ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމަނަލް ކޯޓުން ކޮށްފައިވާ ހުކުމަކީ އިންސާފުގެ ބޭރުން ކުރެވިފައިވާ ސިޔާސީ ހުކުމެއް ކަމަށް ސަރުކާރު ހިންގާ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވެފައި ވާތީ، އެމަނިކުފާނު މިހާރުން މިހާރަށް މިނިވަން ކުރުމަށް ގޮވާލައިފި އެވެ.
ޕީޕީއެމް އަދި ޕީއެންސީން ނެރުނު ނޫސް ބަޔާނުގައި ބުނީ ކުރީގެ ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމަކީ އިންސާފުވެރި ޙުކުމެއް ނޫން ކަމަށާއި، އެއީ ސިޔާސީ އަދި ޒާތީ ދައުވާއެއް ކަމަށެވެ.
އެމަނިކުފާނަށް ސަރުކާރުގެ ފަރާތުން އަނިޔާވެރިވަމުން ދާ ކަމަށް އެންމެ ފުރަތަމަ ވަގުތުން ފެށިގެން ވެސް ކޯލިޝަންގެ ފަރާތުން ގޮވާލަމުންދާ ކަމަށެވެ. އަދި އެމަނިކުފާނަށް ނުޙައްގުން ކުރަމުން ގެންދާ އަނިޔާތައް ހުއްޓާލާ، އެމަނިކުފާނު ގެއަށް ބަދަލުކުރުމަށް އެދެމުންދާ ކަމަށް ބަޔާނުގައި ވެއެވެ.
ޕީޕީއެމް އަދި ޕީއެންސީން ބުނީ ރައީސް ޔާމީން މިނިވަން ކުރުމަށް ތަކުރާރުކޮށް ގޮވާލަމުން ގެންދާއިރު، އެމަނިކުފާނު ޖަލުގައި އެހުންނަވަނީ އިންސާފުން ނޫން ކަމަށާއި، އަދި އެމަނިކުފާނަށް ކުރެވިފައިވާ ދައުވާއަކީ ސިޔާސީ އަދި ޒާތީ ދައުވާއެއްކަން ދޭހަވާގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ސަރުކާރު ހިންގާ ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިއުތިރާފު ވެވަޑައިގެންފައިވާ ކަމަށެވެ.
ކޯލިޝަންގެ ފަރާތުން އެންމެ ފުރަތަމަ ވަގުތުން ފެށިގެން ވެސް ދައްކަމުން ގެންދިޔަ ވާހަކަތަކަކީ ހަގީގަތެއް ކަމަށް ސަރުކާރުގެ ހިންގާ ޕާޓީ އާއި ސަރުކާރުން ވެސް ގަބޫލުކުރާކަން ހާމަވާ ކަމަށް ބަޔާނުގައިވެ އެވެ.
އެހެންކަމުން، ރައީސް ޔާމީންއާ އެމަނިކުފާނުގެ އާއިލާ އަށް ނުހައްގުން ދެމުންދާ އަނިޔާތައް މިހާރުން މިހާރަށް ހުއްޓާލާ، އެމަނިކުފާނު ވަގުތުން ވަގުތަށް މިނިވަން ކުރުމަށް ވަނީ ގޮވާލާފަ އެވެ.