ކޮވިޑް-19 އާ ގުޅިގެން ކަރަންޓީން ނުވަތަ މޮނީޓަރިންގ ހާލަތަށް ގެނެވިފައިވާ ގޭތަކުގައި 5 މެންބަރުން އެބަތިއްބެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާ ފެށުމުގެ ގޮތުން، މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގެ ހާޒިރީ އިއްވަވާ ދެއްވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ޖަލްސާ ފެށިއިރު، 47 މެންބަރުން ޖަލްސާއަށް ހާޒިރު ވެވަޑައިގަންނަވާފައިވާ ކަމަށެވެ. އަދި ކަރަންޓީން ނުވަތަ މޮނީޓަރިންގ ހާލަތަށް ގެނެވިފައިވާ ގޭތަކުގައި 5 މެންބަރުން އެބަތިއްބެވި ކަމަށާއި އެ 5 މެންބަރުންނަށް އަންގާރަ ދުވަހުގެ ޖަލްސާއަށް ވަޑާއިނުގެންނެވޭ ކަމަށެވެ. އަދި ތިން މެންބަރަކު ސަލާމުގައިވާ ކަމަށެވެ.
ކަރަންޓީން ނުވަތަ މޮނީޓަރިންގ ހާލަތުގައިވާ ގޭގައި ތިއްބެވި 5 މެންބަރުންގެ ނަންފުޅުތަކެއް މަޖިލީހުގެ ރައީސް ވިދާޅުވެފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާ މިބާއްވަނީ މާލެ ސަރަހައްދު ފުރަަބަންދު ކުރުމާ ގުޅިގެން މަޖިލީހުގެ އިދާރާގައި ބާއްވާ ފުރަތަމަ ޖަލްސާ އެވެ. ކޮވިޑް-19 އާ ގުޅިގެން، އާންމު ސިއްހަތުގެ ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާ ގުޅިގެން މަޖިލީހުގެ ޖަލްސާތައް މިދިޔަ މާރޗު މަހުގެ 30 ވަނަ ދުވަހުން ފެށިގެން ބާއްވަމުން ގެންދިޔައީ ވެބް ކޮންފަރެންސް މެދުވެރިކޮށެވެ. އަދި މިއީ އެ މެންބަރަކު ހުންނެވި ތަނެއްގައި ހުންނަވައިގެން، އޮންލައިންކޮށް، މަޖިލީހުގެ ޖަލްސާތައް ބާއްވާ ފުރަތަމަ ފަހަރެވެ.
ގައުމެއްގެ ގާނޫނު ހަދާ މަޖިލީހެއް، ވެބް ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ފުރަތަމަ ގާނޫނު ހަދާ މަޖިލީހަށް ރާއްޖޭގެ ގާނޫނުހަދާ މަޖިލިސް މިވަނީ ވެފަ އެވެ.
އަންގާރަ ދުވަހުގެ ޖަލްސާ މަޖިލީހުގެ އިދާރާގައި ބާއްވާއިރު، ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 22/2019 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުޘް ކުރުން ހިމެނެއެވެ.
މިހާލަތުގައި ގާނޫނުއަސާސީއަށް އިސްލާހު ކުރުމާ ގުޅޭ ގޮތުން، މަޖިލީހުގެ މެންބަރުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފަ އެވެ.