ރާއްޖެއިން ބޭރުގައި ތަޢުލީމު ޙާޞިލު ކުރާ ދަރިވަރުންގެ ތެރެއިން ފައިސާގެ އެހީތެރިކަމަށް އެދި 60 ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަނުން ބުނެފި އެވެ.
ބުދަ ދުވަހުގެ ރޭ ރާއްޖެޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ހަޔަރ އޭޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ޙަސަން ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ފައިނޭންސް ހަމަ ނުޖެހި ރާއްޖެއިން ބޭރުގައި ޙާލުގައި ޖެހިފައި ތިބި ވަރަށް ގިނަ ކުދިން އެބަތިބި ކަމަށެވެ.
އެގޮތުން މިދަރިވަރުންގެ ތެރެއިން އަމިއްލަ ޚަރަދުގައި ތަޢުލީމު ޙާޞިލު ކުރުމަށް ގޮސް ތިބި ދަރިވަރުންނަށް ވެސް ސަރުކާރުން އެހީވުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިހާތަނަށް 60 ފޯމެއް ލިބިފައިވާ ކަމަށާއި، ހުރިހާ ޑޮކިއުމެންޓްތައް ހަމަ ފޯމުތަކަށް ފައިސާ ހަމަޖައްސަމުންދާ ކަމަށެވެ. އަދި ފޯމު ހުށަހަޅާއިރު ހުރިހާ ޑޮކިއުމެންޓްތައް ހަމަކޮށް ހުށަހެޅުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.
ފައިނޭންސް ބޭނުންވާ ކުދިން އެބަތިބި. ސަރުކާރުގެ އިޤުތިޞާދީ ކަންތައްތައް ޙާލަތު ކިތަންމެ ދަށްވި ކަމުގައި ވިޔަސް ރާއްޖެއިން ބޭރުގައި ޙާލުގައި ތިބި ދަރިވަރުންނަށް އެހީތެރިވުމުގެ އަތެއް ފޯރުކޮށްދިނުމަށް. އަޅުގަނޑުމެން ވާނެ ރާއްޖެއިން ބޭރުގައި އަމިއްލަ ޚަރަދުގަ ކިޔަވަން ގޮސްތިބި ހުރިހާ ދަރިވަރުންނަށް ވެސް އަޅުގަނޑުމެން ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭނަމޭ. އަޅުގަނޑުމެންގެ ވެބްސައިޓްގައި މިކަމަށް އެދި ހުށަހަޅާ ފޯމު އޮންލައިން ކޮށް ލިބެން ހުންނާނެ. އެފޯމު ފުރިހަމަކޮށްފައި އެހުރިހާ ޑޮކިއުމެންޓޭޝަނެއް އަޅުގަނޑުމެންނަށް ފޮނުވާ.ހަޔަރ އޭޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން
މިނިސްޓަރު ވިދާޅުވީ އެހީއަށް އެދި ހުށަހަޅާއިރު އެދަރިވަރަކީ ކޮވިޑް-19ގެ ސަބަބުން ކިޔެވުމަށް ސްޕޮންސަރ ކުރާ ފަރާތުން ފައިސާ ދިނުމަށް ދަތިވެފައިވާ ފަރާތެއްކަން ނުވަތަ އެހީ ލިބުން ދަތިވެފައިވާކަން ސާބިތުކޮށްދޭން ޖެހޭ ކަމަށެވެ. އަދި މިގޮތަށް މިކަން ނުކުރާ ކަމަށްވާނަމަ މައްސަލައެއް ދިމާވެގެން ޖަވާބުދާރީ ނުވޭވޭނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.