މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދަށް މަޤާމުގެ ޒިންމާ އަދާނުކުރެއްވޭ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމެޓީން ނިންމި ނިންމުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ހޯމަ ދުވަހުގެރޭ ބޭއްވުމަށް ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ ހޯމަ ދުވަހުގެރޭ 11:30 ގަ އެވެ. މަޖިލީހުގެ ކޮމެޓީތަކުން ހުށަހަޅާ ކަންކަމުގެ އެޖެންޑާގެ ދަށުން، މި ޖަލްސާގައި ކުރިއަށްދާނީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް އެގާނޫނުގެ 86 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ހެދިފައިނުވާތީ، އެ މައްސަލަ ގަވާއިދު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް މެމްބަރުން ބަހުސް ކުރުމެވެ. އޭގެ ފަހުން އެރިޕޯޓް ފާސްކުރުމާމެދު މަޖިލީހުގެ ޖަލްސާއިން ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ.
މިނިސްޓަރު ޒަހާ ވަހީދު، މަގާމުގެ ޒިންމާ އަދާ ނުކުރައްވާ ކަމަށްބުނާ، މިމައްސަލާގައި މިދިއަ ހޮނިހިރު ދުވަހު ބޭއްވި ޖަލްސާގައި ވެސް ގިނަ މެމްބަރުން ވަނީ، ބަހުސް ކުރައްވާފަ އެވެ. އެގޮތުން، މިނިސްޓަރު ޒަހާ ވަހީދަށް މަޤާމުގެ ޒިންމާ އަދާނުކުރެއްވޭ ކަމަށާއި، މަގާމުން އިސްތިއުފާ ދެއްވުމަށް ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ ގޮވާލައްވާފަ އެވެ.
ސަރުކާރާއި އެމްޑީޕީގެ އެންމެ މުހިއްމު އެއް ވައުދު ކަމަށްވާ މަސްވެރިކަމާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދު ހެދުމުގައި ޒަހާ ވަހީދު އިހުމާލުވެފައިވާ ކަަމަށާއި މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވައި، ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެއެވެ. އަދި އިސްތިއުފާ ނުދެއްވާނަމަ، އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައި، މަގާމުން ވަކިކުރެއްވުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށް ބައެއް މެމްބަރުން ވިދާޅުވެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ކޮމެޓީން މިނިސްޓަރ ޒަހާ ވަހީދު މަޤާމުގެ މަސްއޫލިއްޔަތު އަދާ ނުކުރައްވާ ކަމަށް ނިންމާފައިވަނީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހެދުމަށް ލާޒިމުކޮށްފައިވާ ގިނަ ޤަވާއިދުތަކެއް ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ނުނިމިވާކަން ކޮމެޓީއަށް ފާހަގަ ކުރެވިފައިވާތީ އެވެ. އެ ޤަވާއިދުތައް 90 ދުވަހުގެ ތެރޭގައި ނިންމުމަށް ޤާނޫނުގައި ބުނެފައިވެއެވެ. ދިވެހިރާއްޖޭގެ މަސްވެރިކަމާބެހޭ ގާނޫނު ތަސްދީގު ކުރައްވައި ގެޒެޓް ކުރައްވާފައިވަނީ މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ. އެގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް 90 ދުވަހުގެ ތެރޭގައި ހަދަންޖެހޭނެ ކަމަށްބުނެފައިވާއިރު، އެ ގަވާއިދުތައް ނުހެދި މިއަދަށް މިވަނީ 8 މަސް ދުވަހަށްވުރެ ގިނަ ދުވަސް ނުވަތަ 255 ދުވަސް ފާއިތުވެފަ އެވެ.
މަސްވެރިކަމުގެ ޤާނޫނުން ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދަށް މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް ޤަނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި އަދާނުކުރެއްވުމުގެ ސަބަބުން އަދި އެ މުއްދަތު ފަހަނައަޅާ ދިޔަ ފަހުން، މިއަދާ ހަމައަށް ވެސް އެ މަސްއޫލިއްޔަތު އަދާކުރައްވާފައި ނުވާތީ، މިނިސްޓަރ ޒަހާ ވަހީދު ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނާ ޚިލާފުވެ ވަޑައިގަންނަވާފައިވާ ކަމަށް ކޮމެޓީގެ ނިންމުމުގައި ވެއެވެ. ކޮމެޓީން މިގޮތަށް ނިންމާފައި ވަނީ ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންނެވެ.
މި މައްސަލަ ކޮމެޓީން ދިރާސާ ކުރަމުންދިޔައިރު، ކޮމެޓީގެ ބައްދަލުވުމަށް މައުލޫމާތު ދެއްވުމަށް ކޮމެޓީއަށް ވަޑައިގެންނެވުމަށް އެދުމުން ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ކޮމެޓީއަށް ވެސް ވަޑައިގަންނަވާފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން އަދި ޚާއްްޞަކޮށް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ބައެއް މެންބަރުން ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު މަޤާމުގެ މަސްއޫލިއްޔަތު އަދާ ނުކުރައްވާ ކަމަށް މަޖިލީހުގެ ބައެއް ޖަލްސާތަކުގައި މީގެ ކުރިންވެސް ތަކުރާރުކޮށް ވިދާޅުވެފައި ވެއެވެ.
އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް މަސްވެރިކަމާ ބެހޭ ތިން ޤަރާރެއް ހުށަހަޅާފައިވެއެވެ. އަދި މަސްވެރިކަން އިތުރަށް ތަރައްޤީކޮށް، ކުރިއެރުވުމަށް، ޚާއްޞަ ވަޢުދު ތަކަކާއެކު އެކުލަވާލެވުނު އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ސަރުކާރުގެ ކަމާބެހޭ މިނިސްޓަރުގެ އެއްބާރުލުން ނުލިބޭކަން ފާހަގަކުރައްވާ، ބައެއް މެންބަރުން މިނިސްޓަރ ޒަހާ ވަހީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި ވެސް ވެއެވެ.
އެމްޑީޕީގެ "އެޖެންޑާ 19"ގައި މަސްވެރިކަން އިތުރަށް ތަރައްޤީކޮށް، ކުރިއެރުވުމަށް ގިނަ ކަންތައްތަކެއް ހިމަނާފައިވެއެވެ. އަދި ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ވެސް މިކަންކަން ހިމެނެ އެވެ.