ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅޭނެ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރ އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
އާޒިމް މިހެން ވިދާޅުވެފައި މިވަނީ ނިއު ނޯރމަލްގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ޗެމްބަރުގައި ބާއްވާނެ އިންތިޒާމްތައް ކަނޑައަޅާ އެސްއޯޕީއެއް އާއްމުކުރުމާއި ގުޅިގެން އެކަމާއި މެދު މެންބަރުންގެ މެދުގައި ޚިޔާލްތަފާތުވެފައި ވަނިކޮށެވެ.
ހޯމަ ދުވަހުގެ ރޭ އާޒިމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ މަޖިލިސް ބޭއްވުމަށް އެއްވެސް ފަރާތަކުން ހުރަސް އަޅާނަމަ އެފަރާތަކާއި ދޭތެރޭ ފިޔަވަޅު އެޅުމަކީ މަޖިލީހުގެ ރައީސްގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅޭނެ ކަމަށް ވަނީ ވިދާޅުވި އެވެ.
މިކަމާއި ގުޅިގެން އެމްޑީޕީ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ ރޮޒައިނާ އާދަމް ވިދާޅުވީ މަޖިލީހަކީ ދައުލަތުގެ ތިން ބާރުން އެއް ބާރު ކަމަށާއި މަޖިލީހުގެ މަސައްކަތަށް ހުރަސް ނޭޅޭނެ ކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާއަށް ދަނިކޮށް ނުހުއްޓުވޭނެ ކަމަށާއި އެކަމަށް ޤާނޫނު ތަން ނުދޭ ކަމަށެވެ.
ނަމަވެސް ސިއްޚީ ރައްކައުތެރިކަމަށް އަޅާ ފިޔަވަޅެއްގައި އެޗްޕީއޭގެ އެޕްރޫވަލް ހޯދުން އެއީ ރަނގަޅު ގޮތް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ވިދާޅުވީ ގާނޫނު އަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް މަޖިލިސް ހިންގޭ ކަމަށާއި ވެބް ކޮންފަރެންސް ކޮށް މަޖިލިސް ހިންގަން ފެށުމުގެ މާ ކުރިން މިއުސޫލު ކަނޑައެޅިފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ބޭނުންވީމަ، މަޖިލިސް ކުރާ ގޭގައި ޖަލްސާ ބޭއްވުމަށް ގާނޫނީ އެއްވެސް ހުރަހެއް އޮތް ކަމަކަށް ދެކެވަޑައި ނުގަންނަވާ ކަމަށް ސިރާޖް ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފް ވިދާޅުވީ މަޖިލިސް ބާއްވާނެތަނާއި ވަގުތު ކަނޑައަޅާނީ މަޖިލިސް އިދާރާއިން ކަމަށެވެ. މެމްބަރަކު މަސްއޫލިއްޔަތު އަދާކުރުމަށް ހުރަހެއްނެތި މަޖިލިހަށް އައުމާއި ދިއުމުގެ ހައްޤު 5/2013 އިމްތިޔާޒު ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ) އިން މެމްބަރުންނަށް ކަށަވަރު ކޮށްދީފައިވާ ކަމަށް ޔާސިރު ވިދާޅުވި އެވެ.
މިކަމާއި ގުޅޭ ގޮތުން ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ސިއްޙީ ނުރައްކަލުގެ ހާލަތު އިޢުލާން ކޮށްފަވަނިކޮށް އެޗްޕީއޭ ނުވަތަ ފުލުހުންގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ ޖަލްސާ އަށް ޙާޟިރުވެވެން ނެތްކަމަށް މަޖިލިހުގައި ދަންނަވައިފައިވާނެ ކަމަށެވެ.
ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ މާލެ ލޮކްޑައުންގެ ހާލަތުގައި އޮއްވައި އެޗްޕީއޭގެ ހުއްދަނެތި މަޖިލީހުގެ ޖަލްސާތައް މަޖިލިސްކުރާ ގޭގައި ބޭއްވުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވީ މާލެ ސަރަހައްދު ލޮކްޑައުން ހާލަތުގައި އޮތްއިރު މަޖްލިސް ޖަލްސާތައް ބޭއްވުމަށްޓަކައި މަޖިލިސްކުރާ ގެއަށް މެންބަރުންނަށް އެއްވެވޭނީ އެކަމަށް އެޗްޕީއޭގެ ހާއްސަ ހުއްދައެއް ލިބިގެން ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ގާނޫނީ އަމުރުތަކަށް ތަބާވާން ޖެހޭނެ ކަަމަށެވެ.
ހޯމަ ދުވަހު އާއްމުކުރެވުނު އެސްއޯޕީގައި ވާގޮތުން މަޖިލީހުގެ ޖަލްސާ ބާއްވާ މާލަމުގައި އެއްވަގުތެއްގައި އެންމެ ގިނަވެގެން ތިއްބަވާނީ 42 މެންބަރުން ކަމަށް ވެއެވެ. މަޖިލީހުން ބުނީ މާލަމުގައި ތިއްބަވާ މެމްބަރުން ކަނޑައެޅިގެންދާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އެކުލަވާލާ އުސޫލެއްގެ ދަށުން ކަަމަށެވެ. އަދި މި އިންތިޒާމްތައް ތަންފީޒުކުރައްވަމުން ގެންދަވާނީ، މަޖިލީހުގެ ރައީސް އަންގަވާ ގޮތެއްގެ މަތިން މަޖިލީހުގެ ސަރޖަންޓް އެޓް އާރމްސް އެވެ.
މަޖިލީހުގެ އިދާރާއިން ބުނިގޮތުގައި އެ މެންބަރުން އިށީނދެވަޑައިގެން ތިއްބަވާނީ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ދުރުމިނުގަ އެވެ. އެގޮތުން އެއްވަގުތެއްގައި އެއް މޭޒެއްގައި 2 މެންބަރުން ނުތިއްބަވާގޮތަށް ކަނޑައަޅާފައިވާއިރު ވޯޓުލުމުގައިވެސް އަމަލުކުރުމަށް ހަމަޖެހިފައިވަނީ އެގޮތަށެވެ.
ވޯޓުލާން ހަމަޖެހިފައިވާ އިންތިޒާމަށް ބަލާލާއިރު، ވަކި އިންތިޒާމެއްގެ ދަށުން މެންބަރުން ވަދެވަޑައިގެން ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ފަހު މާލަމުން ނިކުމެވަޑައިގަތުމުން، ބާކީ ތިއްބެވި އެހެން މެންބަރުން މާލަމަށް ވަދެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ކަނޑައަޅާފަ އެވެ.
ޖަލްސާއެއް ކުރިއަށް ގެންދިއުމަށް ބޭނުންވާ އެންމެ މަދު ޢަދަދެއްގެ މުވައްޒަފުން މާލަމުގައި ތިއްބަވަން ޖެހޭއިރު، މެންބަރުންނާއި މުވައްޒަފުން ތިއްބަވާނީ މާސްކު އަޅުއްވައިގެންނެވެ.