މެއި މަހުގެ 29 ވަނަ ދުވަހުން ފެށިގެން ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ތަކެއް ދެމުންދާއިރު ފުރަތަމަ ފިޔަވަހީގެ ދަށުން ފުރަތަމަ ދެ ހަފްތާ އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ދުވާލަކު 3 ގަޑިއިރަށް ބޭރަށް ނިކުމެ އުޅުމުގެ ފުރުސަތު ދޭނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ކޮވިޑް-19 ޓާސްކް ފޯހުން ބުދަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޑރ ނަޒްލާ ރަފީގު ވިދާޅުވީ ފަތިހު 5 ން ހެނދުނު 8 ކާ ދެމެދު ހުއްދަ ނަގައިގެން އުމުރުން ދުވަސްވީ މީހުންނަށް ގެއިން ބޭރަށް ނިކުމެވޭނެ ކަމަށެވެ.
މީގެއިތުރުން ފުރަތަމަ ދެ ހަފްތާގައި ފުލުހުންގެ ހުއްދައާއެކު ގޭބިސީއަކުން ތިން މީހުންނަށް ނިކުމެވޭނެ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ. އެއީ ބޮޑެތި މީހުންނަށް ކަމަށާއި އެމީހުންނަށް ބޭރަށް ނިކުމެވޭނީ ހަފްތާއަކު ދެ ފަހަރު ދެ ގަޑިއިރަށް ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.
މިހާލަތުގައި ހުއްދަ ދިނުމުގެ ބޭނުމަކީ އެއް ފަހަރާ މަގުމައްޗަށް ނިކުމެ ބޭރަށް ނިކުންނަ މީހުންގެ އަދަދު ކޮންމެސް ވަރަކަށް ހިފެހެއްޓުމެއްގެ ތެރޭގައި ބޭއްވުން. އެހެން ނޫނީ އެއް ގަޑިއަކަށް އެއް ފަހަރާ މާ ގިނަ މީހުން ނިކުންނަން ވެއްޖިއްޔާ ހާސިލް ކުރަން މިއުޅޭ ނަތީޖާ ހާސިލްކުރަން ދަތިވާނެ. މިހުއްދަ އާއެކުވެސް އާއިލާ އާއި ރައްޓެހިން އެއްވުމާއި ތިމާގެ ގެ ފިޔަވައި އެހެން ގެޔަކަށް ޒިޔާރަތްކުރުމަކީ ހުއްދަ ލިބިގެންވާ ކަމެއް ނޫން.ޑރ ނަޒްލާ ރަފީގު
ޑރ ނަޒްލާ ވިދާޅުވީ ފަހު ދެ ހަފްތާގައި ކޮންމެ ގޭބެސީއަކަށް ފަސް މީހަކަށް ބޭރަށް ދިޔުމަށް ހުއްދަ ލިބޭނެކަމަށެވެ. އަދި ކުޑަކުދިންނަށްވެސް ހުއްދައާއެކު ފަތިހު 5 ކާއި ހެނދުނު 8 އާ ދެމެދު ބޭރަށް ނިކުތުމެގެ ފުރުސަތު ލިބިގެންދާނެ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.
އެއްވުންތަކާއި އެކިއެކި ހަރަކާތްތައް އަދި އާއިލީ އެއްވުންތައްވެސް އަދި ނުބޭއްވޭނެ ކަމަށާއި ޖަނާޒާތައް ބޭއްވޭނީ މިހާރުވެސް ހިނގަމުންދާ ގޮތަށް ހުއްދަ ލިބޭ ފަރާތްތަކަށް ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.