ފުދޭ ވަރަކަށް ގިނަ ދުވަސް ވަންދެން ކޮވިޑް-19އާ އެކު ދިރިއުޅެން ޖެހޭ ކަމަށާއި، ދެވޭ ލުއިތަކުގެ ސަބަބުން ކޭސްތައް އިތުރުވި ނަމަވެސް ހޭންޑަލް ކުރެވޭނެ ކަަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ ލީޑަރު ޑރ. އަލީ ލަތީފް ވިދާޅުވެއްޖެއެވެ.
ލޮކްޑައުން އަށް ލުއި ދިނުމަށް ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ލަތީފް ވިދާޅުވީ ނިސްބަތުން ޑޮކްޓަރުންނާއި، ނަރުހުން އަދި ޓެކްނީޝަނުން މަދު ކަމަށެވެ. ނަމަވެސް ބޭނުންވާ އެކިއުޕްމެންޓް ލިބޭ ކަމަށާއި، މިހާލަތުގައި އެހެން ގައުމުތަކުން ޑޮކްޓަރުންނާއި، ނަރުހުން ގެނައުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުންދަނީ ހުރި ވާސީލަތްތަކުން މެނޭޖް ކުރުމަށް ކަމަށެވެ.
އަޅުގަނޑުމެން ލޮކްޑައުންއަށް ލުއި ދިނުމަމީ ފަހަރެއްގައި ވެސް އަޅުގަނޑުމެންގެ ތެރެއިން ކޮވިޑް ފިލާގެން ދިއުމެއް ނޫން. ކޮވިޑް އަޅުގަނޑުމެންގެ ތެރޭގައި އެބައުޅޭ އަދި އަޅުގަނޑުމެންނަށް ލަފާ ކުރެވޭ ގޮތުން ފުދޭ ވަރަކަށް ގިނަ ދުވަސް ވަންދެން އަޅުގަނޑުމެންނާއެކު އަޅުގަނޑުމެން އުޅެން ޖެހެނީ ކޮވިޑް އާއެކު. އެހެންކަމުން ކޮވިޑް އާއެކު އުޅެން އެބަ ދަސްކުރަން ޖެހޭ.ޓެގްގެ ލީޑަރު ޑރ. އަލީ ލަތީފް
ލޮކްޑައުންނަށް ލުއި ދެވިގެންދިޔައީ ފާއިތުވި ދެހަފްތާގައި ކޮވިޑް-19ށް ޕޮޒިޓިވްވާ ރޭޓް ދަނީ ދަށަށް ދިއުމުން ކަމަށެވެ. އެގޮތުން ފުރަތަމަ ކޭސްތައް ފެނިގެން ދިޔައިރު ކޮންޓެކްޓުންގެ ގޮތުގައި ބިދޭސީންގެ ގާތްގަނޑަކަށް 45އަކަށް ދިޔަ ކަމަށާއި، ދިވެހިންގެ ތެރޭގައި 33 އަށްވުރެ މަދު ނުވާ ކަމަށެވެ. ނަމަވެސް މިހާރު ކޮންޓެކްޓުން ގެ ގޮތުގައި ފާހަގަކުރެވެނީ އެއްގެއެއްގަ ދިރިއުޅޭ މީހުންގެ ތެރެއިން ގާތްގަނޑަކަށް 6 ވަރަކަށް މީހުންކަން ޑރ.ލަތީފް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ޑރ. ލަތީފް ވިދާޅުވީ ލޮކްޑައުންއަށް ލުދިދިނީ ލުއިދިނުމަށް ބޭނުންވާ ކްރައިޓީރިއާ ހަމަވުމުން ކަމަށާއި، މިހާރު ކޭސްތައް ފެނުނު ނަމަވެސް ޚިދުމަތް ދެވޭ ވަރަށް ފެސިލިޓީތައް ގާއިމް ކުރެވިފައިވާ ކަމަށެވެ.
