ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް ވައިޓް އެލަރޓް ނެރެފި އެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި، ހުރިހާ ހިސާބަކަށް ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ ލަފާކޮށްފަ އެވެ.
މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ހއ. އަތޮޅުން ފެށިގެން ދ. އަތޮޅުގެ ސަރަހައްދަށް ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ އެވެ. މެޓް އޮފީހުން ބުނީ ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަކަނޑުތައް ގަދަވާނެ ކަމަށެވެ.
މި އަތޮޅުތަކަށް ވައިޓް އެލަރޓް ނެރިފައި ވަނީ މެންދުރު 14:00ން އިރުއޮއްސި 19:00ށް ށެވެ.
ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް ވައިޓް އެލަރޓް ނެރިފައި ވާއިރު، ހުކުރު ދުވަހުގެ ހެނދުނު 9:30ން މެންދުރު 14:00ށް ހއ. އަތޮޅުން އައްޑޫ ސިޓީއަށް ވެސް ވަނީ ވައިޓް އެލަރޓް ނެރިފަ އެވެ.
ކުރިޔަށް އޮތް 24 ގަޑީއިރު ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު، ދެކުނު އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރު މިނަކަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ކަނޑުތަށް އާންމުގޮތެއްގައި ގަދަވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި އިތުރަށް ގަދަވެގެންދާނެ ކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.