މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ސަބްސިޑަރީ ކުންފުނި އައިބީއެމްގެ 6 މުއައްޒަފަކު ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ކޮވިޑް-19ގެ ކަވަރޭޖަށް ދެއްވި އިންޓަވިއުއެއްގައި ޝާހު ވިދާޅުވީ ހަ މުއައްޒަފުން ޕޮޒިޓީވްވުމާ ގުޅިގެން ގާތްގަނޑަކަށް ކްލޯސް ކޮންޓެކްޓް ތެރޭގައި ކޮންމެ މުއައްޒަފަކަށް ހައެއް ނުވަތަ ހަތެއްގެ ރޭޓުން މުއައްޒަފުން އައިސޮލޭޓް ކޮށްފައިވާ ކަމަށެވެ.
މިކަމުގެ ސަބަބުން ޚިދުމަތަށް ކުޑަކޮށް ބުރޫ އެރި ކަމަށާއި، ނަމަވެސް ފެން އުފައްދާ އެހެން ކުންފުނިތަކާ މަޝްވަރާ ކުރެވި މަރކެޓްއަށް އަސަރު ނުކުރާ ވަރަށް ފެން ނެރެވިފައިވާ ކަމަށް ޝާހު ވިދާޅުވި އެވެ. އަދި ވިދާޅުވީ ހޯމަ ދުވަހުގެ އައިބީއެމްއިން 5 ލީޓަރު ފެން އުފެއްދުމުގެ ޚިދުމަތް ފަށާނެ ކަމަށެވެ.
އައިބީއެމްއިން 5 ލީޓަރުގެ ތާޒާ ފެން އުފައްދާނީ. އަމީނީ ބިލްޑިންގ ހުންނަ އެމްޑަބްލިޔުއެސްސީގެ ފެން ބިލްޑިންގައި ގްރައުންޑް ފްލޯގައި. ނަމަވެސް މި މީހުންނަށް އެކޮމޮޑޭޝަން ދީފައި ހުރި ތަނުގައި އެކޮމަޑޭޝަން ގޮސްފައި ދެން ކޮންމެ ވެސް ގޮތަކަށް ގޮސްފައި އަޅުގަނޑު ދަންނަވަނީ ކޮންމެވެސް ގޮތަކަށް މިކްސް ވަނީއޭ. އެގޮތުން ހަ މީހުން ޕޮޒިޓިވްވީމަ އެޗްޕީއޭގެ އިރުޝާދު އަޅުގަނޑުމެން ހޯދީ. އެޗްޕީއޭއިން އެމީހުންގެ ކޮންޓްކެޓް ޓްރޭސިން ހެދި. ކްލޯސް ކޮންޓެކްޓްސް ބަލާފަ އައިސޮލޭޓް ކުރަން ޖެހޭ މީހުން އައިސޮލޭޓް ކުރީ.މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު
ޝާހު ވިދާޅުވީ އައިބީއެމްގެ އެދުމުގެ މަތިން އެމްޑިބްލިއުއެސްސީން ފަންނީ ތަޖުރިބާއާއި އަދި އިތުރު މުވައްޒަފުން އައިބީއެމަށް ދީފައިވާ ކަމަށެވެ. އަދި މަސައްކަތް ފަށައިގަތުމަށް އައިބީއެމްގެ ލޭބަރ ފޯސް އިތުރު ކުރެވިފައިވާކަން ޝާހު ފާހަގަކުރެއްވި އެވެ.