ށ. ނަރުދޫ މާބަނޑު އަންހެން މީހާ ނިލަންދޫ ސިއްހީ މަރުކަޒަށް ޑޮކްޓަރަށް ދެއްކުމަށް ދިޔައިރު ވެސް ދަރިފުޅު މަރުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، އެމައްސަލަ ހެލްތް މިނިސްޓްރީން ބަލާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑޮކްޓަރު ނަޒުލާ ރަފީގު ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހުގެރޭ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ވިދާޅުވީ މި ކޭސްއާ ގުޅިގެން ހޯދަންޖެހޭ މައުލޫމާތުތައް ހޯދަމުންދާ ކަަމަށެވެ.
ށ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރާ ހަވާލާދީ ޑރ.ނަޒްލާ ވިދާޅުވީ ޕޭޝަންޓު ފުރަތަމަ ޑޮކްޓަށް ދެއްކުމަށް ށ. އަތޮޅު ހޮސްޕިޓަލަށް ދިއުމަށް އެދުމުން އެތަނުގައި ކޮވިޑް-19 ގެ ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށް ދާތީވެ، އެރަށުގެ ތިއޭޓަރަށް އެކްސެސްވުމުގައި މިހާރު ވަގުތީ ދަތިތަކެއް އެބަހުރި ކަމަށް އެންގުނު ކަމަށެވެ.
ބަލި މީހާ ހދ. ކުޅުދުއްފުށި ހޮސްޕިޓަލަށް ގެންދިއުމަށް ރިފަރކޮށް ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސައި ދިނުމުން ބަލި މީހާ ގޮސްފައި ނުވާކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. ކުޅުދުއްފުއްޓަށް ނުގޮސް ޑޮކްޓަރަށް ދެއްކުމަށް ދިޔައީ ށ. މިލަންދޫ އަށް ކަމަށާއި، ނިލަންދޫ މަރުކަޒަށް ދެއްކި އިރު، ދަރިފުޅު މަރުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
އެހެން ވެގެން ޕޭޝަންޓު ކުޅުދުއްފުއްޓަށް ރިފަރ ކުރުމަށްފަހު ކުޅުދުއްފުށި ހޮސްޕިޓަލަށް ގުޅައިގެން ޕޭޝަންޓް ރިފަރ ކުރެވޭނެ ގޮތް ހަމަޖައްސާ އާސަންދަ ވެސް އިއްޔެގައި ވަނީ ހަމަ ޖައްސާދީފައި. އިއްޔެގައި ޕޭޝަންޓު ކުޅުދުއްފުއްޓަށް ގޮސްފައިނުވޭ. ދެން މައުލޫމާތު ލިބުނީ ނިލަންދޫއަށް ޕޭޝަންޓު ދިޔަ ކަމަށް. ދިޔައިރުގަ ދަރިފުޅު ނިޔާވެފައި އޮތް ކަމަށް.އެޗްޕީއޭގެ ޑރ.ނަޒުލާ ރަފީގު
ބަލި މީހުން ޑޮކްޓަށް ދެއްކުމާ ގުޅޭ ގޮތުން ހަމަޖެހިފައިވާ އިންތިޒާމްތަކާއި ގުޅޭ ގޮތުން ޑރ. ނަޒްލާ ވިދާޅުވީ އާންމު ގޮތެއްގައި ލިބެން ޖެހޭ ސިއްހީ ޚިދުމަތް ހަމަ މެދުކެނޑުމެއް ނެތި ފޯރުކޮށް ދިނުމަކީ އެއް އަމާޒު ކަމަށެވެ.
އެހެންވީމަ އެކަންކަން މެދުކެނޑުމެއްނެތި ކުރިއަށް ގެންދެވޭނެ ގޮތަށް ހަމަޖެއްސުމަށް ހަމަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވަނީ. އެންއޯއީސީގައި ޚާއްސަކޮށް ހަމަވަކިން އަތޮޅުތަކުގެ ކޮވިޑްއަށް ޕްރިޕެއަރ ވުމަށް އަދި އޭގެ އިތުރުން އަތޮޅު ތެރޭގައި ދޭން ޖެހޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ކަންކަން ކޯޑިނޭޓް ކުރުމަށް ވަކި ފޯކަލް ޕޮއެއްޓްތަކެއް ހުރޭ. ކޮންމެ ރަށެއްގެ ވެސް މިކަމާ ގުޅޭ ވަކި ފޯކަލް ޕޮއެންޓުން އެބަތިބި. އަދި ރަށްރަށުގެ މެނޭޖަރުން އެބަތިބި.އެޗްޕީއޭގެ ޑރ.ނަޒުލާ ރަފީގު
ޑރ. ނަޒްލާ ވިދާޅުވީ އިމަރޖެންސީ ހާލަތްތަކުގައި ސިއްހީ މަރުކަޒު އަދި ހޮސްޕިޓަލްތަކަށް ޕޭޝަންޓް ރިފިއުސް ނުކުރެވޭނެ ކަމަށާއި، އެޕޭޝަންޓަކަށް ދޭން ޖެހޭ ފަރުވާ ދިނުމަށް އެޚިދުމަތް ދެވޭ ގޮތަށް އިންތިޒާމްތައް ހަމަޖައްސައިދޭން ޖެހޭ ކަމަށެވެ.