ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް ވައިޓް އެލަރޓް ނެރެފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ، ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް އަދި ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވަނީ ވައިޓް އެލަރޓް ނެރެފައެވެ. މެޓް އޮފީހުން ބުނެފައި ވަނީ، އެ ސަރަހައްދަށް ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުރާސްފަތި ދުވަހުގެ ރޭ 08:00ން ހުކުރު ދުވަހު ހެނދުނު 8:00ށް މޫސުން ކުރިޔަށް ލަފާކުރާ ގޮތް ޢާންމުކޮށްފައި ވާއިރު، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައި ވެއެވެ.
އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވަނީ ބުނެފައެވެ.
ބޯކޮށް ވާރޭ ވެހި، ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީވެ، ޢާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.