ކ. މާލެ
|
31 މެއި 2020 | އާދީއްތަ 14:29
މާލޭގެ ހުކުރު މިސްކިތް: ރާއްޖޭގެ އާސާރީ އަދި ގައުމީ ތަރިކައެއް، އަދި މިއީ ރާއްޖޭގައި މިހާރުވެސް ބޭނުންކުރަމުންދާ އެންމެ ދުވަސްވީ އެއްބިނާ
މާލޭގެ ހުކުރު މިސްކިތް: ރާއްޖޭގެ އާސާރީ އަދި ގައުމީ ތަރިކައެއް، އަދި މިއީ ރާއްޖޭގައި މިހާރުވެސް ބޭނުންކުރަމުންދާ އެންމެ ދުވަސްވީ އެއްބިނާ
މުހައްމަދު ޝަރުހާން
ހުކުރު މިސްކިތް އަލުން ހުޅުވުން
ޖަމާއަތުގައި ނަމާދު ކުރަން ހުޅުވާލާއިރު ހުކުރު މިސްކިތް ހުޅުވާލެވޭނެ: ހެރިޓޭޖް
 
މިސްކިތް ބަންދުކުރީ މިދިއަ އަހަރުގެ ސެޕްޓެމްބަރު 13 ވަނަ ދުވަހުގެ ހުކުރު ނަމާދަށްފަހު
 
ކަތުރުފަނި އަޅާފައިވާތީ 'ޓްރީޓްމަންޓް' ދިނުމަށްފަހު ނިންމީ މިސްކިތުގެ މަރާމާތުކޮށް އާބާތުރަ ފިލުވުމަށްފަހު، ހުޅުވަން، އިންޑިއާގެ އެހީގައި
 
މިސްކިތް ބަންދުކުރީ ވަރަށް ބޮޑަށް ކަތުރުފަނި އަޅައިގެން، އެކަމަށް ފަރުވާދޭން

ކޮވިޑް-19 ރޯގާ އާގުޅިގެން، ފުރަބަންދުކޮށްފައިވާ މާލެ ސަރަހައްދު، ފުރަބަންދު ނިމި، ނުވަތަ މާލެ ސަރަހައްދުގެ މިސްކިތްތަކުގެ ޖަމާއަތުގައި ނަމާދުކުރުން ވަގުތީ ގޮތުން ހުއްޓާލާފައި އޮތްއޮތުން، ނިމުމަކަށް ގެނެސް، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ހުއްދަ ދޭއިރު، ހުކުރު މިސްކިތް ހުޅުވާލެވޭނެ ކަމަށް މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްއިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީން އާދިއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި، މަރާމާތު ކުރުމަށާއި އާބާތުރަ ފިލުވުމަށް މާލޭގައި ހުންނަ ހުކުރު މިސްކަތް ބަންދުކޮށްފައި ހުންނަތާ ވަރަށް ގިނަ ދުވަސްވެފައި ވާތީ، ކޮމެޓީގެ މުގައްރިރު އަދި ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ ކުރެއްވި ސުވާލަކާއި ގުޅިގެން، އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވީ، ހުކުރު މިސްކިތް މަރާމާތު ކުރުމާއި އާބާތުރަ ފިލުވުމުގެ އަމަލީ މަސައްކަތް ހުއްޓިފައިވާ ކަމަށެވެ. އަދި މަސައްކަތް ކުރިއަށް ގެންދިއުމާ މެދު އާދިއްތަ ދުވަހުވެސް އިންޑިއަން ހައިކޮމިޝަނާއެކު މަޝްވަރާ ކުރެއްވި ކަމަށާއި ލަފާ ކުރެވޭގޮތުން، މިއަހަރުގެ ސެމްޓެންބަރު ނުވަތަ އޮކްޓޯބަރުގެ ކުރިން އަމަލީ ގޮތުން މަސައްކަތް ފަށައިގަނެވޭނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ހުޅުވާލާއިރު، ހުކުރު މިސްކިތް ވެސް ހުޅުވާލުމާމެދު ވިސްނަމުން ގެންދަވާ ކަމަށެވެ.

ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ، މުހައްމަދު ޠާރިޤް ވިދާޅުވީ، ހުކުރު މިސްކިތް ބަންދު ކުރީ، "ހިނި ހޮރަކުން ހިނި ނިކުންނަހެން" ކަތުރުފަނީގެ ސަބަބުން އެމިސްކިތް ހަލާކު ވަމުންދާތީ ކަމަށެވެ. އެކަން ހައްލުކުރުމަށްޓަކައި ދޭންޖެހޭ "ޓްރީޓްމަންޓް" ދިނުމަށް ފަހު، ކަތުރުފަނީގެ މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ހުކުރު މިސްކިތް ބަންދުކުރި ވަގުތަކީ އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު، ފަންނީ ބޭފުޅުންގެ ޓީމެއް ރާއްޖެއައިސް އުޅުނު ދުވަސްވަރެއް ކަމުން، އެޓީމުގެ ބޭފުޅުން ހުކުރު މިސްކިތަށް ވަޑައިގެން އެތަނުގެ ހާލަތު ބެއްލެވި ކަމަށެވެ. އެ ބޭފުޅުންގެ ވެސް އިރުޝާދު ދެއްވީ މިސްކިތް މަރާމާތުކޮށް، އާބާތުރަ ފިލުވުމަށް ފަހު އަލުން ހުޅުވުން ކަމަށްވެސް ޠާރިޤް ވިދާޅުވި އެވެ.

އެގޮތުން، ހުކުރު މިސްކިތަށްދާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާފައި، އިސްލާމިކް މިނިސްޓްރީއާއި ޘަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒާއެކު މަޝްވަރާ ކުރުމަށް ފަހު ހުކުރު މިސްކިތް މަރާމާތު ކުރުމަށް ބަންދުކުރަން ނިންމީ ކަމަށްވެސް ޠާރިޤް ވިދާޅުވި އެވެ.

ޠާރިޤް ވިދާޅުވީ މިސްކިތް މަރާމާތު ކުރުމަށް އިންޑިއާއެކު ވާހަކަ ދައްކަނީ "ހަމަ އިންޑިއާ" ވެގެންނޫން ކަަށާއި އިންޑިއާއަކީ 1986 ވަނަ އަހަރުވެސް ހުކުރު މިސްކިތުގެ 'ޕްރިޒަވޭޝަން އެންޑް ކޮންޒަވޭޝަން' ގެ މަސައްކަތް ކުރެއްވި، މިކަމުގެ ފަންނުވެރި ބޭފުޅުން ތިއްބެވި ގައުމެއް ކަމަށްވާތީ ކަމަށެވެ. އަދި ހުކުރު މިސްކިތުގައި ބޭނުންކޮށްފައިވާ ގަލާއި ލަކުޑީގެ 'ސާމްޕަލްތައް' ނަގައި، އިންޑިއާގެ ނޭޝަނަލް ލެބޯޓަރީގައި ތަހުލީލުތަކެއްކޮށް، ދިރާސާކެއް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެކަމުގެ ތަޖުރިބާ އިންޑިއާގައި ހުރުމާއެކު އެމީހުންގެ ލަފަޔާއި އިރުޝާދު ހޯދަމުންދާ ކަމަށްވެސް ޠާރިޤް ވިދާޅުވި އެވެ.

ނަމަވެސް ޠާރިގް ވިދާޅުވީ، ހުކުރު މިސްކިތް މަރާމާތު ކުރުމާއި އާބާތުރަ ފިލުވުމުގެ އަމަލީ މަސައްކަތް ނުކުރެވި ހުންނަތާ ވަރަށް ގިނަ ދުވަސް ވެފައިވާކަން ގަބޫލު ކުރައްވާ ކަމަށެވެ. އަމަލީ މަސައްކަތް ލަސްވަމުން ދާތީ މި ނިމުނު ރަމަޟާން މަހަށް މިސްކިތް ހުޅުވާލުމުގެ ވިސްނުން ގެންގުޅުއްވި ކަމަށާއި ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ހުޅުވުން މަޑުޖައްސާލަން ޖެހުނީ ކަމަށްވެސް ޠަރިޤް ވިދާޅުވި އެވެ.

ނަމަވެސް، މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ލިބޭއިރު ހުކުރު މިސްކިތްވެސް ހުޅުވާލުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށްވެސް ޠާރިޤް ވިދާޅުވި އެވެ.

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމާއި މަރާމާތު ކުރުމަށް ހެރިޓޭޖް މިނިސްޓްރީން ބަންދު ކުރީ މިދިއަ އަހަރުގެ ސެޕްޓެންބަރު މަހުގެ 13 ވީ ހުކުރު ދުވަހުގެ ހުކުރު ނަމާދަށް ފަހުގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް