ކޮވިޑް-19އާ ގުޅިގެން ފުވައްމުލައް ސިޓީގައި އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް އެސިޓީގެ ކައުންސިލުން ދީފިއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް 23ވާ ހޮނިހިރު ދުވަހުން ފެށިގެން ލުއި ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ފިހާރަތަކާއި، ވިޔަފާރި ގާޑިޔާ، ސައި ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓް ހުޅުވައިގެން ވިޔަފާރި ކުރުން މަޑުޖައްސާލުމަށް ނިންމާފައިވާ ނިންމުން ނިމުމަކަށް ގެނެސް، ކައުންސިލުން އެކުލަވާލާފައިވާ އުސޫލާ އެއްގޮތަށް އެތަންތަނުން ޚިދުމަތް ދެވޭނެ ކަމަށެވެ.
ކައުންސިލުން ބުނީ ފަހާ ތަންތަނާއި، ގަރާޖް، ވޯކްޝޮޕް، ސެލޫން އަދި ވަޑާން ކުރާ ތަންތަން ހުޅުވައިގެން ވެސް ޚިދުމަތް ދެވޭނެ ކަމަށެވެ.
ހަވީރު 4:00ން ފެށިގެން ރޭގަނޑު 12:00 އާ ހަމަޔަށް ނައިބު ތުއްތު މަގުން ހިނގާބިގާވެ އުޅުމާއި، އިންޖީނުލީ އުޅަނދު ފަހަރު ދުއްވުން މަނާކޮށްފައި ވާތީ، އެކަން ނިމުމަކަށް ގެނެސްފައިވާކަން ފާހަގަކޮށް ކައުންސިލުން ބުނީ މަގު ބޭނުންކުރުމުގެ ހުއްދަ މިހާރު ދީފައިވާ ކަމަށެވެ.
ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދިނުމަށް ކައުންސިލުން ނިންމީ މިހާރުގެ ހާލަތަށް ރިއާޔަތްކޮށްފަ އެވެ.
ނަމަވެސް ރާއްޖޭގައި ކޮވިޑް-19 ފެތުރުން މުޅިން ހުއްޓުމަކަށް އައިސްފައި ނުވާތީ، 3 މީހުންނަށް ވުރެ ގިނައިން އެއްތަންވެ ނުއުޅުމަށާއި، ގެއިން ބޭރަށް ނުކުމެ އުޅޭއިރު އެޗްޕީއޭއިން ދީފައިވާ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށާއި، އަދި ވަކިން ޚާއްސަކޮށް އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމަށް ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.
މީގެ އިތުރުން ކައުންސިލުން ބުނީ މިސްކިތްތަކުގައި ޖަމާއާތުގައި ނަމާދު ކުރާއިރު ވެސް އިސްލާމިކް މިނިސްޓްރީން ނެރިފައިވާ ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރުމަށް އެދޭ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން ކައުންސިލްގެ ނިންމުންތައް ތަންފީޒު ކުރުމަށް ރައްޔިތުންގެ ފަރާތުން ލިބުމު އެއްބާރުލުމާއި، އެހީތެރިކަން ކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ.