މިމަހުގެ ތެރޭގައި މާލެ އަށް ކުރި މޫސުމީ ވިއްސާރަގަ އެކަނިވެސް 1.4 މިލިއަން ރުފިޔާގެ ގެއްލުންވި ކަމަށް މާލެ ސިޓީން ބުނެފި އެވެ.
ހުކުރު ދުވަހުގެ ރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ޝިފާ ވިދާޅުވީ، މިމަހުގެ ތެރޭގައި މާލެއަށް ކުރި މޫސުމީ ވިއްސާރައިގެ ސަބަބުން މާލެއަށް އެކަނިވެސް 1.4 މިލިއަން ރުފިޔާގެ ގެއްކުމެއްވެފައިވާ ކަމަށެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި، މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ. ބައެއް ރަށްރަށުގެ ގޭގެއަށް ފެން ވަދެ، އަދި ބޮޑެތި ގަސްތައް ވެއްޓި، ގޭގެ ފުރާޅުޓިނުތައް ނެއްޓިގެން ދިއުންފަދަ ބޮޑެތި ގެއްލުންތައް ވެފައި ވެއެވެ.
މާލެއިން ހުރި ބޮޑެތި ބައެއް ގަސްތަކާއި، އަދި ޕާކްތައްފަދަ ތަންތަނަށްވެސް ގެއްލުންތަކެއް ވެފައި ވެއެވެ. އެގޮތުން އެންމެބޮޑު ގެއްލުމެއް ވެފައިވަނީ އެނގިފައިވާގޮތުގައި 'ރަސްފަންނު' އަށެވެ.
ޝިފާ ވިދާޅުވީ، ކޮވިޑް-19 ރޯގާއާ ގުޅިގެން މާލެ ސަރަަހައްދުގައި ބަންދުކޮށްފައިވާ ޕާކްތައް ހުޅުވުމުގެ ވިސްނުން އަދި ނުގެންގުޅުއްވާ ކަމަށާއި، ސަބަބަކީ، ޕާކްތައް ހުޅުވައިފިނަމަ، ކޮވިޑް-19 ރޯގާހުރި މީހަކު އޮޅިގެން ނުވަތަ ނޭނގިނަމަވެސް ޕާކަށް ގޮސްފިނަމަ، އެޕާކަށް ދާ ގިނަ ބަޔަކަށް ކޮވިޑް-19 ރޯގާ ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ފެންނާތީ ކަމަށެވެ. އަދި މިވަގުތު ޕާކްތައް ހުޅުވުމަކީ އެހާ ރައްކާތެރިގޮތެއް ނޫންކަމަށްވެސް ޝިފާ ވިދާޅުވި އެވެ.
ޝިފާ ވިދާޅުވީ، މާލެ ސަރަހައްދުގެ ފުރަބަންދަށް ލުއިކަމެއް ދޭން ނިންމާފައިވާތީ، ޕާކްތަކަށް ކުޑަކުދިންނާއި ދުވަސްވީ މީހުން ގޮސް ހިތްހަމަޖައްސާލުމުގެ ގޮތުން ހުޅުވުމުގެ މަޝްވަރާތަށް ކުރެވުނު ނަމަވެސް، ފުރަބަންދަށް ލުއިދިނުމަށް ހިންގާ ފުރަތަމަ ފޭސްގައި ޕާކްތައް ނުހުޅުވަން ނިންމާފައިވާ ކަމަށެވެ.
ނަމަވެސް ޝިފާ ވިދާޅުވީ، މިހާރު ޕާކްތައް ސާފުކޮށް، ރީތި ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތްތާނގައި ފުރަބަންދަށް ލުއިތައް ދެމުންދާވަރަކުން، އަދި ކޮވިޑް-19 ރޯގާގެ ހާލަތު ރަނގަޅުވަމުންދާ ވަރަކުން ޕާކްތައް ހުޅުވިގެންދާނެ ކަމަށެވެ.