަތުގައި ޤާނޫނުއަސާސީ އިޞްލާޙު ކުރެވޭނެތޯ މެންބަރުންގެ މެދުގައި އުފެދުނު ޚިޔާލު ތަފާތުވުން ތަކާއެކު އެންމެފަހުން މަޖިލީހުން ވަނީ މިކަމުގައި އިސްތިޝާރީ ލަފަކަށް ސުޕްރީމް ކޯޓުގައި އެދިފަ އެވެ.
މިކަމާއި ގުޅިގެން ސުޕްރީމް ކޯޓުން ވަނީ އިސްތިޝާރީ ލަފައެއް ނެރެފަ އެވެ. މިލަފާގައި ވަނީ ޤާނޫނުއަސާސީގައި އިންތިޤާލީ މާއްދާއެއް ހިމެނުމަށެވެ. އަދި ޤާނޫނުއަސާސީ އަށް އިޞްލާޙު ނުގެނެސް، ކައުންސިލަރުންގެ ދައުރު ދައްމާނުލެވޭނެ ކަމަށް ލަފާގައި ވެއެވެ. ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް ބަދަލު ގެނައުމުގެ ބަދަލުގައި މި މަޤުޞަދު ޙާޞިލު ކުރުމަށްޓަކައި ޤާނޫނުއަސާސީގެ 13 ވަނަ ބާބުގެ ފަހަތުގައި ވަކިން އިންތިޤާލީ މާއްދާއެއް ހިމެނުމަކީ ވެސް އެންމެ ރަނގަޅުގޮތެއް ކަމަށް ފެންނަ ކަމަށް ސުޕްރީމް ކޯޓުގެ ލަފާގައި ރަޢުޔުގައި ވިދާޅުވެފައި ވެއެވެ.
މި މައްސަލަ މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކުރުމަށް ފަހު ނިންމާފައި ވަނީ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާ އަށް (ޅ) އަދި (ކ) އިތުރު ކުރުމަށެވެ. އެގޮތުން (ޅ) ގައި ބުނެފައި ވަނީ 3 ޖޫން 2017 ގައި އިންތިޚާބު ކޮށްފައިވާ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތކާއި ސިޓީ ކައުންސިލްތަކުގެ އުމުރު ހަމަވާއިރު އެ ކައުންސިލްތަކަށް އައު މެންބަރުން އިންތިޚާބު ނުކުރެވިއްޖެ ހިނދެއްގައި އެ ކައުންސިލްތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވަން ޖެހޭ އިންތިޚާބު ބާއްވާ އެ ކައުންސިލްތަކަށް އަލަށް އިންތިޚާބު ކުރެވޭ މެންބަރުން އެމީހުންގެ މަޤާމާއި ޙަވާލުވަންދެން މިހާރު އިންތިޚާބުކޮށްފައިވާ އަދި މަޤާމުގައި ދެމިތިބި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެންބަރުން އެމީހެއްގެ މަޤާމުގައި ދެމިތިބޭނެ ކަމަށެވެ.
އަދި (ކ) ގައި ބުނެފައި ވަނީ މި މާއްދާގެ (ޅ) ގައި ބަޔާން ކުރާ އިންތިޤާލީ މުއްދަތުގައި މަޤާމުގައި ދެމި ތިވޭ ކައުންސިލްތަކުގެ މެންބަރުން މަޤާމުގައި ދެމި ތިބޭއިރު އެ މެންބަރުން ޢަމަލު ކުރާނީ އިންތިޤާލީ އުޞޫލުތައް ރައްޔިތުންގެ މަޖިލީހުގައި ފާސްކުރާ ޤާނޫނެއްގައި ކަނޑައަޅަންވާނެ ކަމަށެވެ.