އެގޮތުން ހުޅުމާލެ ހޮސްޕިޓަލްގައި ގާތްގަނޑަކަށް 290 އެނދު ހިމެނޭ ކަމަށާއި ޓްރީ ޓޮޕް ހޮސްޕިޓަލްގައި 25 އައިސީޔޫ އެނދު އެބަހުރި ކަމަށް ޑރ. ލަތީފް ވިދާޅުވިއެވެ. އަދި ވިދާޅުވީ ކޭސްތައް ފެނިއްޖެކަމުވާނަމަ އެޑްމިޓް ކުރެވޭ ފުރުސަތު އެބައޮތް ކަމަށެވެ.
ފަށާގަތް އިރު ކޮވިޑް-19އަށް ޚާއްސަ ހޮސްޕިޓަލެއް ނެތް. ނަމަވެސް މިހާރު އެބަހުރި ހުޅުމާލެ މެޑިކަލް ފެސިލިޓީ. އެއީ ސީދާ ކޮވިޑް ތައްޔާރު ކުރެވުނު ފެސިލިޓީއެއް އަދި ޓްރީޓޮޕް ހޮސްޕިޓަލަށް މި ދެހޮސްޕިޓަލް އެއްކޮށްލީމަ ގާތްގަނޑަކަށް 300 އެނދު އަޅުގަނޑުމެންނަށް ލިބޭ. މީގެ އިތުރުން ކަރަންޓީން ކުރަމުން ދިޔައީ ހުރިހާ ކޮންޓެކްޓަރުން ރިސޯޓުގަ. ނަމަވެސް މިހާރު ބައެއް ކޮންޓެކްޓަރުން ވަނީ ގޭގައި ކަރަންޓީން ކުރެވިފައި. ޖުމްލަ ގާތްގަނޑަކަށް 24 ރިސޯޓެއްގައި އެބަ ކަރަންޓީން ކުރަން. އައިސޮލޭޝަން ފެސިލިޓީ މިހާރު ވަނީ އާ ފެސިލިޓީ 400ށް ވުރެ ގިނަ މީހުންނަށް ތިބެވޭ ކަހަލަ ފެސިލިޓީ ގާއިމް ކޮށްފައި.ޓެގްގެ ލީޑަރު ޑރ. އަލީ ލަތީފް
ކޮވިޑް-19ށް ޓެސްޓް ކުރެވޭ ކެޕޭސިޓީ އިތުރު ކުރެވޭކަން ފާހަގަކުރައްވައި ޑރ.ލަތީފް ވިދާޅުވީ މިހާރު ދުވާލަކަށް 600 ޓެސްޓު ހެދޭ ކަމަށެވެ. އަދި އޭޑީކޭއިން ވެސް ކުރިއަށް އޮތްތާގައި ކޮވިޑް-19ށް ޓެސްޓު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ޑރ.ލަތީފް ވިދާޅުވި އެވެ.
ޑރ.ލަތީފް ވިދާޅުވީ ލޮކްޑައުންއަށް ލުއިތައް ދިނުމާ ގުޅިގެން ކޭސްތައް އިތުރުވި ނަމަވެސް ހޭންޑަލް ކުރުމުގެ ގާބިލްކަން އެބަހުރި ކަމަށެވެ. ނަމަވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުންތަކާ އެއްގޮތަށް އަމަލު ކުރަަންޖެހޭ ކަމަށް ޑރ.ލަތީފް ވިދާޅުވި އެވެ.
ޑރ.ލަތީފް ވިދާޅުވީ ލޮކްޑައުންއިން ބޭރަށް ނިކުންނައިރު ސިއްހީ އިދާރާތަކުން ދޭ އިރުޝާދުތަކަށް އަމަލުނުކޮށްފިނަމަ އަނެއްކާވެސް ކޭސްތައް ގިނަވެ މިހާރު ހުރި ވަސީލަތްތަކުން ވެސް ނުފުދިދާނެ ކަމުގެ އިންޒާރު ދީފަ އެވެ. އެހެންކަމުން އެންގުންތަކަށް ތަބާވުމަށް އިލްތިމާސް ކުރެއްވި އެވެ.