ޤާނޫނުއަސާސީ އިޞްލާޙު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިޞްލާޙު ގެނައުމުގެ ބިލަށް އެހި ވޯޓުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެ ވަޑައިގެންފި އެވެ.
މިހާރު ހިނގަމުންދާ ލޯކަލް ކައުންސިލްތަކުގެ ދައުރު ހަމަވާތީ އާއި، އަދި ކޮވިޑް-19ގެ ސަބަބުން އައު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވޭނެ މާޙައުލެއް ނެތުމުން، އިންތިޚާބު ވަކި ތަރީޚެއް ނެތްގޮތަށް ފަސްކުރަން ޖެހި، އަދި ލޯކަލް ކައުންސިލްތަކަށް ދިމާވާނެ ޤާނޫނީ ހުސްކަމަށް ޙައްލެއް ހޯދުމަށްޓަކައި ޤާނޫނުއަސާސީއަށް އިޞްލާޙު ގެންނަން އަންގާރަ ދުވަހުގެ ރޭ މެންދަމު 01:30 ގައި ވަނީ ޖަލްސާއެއް ބާއްވާފަ އެވެ.
ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ މި ބިލު ފާސް ކުރުމަށް ނެގޭ ވޯޓުގައި އެމަނިކުފާނަށް ބައިވެރިވެ ވަޑައިގެންނެވޭނެ ކަމަށް މަޖިލީހުގެ އިދާރާއިން ލަފާ ލިބިވަޑައިގެންފައި ވާކަމަށެވެ.
މަޖިލީހުގެ ރައީސް ޤާނޫނުއަސާސީ އަށް އިޞްލާޙު ގެނައުމަށް ވޯޓު ދެއްވިއިރު، ޖުމުލަ 74 މެންބަރުންގެ ވޯޓާއެކު ޤާނޫނުއަސާސީ އިޞްލާޙު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިޞްލާޙު ގެނައުމުގެ ބިލު ވަނީ ފާސްކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ބުނާގޮތުން މަޖިލީހުގައި ނެގޭ ވޯޓެއްގައި މަޖިލީހުގެ ރައީސަށް ވޯޓު ދެއްވޭނީ ކަމަކާއި މެދު ނަގާ ވޯޓުގެ ފެންނަ ނުފެންނަ ޢަދަދު ހަމަހަމަ ވެއްޖެ ހާލަތެއްގަ އެވެ. އަދި މަޖިލީހުގެ 2/3 (ތިން ބައިކުޅަ ދެބައި) ވޯޓުން ނުވަތަ 3/4 (ހަތަރުބައި ކުޅަ ތިންބައި) ގެ ވޯޓުން ނިންމަން ޖެހޭ ކަމެއް ގައެވެ.