ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް ވަޑައިގަންނަވަން މެމްބަރުންނަށް ބޭނުންވާ ހުއްދަތައް ދޫކުރުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މެމްބަރުންނަށް ހުއްދަތައް ދޫކުރަން ފަށާފައިވަނީ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށެވެ.
މި ހުއްދަތައް ދޫކުރަން ފަށާފައިވަނީ، އަންގާރަ ދުވަހު މަޖިލިސް ކުރާ ގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގެ ގާނޫނީ ސައްހަކަމާއި ގުޅިގެން މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދި، ހޫނު ބަހުސެއް ކުރިއަށްދާ ދަނޑިވަޅެއްގަ އެވެ.
ފުލުހުންގެ ހުއްދަތައް ދޫކުރަން ފަށާފައިވޭތޯ އޮޅުންފިލުވުމަށް ރާއްޖެއެމްވީ އިން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. ނަމަވެސް، ބައެއް މެމްބަރުން ވަނީ ފާސް ލިބިފައިވާކަން ކަށަވަރު ކޮށްދީފަ އެވެ. އެ މެމްބަރުން ވިދާޅުވީ، ފާހަށް އެދުނީ އެކަމަށް ހާއްސަކޮށް ފުލުހުން ތައްޔާރުކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
ފާސް ލިބުނުކަން ކަށަވަރުކުރުމަށް ގުޅާލުމުން ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވީ، ފާހަށް އެދުމުން ފުލުހުން ފާސް ދޫކޮށްފައިވާ ކަމަށެވެ. އަދި ފުލުހުން މެދުވެރިކޮށް ފާހަށް އެދެވޭނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ވިދާޅުވި ކަމަށް ސަނީފް ވިދާޅުވި އެވެ.
އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 40 ވަނަ ޖަލްސާ އެވެ. މި އަހަރުގެ ފުރަތަމަ ދައުރު ދައްމާލާ، ޗުއްޓީ އެއް ނެތި ދެވަނަ ދައުރު ފެށުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
މަޖިލީހުގެ މި ދައުރު ނިމެނީ މި ހިނގާ މެއި މަހުގެ 31 ގައެވެ.
މަޖިލިސް ކުރާ ގޭގައި ޖަލްސާތައް ބޭއްވުން ހުއްޓާލާފައިވަނީ، 18 މާޗު ގައެވެ. ޖަލްސާތައް މެދުކަނޑާލަައްވަމުން ވެސް ރައީސް ނަޝީދު ވަނީ ޖަލްސާއެއް ބޭއްވުމަށް ގޮވާލާނެ ދުވަހަކަށް ތައްޔާރުވެ ތިއްބެވުމަށް މަޖިލީހުގެ މެމްބަރުންނަށް އަންގަވާފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަލުން ފެށުމަށް ނިންމާފައިވަނީ ނިއު ނޯމަލް އުސޫލުތަކުގެ ތެރެއިންނެވެ.