ކޮވިޑް-19އާ ގުޅިގެން ސްކޫލުތަކަށް ބައެއް ކަންކަމަށް ބަދަލުތައް ގެނައި ނަމަވެސް ސަރުކާރުގެ މައި ޕޮލިސީތަކަށް ބަދަލެއް ނާންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ރާއްޖެޓީވީގެ ކޮވިޑް-19ގެ ކަވަރޭޖަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އައިޝަތު ވިދާޅުވީ ސަރުކާރު ވެރިކަމަށް އައީ ރައްޔިތުންނަށް ވައުދުތަކެއް ވެގެން ކަމަށާއި، އެވައުދުތައް ފުއްދުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ފައިދާކުރުވާ ފަސޭހަ ދިރިއުޅުމެއް ފަހިކޮށް ދިނުމަކީ އަމާޒު ކަމަށް މިނިސްޓަރު ވިިދާޅުވި އެވެ.
މިނިސްޓަރު އައިޝަތު ވިދާޅުވީ ކޮވިޑް-19ގެ މިހާލަތުގައި ސްކޫލުތަކަށް ބައެއް ބަދަލުތައް ގެނައި ނަމަވެސް ސަރުކާރުގެ ޕޮލިސީތަކަށް ބަދަލެއް ނާންނާނެ ކަމަށެވެ.
އެގޮތުން ރާއްޖޭގެ ހުރިހާ ސްކޫލެއް އެއްދަންފަޅިއަށް ބަދަލު ކުރުމަކީ ސަރުކާރުގެ ވައުދެއް ކަމަށާއި، މިހާލަތުން އަރައިގަނެވުމާއެކު ސްކޫލްތައް އެއްދަންފަޅިއަށް ބަދަލު ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި ވިދާޅުވީ ހެނދުނު ނާސްތާ ޕްރޮގްރާމްއަށް ވެސް ބަދަލެއް ނާންނާނެ ކަމަށާއި، އެކަން ވެސް ސަރުކާރުން ކުރަމުން ގެންދާނެ ކަމަށެވެ.
އަޅުގަނޑުމެންގެ ވައުދެއް އެއީ ސްކޫލުތައް އެއްދަންފަޅިއަށް ހެދުމަކީ. މިދާއިރާގައި އެއްދަންފަޅި ސްކޫލުތަކުން ކަން އެންމެ ރަނގަޅަށް ކިޔަވާ ދެވެނީ. އެހެންވީމަ ވަށާ ޖެހޭ ތައުލީމެއް ދަރިވަރުންނަށް ދިނުމަކީ ނަންބަރު ވަން ޕިއޮރިޓީީ. މިހާރު މިއޮތީ ޚާއްސަ ހާލަތެއް ކުރިމަތިވެފައި. މިހާލުން އަރަގަނެވުން އެއީ އުންމީދަކީ. އޭރަށް އަޅުގަނޑުމެން އަމާޒު ހުންނާނީ ސްކޫލުތައް އެދަންފަޅިއަށް ހެދުމަށް.އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ
މިނިސްޓަރު އައިޝަތު ވިދާޅުވީ މިހާރު ކުރިމަތިވެފައިވަނީ ޚާއްސަ ހާލަތެއް ކަމަށާއި، މިހާލަތުގައި ޚާއްސަ ގޮތްގޮތަށް ކަންކަން ތަންފީޒު ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް ސަރުކާރުގެ ވައުދުތަަކާއެކު އެވައުދުތައް ފުއްދުމުގައި ދެމިތިބޭނެ ކަމުގެ ޔަމީންކަން މިނިސްޓަރު ދެއްވި އެވެ.