ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންނާއި އެމީހުންގެ ޢާއިލާގެ މެންބަރުންގެ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރި ކުރުމަށް ޤައުމުތަކުގެ ސަރުކާރުތަކަށް، އދ އިން ގޮވާލައިފި އެވެ.
މި ފަދައިން ގޮވާލާފައި ވަނީ ބިދޭސީ މަސައްކަތްތެރިންނާއި، ހިޖުރަވެރިންގެ ޙައްޤުތައް ކަށަވަރު ކުރުމަށް މަސައްކަތް ކުރާ އދ އެކި ގުނަވަންތައް އެކުވެ ބޭއްވި ބައްދަލުވުމެއްގަ އެވެ. މި ބައްދަލުވުމުގައި ވަނީ ކޮވިޑް-19 ގެ މި ދަނޑިވަޅުގައްޔާއި އަދި ކޮވިޑް-19ށް ފަހު ބިދޭސީ މަސައްކަތްތެރިން، ވަކިން ޚާއްޞަކޮށް ހިޖުރަވެރިންނާ މެދު ޤައުމުތަކުގެ ސަރުކާރުން ޢަމަލުކުރާނެ 17 ގައިޑްލައިނެއް އަކުލަވާލާފަ އެވެ.
މި ބައްދަލުވުމުގައި ޔޫއެން ކޮމިޓީ އޮން މައިގްރެންޓް ވަރކާސް ގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ ކޭން އުންވަރ ގެ އިތުރުން ޔޫއެން ސްޕެޝަލް ރެޕަޓުއަރ އޮން ހިއުމަން ރައިޓްސް އެންޑް މައިގްރެންޓް ވަރކާސް ފިލީޕޭ ގޮންޒާލޭޒް ބައިވެރިވަޑައިގެންނެވި އެވެ.
ކޭން އުންވަރގެ ވާހަކަފުޅުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހިޖުރަކޮށް ވަޒީފާގެ އެކި މައިދާންތަކުގައި ޙަރަކާތްތެރި ވަމުންދާ މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރު ކުރުމާއި، ވަކިން ޚާއްޞަކޮށް ކޮވިޑް-19ގެ މި ޙާލަތުގައި ޒަރޫރީ އެކި ޚިދުމަތްތައް ދިނުމުގައި ޙަރަކާތްތެރި ވަމުންދާ ބިދޭސީ މަސައްކަތްތެރިންނަށް ޞީއްޙީގޮތުން ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާ ލެއްވި އެވެ.
ޔޫއެން ސްޕެޝަލް ރެޕަޓުއަރގެ ވާހަކަފުޅުގައި ވަޒީފާގެ އިތުރުން ދިރިއުޅުމުގެ އެކި ޙާލަތްތައް ކުރިމަތިވެ މަޖްބޫރު ޙާލަތުގައި ދުނިޔޭގެ އެކިކަންކޮޅުތަކުގައްޔާއި، ޞަރަޙައްދީ އިންތަކުގައި ގިނަ ޢަދަދެއްގެ ހިޖުރަވެރިން ތާށިވެފައި އެބަތިބި ކަން ފާހަގަކުރެއްވި އެވެ. އޭޝިޔާ، އެފްރިކާ، އެމެރިކާގެ ޤައުމުތަކުގެ އިތުރުން ޔޫރަޕުގެ ކަނޑުތަކުގައި ޙާލުގައި ޖެހިފައި އެތައް ހާސް ބަޔަކު އެބަތިބި ކަމަށް ވިދާޅުވެ، އެ ޤައުމުތަކުން ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުޢާޙަދާތަކާއި ޤާނޫނުތަކުގެ އިމުގެ ތެރެއިން ބިދޭސީ މަސައްކަތްތެރިންނާއި، ހިޖުރަވެރިންގެ ޙައްޤުތައް ރައްކާތެރިކޮށް ހިމާޔަތް ކުރުމަށް ރެޕަޓުއަރ ގޮވާލައްވަފައި ވެއެވެ.
އދ އިން ޢާންމު ކޮށްފައިވާ "ގައިޑެންސް ނޯޓް އޮން ދަ އިމްޕެކްޓް އޮފް ދަ ކޮވިޑް-19 ޕެންޑެމިކް އޮން ދަ ހިއުމަން ރައިޓްސް އޮފް މައިގްރެންޓްސް" ގައި ބައިނަލް އަޤުމާމީ އެހީއަށް ޖެހި އެޤައުމެއްގެ ޞަރަޙައްދީ އިން ނުވަތަ ކަނޑުގެ އިޤުތިޞާދީ ޚާއްޞަ ޞަރަޙައްދުގެ ތެރޭގައި ބަޔަކު ތާށިވެ ޙާލުގައި ޖެހިއްޖެނަމަ އެމީހުންނަށް އެހީތެރިވެ، ޙައްޤުތައް ރަކާތެރިކުރެވުނުކަން ކަށަވަރުކުރަން ޤައުމުތަކަށް ގޮވާލާފައި ވެއެވެ. އަދި ކަނޑުމަތިވެ ޙާލުގައި ޖެހޭ މީހުންް ފަސް ނުޖެހި ރައްކާތެރި ކުރުމަށް ގޮވާލާފައި ވެއެވެ.
މީގެ އިތުރުން ކޮވިޑް-19 ގެ ތަޙައްމަލުކުރަން ޖެހިފައިވާ ޤައުމުތަކުގެ ސަރުކާރުތަކުން އެޤައުމެއްގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނާއި، ހިޖުރަވެރިންނާއި އެމީހުންގެ ޢާއިލާތަކަށް އިޖުތިމާޢީ ޚިދުމަތްތައް ފަހިކޮށްދިނުމަށްވެސް ގޮވާލާފައި ވެއެވެ. ޚާއްޞަކޮށް އެއްވެސް ލިޔެ ކިޔުމެއްނެތި ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ ބިދޭސީންނާއި އާދައިގެ ވަޒީފާއެއްގައި ވަޒީފާގެ ޙައްޤުތައް ކަށަވަރު ނުވެ ތިއްބާ ކޮވިޑް-19 އާއި ކުރިމަތިވުމުގެ ސަބަބުން ވޭނީ ދުވަސްތަކެއް ހޭދަ ކުރަން ޖެހިފައިވާ ބިދޭސީން އެކި ޤައުމުތަކުގައި އެބަތިބި ކަމަށެވެ. އެހެންކަމުން މިޙާލަތުގައި ލިޔެކިޔުން ނެތް ބިދޭސީން ނުވަތަ ހިޖުރަވެރިންނާއި މެދު ޤައުމުގެ ތަކުގެ ސަރުކާރުން ހަމަ މަގުން ކަންކަން ކުރިޔަށް ގެންދިއުމަށް ގޮވާލައްވާފައި ވެއެވެ.
ވަކިން ޚާއްޞަކޮށް ކޮވިޑް-19 ގެ ޙާލަތުގައި ޤައުމުތަކުން ތަންފީޒު ކުރަމުންދާ ސިޔާސަތުތަކާއި އުޞޫލުތަކަކީ އެމީހުން ވެސް ހިމެނޭ ގޮތައް އެކުލަވާލެވިފައިވާ ސިޔާސަތުކަށް ވާން ޖެހޭ ކަމަށެވެ. މީގެ އިތުުރުންވެސް، އިޖުތިމާޢި އެހީވެސް ތަފާތު ކުރުމެއް ނެތި ދިނުމަށް ގޮވާލާފައި ވެއެވެ.