ކޮވިޑް-19 ޖެހިގެން އެމެރިކާއިން މަރުވީ މީހުންގެ އަދަދު ސަތޭކަ ހާހަށް ވުރެ މައްޗަށް އަރައިފި އެވެ.
ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީގެ އެންމެ ފަހުގެ ޑޭޓާތަކަށް ބަލާއިރު، މުޅި ދުނިޔެއިން 5.6 މިލިއަން މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، 350،000 މީހުން ވައިރަސްގައި މަރުވެފައިވާ ވާއިރު، އެންމެ ގިނަ އަދަދަކަށް ވައިރަސް އަށް ޕޮޒިޓިވްވީވެސް އަދި މަރުވީ ވެސް އެމެރިކާއިންނެވެ. މުޅި ޔޫރަަޕަށް ބަލާއިރު ކޮވިޑް-19 ގައި މަރުވެފައިވަނީ 170،000 މީހުންނެވެ. އެހެންނަމަވެސް މިދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި އެމެރިކާ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 100،000ށް އަރާފަ އެވެ.
އެންމެ ފަހުގެ ޑޭޓާތަކަށް ބަލާއިރު އެމެރިކާއިން 1.7 މިލިއަން މީހުން ވައިރަސްއަށް ޕޮޒިޓިވް ވެފައިވާ ވާއިރު، މީގެތެރެއިން %6 މީހުން ވަނީ މަރުވެފަ އެވެ. އަދި ވެސް އެވްރެޖްކޮށް އެމެރިކާއިން މި ވައިރަސްގައި މަރުވާ މީހުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ. އެމެރިކާގެ ބައެއް އޮފިޝަލުން ވިދާޅުވާ ގޮތުގައި ރަސްމީކޮށް ޢާންމު ކުރަމުންދާ ޑޭޓާތަކަށް ވުރެ އެޤައުމުން ވައިރަސް ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު ގިނަ ވާނެ ކަމަށެވެ.
އޮފިޝަލުން ވިދާޅުވާ ގޮތުގައި ކޮވިޑް-19 ގެ ސަބަބުން އެމެރިކާގެ ނާޒުކު ހާލަތް މުޅި ދުނިޔެއަށް ހާމަވެއްޖެ އެވެ. ވަކިން ޚާއްޞަކޮށް ކޮވިޑް-19 ޖެހޭ މީހުންނަށް އެކަށީގެންވާ ފަރުވާ ދެނޭ ނިޒާމެއް ރޭވިފައި ނެތުމަކީ އެމެރިކާގެ ޞިއްޙީ ނިޒާމުގެ ނުކުޅެދުންތެރިކަން ދައްކުވައިދޭ ހެއްކެއްގެ ގޮތުގައި އެބޭފުޅުން ސިފަ ކުރައްވާފައި ވެއެވެ.
އެމެރިކާގެ ސްޓޭޓްތަކުގެ ތެރެއިން އެންމެ ގިނައިން މީހުން މަރުވެފައިވަނީ ނިއު ޔޯކުންނެވެ. އެވްރެޖްކޮށް އެ ސްޓޭޓުން ދުވާލަކު 100 މީހުން ކޮވިޑް-19 ގައި މަރުވަމުން ދާއިރު، މިހާރު އެސްޓޭޓުގައި މަރުވީ މީހުންގެ އަދަދު ވަނީ 29،000ށް އަރާފަ އެވެ. ދެން އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައިވަނީ ނިއު ޖަރޒީ، މަސެޗޫސެޓްސް، ބޮސްޓަން، މިޗިގަން އަދި ޕެންސިލްވޭނިއާ ހިމެނެ އެވެ. މަރުވީ މީހުންގެ %50 އިން ސައްތަ އަކީ މި 6 ސްޓޭޓުން މަރުވީ މީހުންނެވެ.
އެމެރިކާގައި މަރުވާ މީހުންގެ އަަދަދު ސަތޭކަ ހާހަށް އަރާފައި މިވަނީ، އެކަށީގެންވާ ފިޔަވަޅު ނާޅައިފިނަމަ މިއަދަދަަށް މީހުން މަރުވާނެކަމަށް އެޤައުމުގެ ކަމާ ބެހޭ މާހިރުން އަންދާޒާކުރައްވާފައި ވަނިކޮށެވެ.
އެމެރިކާގައި މިހާރުވެސް 1.1 މިލިއަން މީހުން ފަރުވާ ހޯދަމުން ދާއިރު، މީގެ ތެރެއިން ސަތާރަ ހާސް މީހުން ތިބީ ސީރިއަސް ޙާލަތެއްގަ އެވެ. މިއީވެސް އެކަށީގެންވާ ފަރުވާ ނުދެވިއްޖެ ނަމަ، މަރުވާ މީހުންގެ ލިސްޓަށް އިތުރުވެގެން ދާނެ ބައެއް ކަމަށް މާހިރުން އަންދާޒާ ކުރެ އެވެ.