ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެކި ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެނބުރި ރާއްޖެ ނާދެވިފައި ތިބި 103 ދިވެއްސަކު ރާއްޖެ ގެނެސްފި އެވެ.
މިކަން ހާމަކޮށް ފޮރިން މިނިސްޓްރީން ބުނެފައި ވަނީ، 3 ޤައުމެއްގައި ތިބި 103 ދިވެހިންނާއެކު އާދީއްތަ ދުވަހުގެ ހެނދުނު ސްރީލަންކަން އެއަރލައިންސްގެ ފްލައިޓް ރާއްޖެ އައިސްފައިވާ ކަމަށެވެ. މި ފްލައިޓްގައި ރާއްޖެ އައީ ބެލަރޫސް އަދި އިނގިރޭސި ވިލާތުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެއަށް އަންނަން ބޭނުންވި ފަރާތްތަކާއި، ސްރީލަންކާގައި މިވަގުތު ތިބި ދިވެހިންގެ ތެރެއިން ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދެމުން އައި ފަރާތްތައްކަމަށް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.
ސްރީލަންކާގައި ތިބިހަމައެކަނި ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް ގެނެސްފައި ވަނީ ފްލައިޓްގައި ލިމިޓެޑް ސީޓް ހުރުމުންނެވެ. ފްލައިޓުން ރާއްޖެ އައިސްފައި ވަނީ، ބެލަރޫސްއިން 48 ދިވެހިންނާއި ޔޫކޭއިން 23 ދިވެއްސެއްގެ އިތުރުން ސްރީލަންކާއިން 32 ދިވެހިންނެވެ. އެ ފަރާތްތައް އާދިއްތަ ދުވަހުގެ 11:00ގައި ކަރަންޓީން ފެސިލިޓީތަކަށް ގެންދެވޭނެއެވެ.
މި ފަރާތްތައް ދޫކުރެވޭނީ، 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަ ކުރުމަށް ފަހުގައެވެ.