ނ. މަނަދޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ހައްލެއް ނުލިބި ގިނަ ދުވަސްވާން ފެށުމުން ރައްޔިތުން ޝަކުވާ ކުރަން ފަށައިފިއެވެ.
ކަރަންޓުގެ މައްސަލަ ދިމާވެފއިވަނީ ދެ ކޭބަލް އެއްފަހަރާ ހަލާކުވުމުގެ ސަބަބުން އެއް ކޭބަލް ބޭނުން ނުކުރެވޭތީ އެވެ.
މަނަދޫއިން ރާއްޖެ އެމްވީއަށް މައުލޫމާތު ދިން މީހަކު ބުނީ މިމަހުގެ 15 އިން ފެށިގެން އެރަށަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަައަށް ހައްލެއް ނުލިބޭ ކަމަށެވެ. ކަރަންޓް ދެމުން ދަނީ އެއް ކޭބަލް ބޭނުން ކޮށްގެން ކަމަށާއި ވޯޓޭޖް ދަށްވުމުގެ ސަބަބުން ގޭގައި ހުންނަ އެއަރކޮންޑިޝަން، ޓީވީ، އަދި ފްރިޖް ފަދަ ތަކެތި ބޭނުން ނުކުރެވޭ ކަމަށް އެ ފަރާތުން ބުންޏެވެ. އަދި ގިނަ ގޭގޭގައި ބޭނުންކުރާ ކަރަންޓްގެ އާލާތްތައް މިހާރުވެސް ހަލާކުވެފައިވާ ކަމަށް އޭނާ ބުންޏެވެ.
މަނަދޫ ފެނަކަ ބްރާންޗްގެ އިސް އޮފިޝަލަކު ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް އެކަށީގެންވާ ހައްލެއް އަދި ނުލިބޭ ކަމަށެވެ.
އޭނާ ވިދާޅުވީ މި މައްސަލަ ދިމާވީ މިމަހުގެ 15 ގައި ކަމަށާއި އެއް ކޭބަލް ބޭނުން ކޮށްގެން 20 ފެށިގެން މުޅި ރަށަށް ކަރަންޓް ދެމުން ގެންދާ ކަމަށެވެ. ނަމަވެސް އެއީ ދާއިމީ ހައްލެއް ނޫން ކަމަށާއި ފެނަކަ ކޯޕަަރޭޝަނާއި ގުޅިގެން އިތުރު ކޭބަލް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އިތުރު ކޭބަލެއް ލިބޭނެ ދުވަހެއް އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.
2000 އެއްހާ މީހުން ދިރިއުޅޭ މަނަދޫއަކީ އެ އަތޮޅުގެ އަތޮޅުވެރިކަން ކުރާ ރަށެވެ. ސިއްޚީ އަދި އެހެނިހެން ޚިދުމަތްތައް ހޯދުމަށްޓަކައި އަތޮޅުގެ އެހެން ރަށްރަށުން އެރަށަށް ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ މީހުން ޒިޔާރަތްކުރެއެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސްއެއް ފެނުމާއި ގުޅިގެން މަނަދޫ ވަނީ ލޮކްޑައުން ހާލަތަށް ގެނެވިފަ އެވެ.