ކ. މާލެ
|
27 މެއި 2020 | ބުދަ 09:15
ޖޯޖް ފްްލޮއިޑް ހައްޔަރުގެ ވީޑިއޯގެ ސްކްރީންޝޮޓެއް
ޖޯޖް ފްްލޮއިޑް ހައްޔަރުގެ ވީޑިއޯގެ ސްކްރީންޝޮޓެއް
ސޯޝަލް މީޑިއާ
ޖޯޖް ފްލޮއިޑް
ޖޯޖް ފްލޮއިޑްގެ މަރު: އޭނާ މަރުވާން ދިމާވި އަމަލުތައް ހިންގި ފުލުހުން ވަޒީފާއިން ވަކިކޮށްފި
ޖޯޖް ފްލޮއިޑްގެ ހައްޔަރުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދަނީ ދައުރު ވަމުން
އެއް ފުލުހަކު އޭނާގެ ކަރަށް ކަކުލުން އަރާ ހުރި އިރު، އިރުކޮޅެއް ފަހުން ފްލޮއިޑްގެ ބަސް ހުއްޓޭ
އެފްބީއައިން ވަނީ ތަހުގީގެއް ފަށާފައި

އެމެރިކާގެ މިނިސޯޓާ ސްޓޭޓްގެ މިނިއެޕްލިސް ސިޓީގައި ކަޅު ނަސްލުގެ މީހެއް ހައްޔަރު ކުރުމުގައި ފުލުހުންގެ އަމަލުތައް ބެހެއްޓި ގޮތުން އޭނާ މަރުވެފައިވެ އެވެ.

ޖޯޖް ފްލޮއިޑްގެ ހައްޔަރުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު، އެތަނަށް ދިޔަ ފުލުހުން ބުނެފައި ވަނީ އޭނާ ހައްޔަރު ކުރުމާ ދެކޮޅު ހެދި ކަމަށާއި، އޭގެ ސަބަބުނ ދިމާވި ހަމަނުޖެހުމުގައި ސިއްހީ މައްސަލައެއް ކުރިމަތިވެ، އޭނާ މަރުވީ ހޮސްޕިޓަލަށް ގޮސް ފަރުވާދޭން ފެށިފަހުން ކަމަށެވެ.

ނަމަވެސް، ޢާންމުވެފައިވާ ވީޑިއޯ ތަކުން ފެންނަ މަންޒަރުތަކުން ފްލޮއިޑް ބިންމައްޗަށް ބަންޑުން ވައްޓާފައިލާފައި އޮތް އިރު، ފުލުހަކު އޭނާގެ ކަރަށް ކަކުލުން އަރައިގެން ހުރެއެވެ. އަދި ފްލޮއިޑް ނޭވާ ނުލެވޭކަމަށް ބުނެ އާދޭސް ކުރާ އަޑުވެސް އިވެއެވެ.

އެތަނަށް އެއްވެ ތިބި ބައެއް މީހުން ފްލޮއިޑްގެ ކަރުން ފައި ނެގުމަށް ފުލުސް މީހާ ކައިރީ އާދޭސް ކުރާ އަޑުވެސް ވީޑިއޯއިން އިވެއެވެ. އޭގެ އިރުގަނޑެއް ފަހުން ފްލޮއިޑް ބަސް ހުއްޓި، ހޭނެތިފައި ކަހަލަ ގޮތަކަށް އޮންނަ ތަން ވީޑިއޯއިން ފެނެއެވެ.

ފްލޮއިޑް ހޭނެތުމުގެ ކުރިން ހިނގި ކަންތައްތައް ވީޑިއޯއިން ނުފެނުނު ނަމަވެސް، މި ހަތަރު ފުލުހުންގެ އަމަލުތަކަށް ގިނަ ބައެއް ދަނީ ފާޑު ކިޔަމުންނެވެ. އަދި އެއްވެސް ހަތިޔާރެއް ނެތް މީހަކާ މެދު ފުލުހުން ކުރި އިންސާނިއްޔަތުކަން ކުޑައަމަލު މީހުން ކުށްވެރިކުރެއ އެވެ. އެމީހުން ބުނާ ގޮތުގައި ފުލުހުންގެ އަމަލު އެގޮތައް ބަހައްޓަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ.

މި ހާދިސާ އެމެރިކާގެ އެފްބީއައިއިން ބަލަން ފަށާފައި ވާއިރު، މިނިއެޕްލިސްގެ ޕޮލިސް ޗީފް ވަނީ ހަތަރު ފުލުހުން ވެސް ވަޒީފާއިން ވަކިކޮށްފައިވާކަން އިއުލާނުކޮށްފަ އެވެ. އަދި މިނިއެޕްލިސް ސިޓީގެ މޭޔަރ ޖޭކަބް ފްރޭވެސް ވަނީ މި ނިންމުމަށް ތާއީދު ކުރައްވާފަ އެވެ.

ފްލޮއިޑް ހައްޔަރު ކުރުމަށް ދިޔަ ފުލުހުން ތިބީ 'ބޮޑީ ކެމެރާ' އާއެކު ކަން މިނިއެޕްލިސް ޕޮލިސް ޑިޕާޓްމަންޓުން ހާމަކޮށްފައިވީ ނަމަވެސް، އޭގެއިން ނެގި ވީޑިއޯތައް އާންމުކޮށްފައެއް ނުވެއެވެ.

ނަސްލީ ތަފާތު ކުރުން ބޮޑު އެމެރިކާގައި ފުލުހުން، ކަޅު ނަސްލުގެ މީހުންނާ މެދު މިފަދައިން ތަފާތު ކުރުން ގެންގުޅުން އަނެއްކާ ވެސް މިވަނީ އިތުރުވާން ފަށާފަ އެވެ. އަދި މިކަމުން ހިތްވަރު ލިބިގެން މިފަދަ އަމަލުތައް އާންމުންގެ ތެރޭގައި ހިންގާ މިންވަރުވެސް ދަނީ އިތުރުވަމުންނެވެ.

- ކޮމެންޓް