ޔަމަނުގެ ދިފާޢީ ވުޒާރާއަށް ޢަމާޒުކޮށް ދިން ބެލިސްޓިކް މިސައިލް ޙަމަލާއަކުން، އެޤައުމުގެ ދިފާޢީ ވަޒީރު ސަލާމަތްވެ ވަޑައިގެންފި އެވެ.
ޤަލްފުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މެދުތެރޭ މާރިބް ޕްރޮވިންސްގައި ހުންނަ އެޤައުމުގެ ދިފާޢީ ވުޒާރާގެ މައި މަރުކަޒު 'ސަހުން އަލް-ޖީން' އަށް ބެލިސްޓިން މިސައިލް ޙަމަލާއެއް އެރި އިރު، ދިފާޢީ ވަޒީރު މުޙައްމަދު އަލް-މަޤްދާޝީ ހުންނެވީ އަސްކަރީ އިސް މަސްއޫލުވެރިންނާއެކު ކަމާ ގުޅޭ ބައްދަލުވުމެއްގަ އެވެ. މިއީ ސީދާ ވަޒީރަށާއި ، ސަލާމަތީ ބާރުތަކުގެ އިސްވެރިންނަށް ޢަމާޒު ކުރި ޙަމަލާއެއްގެ ގޮތުގައި ޤަލްފުގެ މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ.
ޗައިނާގެ ޝިންހުއާ ނިއުސް އޭޖެންސީން ޚަބަރު ފަތުރާ ގޮތުގައި، މި ޙަމަލާގައި ވަޒީރު ދިފާޢުވެ ވަޑައިގެންނެވި ނަމަވެސް ސިފައިންގެ 7 އޮފިސަރުން މަރުވެ، އިތުރު 10 އޮފިސަރަކަށް އެކިވަރުގެ ޒަޚަމްތައް ލިބުނެވެ.
ޔަމަނުގެ ދިފާޢީ ވަޒީރަށް ޢަމާޒުކޮށް މިޙަމަލާ ދިން ކަމަށް އެޤައުމުގެ ސަލާމަތީ ބާރުތަކުން ތުހުމަތު ކުރައްވަނީ ހަތިޔާރު އެޅި ހޫޘީ ހަނގުރާމަވެރިންނަށެވެ. އެހެންނަމަވެސް މިހާތަނަށް ހޫޘީ ޖަމާޢާތުން ޙަމަލާގެ ޒިންމާ އުފުލާފައެއް ނުވެއެވެ.
2014 ވަނަ އަހަރުގެ ތެރޭގައި ޢަރަބި މުސްލިމް ޤައުމުތަކުގައި ކުރިޔަށްދިޔަ އަރަބި އިންތިފާޟާގެ ނާޖާއިޒު ފައިދާ ނަގާ ހޫޘީ ހަނގުރާމަވެރިން ވަނީ ޔަމަނުގެ އުތުރުގެ ބޮޑު ޞަރަޙައްދެއް ހިޞާރު ކޮށްފަ އެވެ. އަދި އޭރު އެޤައުމުގެ ވެރިރަށް ސަންޢާގައި ބައިނަލްއަޤުވާމީ ބައިވެރިވުމާއެކު ޤާއިމު ވެރިކަން ނިމުމަކަށް ގެނެސް، އޭރު ވެރިކަމުގައި ހުންނެވި އަބްދު ރައްބޫ މަންސޫރު ޙާދީ ވެރިކަމުން ދުރުކޮށް ވެރިރަށް ސަންޢާއިން ވެސް ބޭރަށް ވަޑައިގަތުމަށް މަޖުބޫރު ކުރިއެވެ.
އޭގެ ފަހުން އެޤައުުމުގައި ދާޚިލޫ ބޮޑު ހަނގުރާމައެއް ފެށި، އަދިވެސް ޤައުމު އޮތީ މަދަނީ ހަލަބޮލި ކަމެއްގެ ތެރޭގައެވެ. ސިޔާސީ ދާޚިލީ ގޮތުން ހަމަޔަކަށް ނޭޅި، ރައްޔިތުން ތަޙައްމަލު ކުރަމުން ދަނީ ދަތި އުނދަގޫ ދުވަސްތަކެކެވެ.
ފަސް އަހަރުވީ ދާޚިލީ ހަނގުރާމައިގައި ދިހަ ހާހަށް ވުރެ ގިނަ މީހުން މަރުވެ އެތައް ހާސް މީހުން ވަނީ ހާލުގައި ޖެހިފަ އެވެ. އަދި އެޤައުމުގެ ޙާލަތު މިހާރު އޮތް ގޮތުން އިންސާނީ ބޮޑު ކާރިޘާއެއް ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.