ކ. މާލެ
|
22 މެއި 2020 | ހުކުރު 04:08
ސްކޫލެއްގެ އެސެމްބްލީއެއްގައި ދަރިވަރުންތަކެއް ބައިވެރިވަނީ
ސްކޫލެއްގެ އެސެމްބްލީއެއްގައި ދަރިވަރުންތަކެއް ބައިވެރިވަނީ
ޔޫސުފް ސޮފްވާން ރަޝީދު
ސްކޫލްތައް ހުޅުވާލުން
އެންމެ އަވަހަށްވެސް ސްކޫލްތައް ހުޅުވާލާނީ ޖޫން 14 ގައި
ސްކޫލުތައް ބަންދުކޮށްފައި އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސްވެއްޖެ
ހުޅުވާލާނީ ތިން ސިނާރިއޯއަކަށް ބަހާލައިގެން
ސްކޫލުތައް ހުޅުވާނީ ފިޔަވަޅުތަކަކާއި އެކު

ކޮވިޑް-19 އާ ގުޅިގެން ސްކޫލުތައް ބަންދުކޮށްފައި އޮތް އޮތުމަށް ނިމުމެއް ގެނެސް އެންމެ އަވަހަށް ވެސް ސްކޫލްތައް ހުޅުވާލާނީ ޖޫން މަހުގެ 14 ގައި ކަމަށް ސަރުކާރުން ބުނެފި އެވެ.

ނެޝަނަލް އިމްރޖެންސީ ސެންޓަރ (އެންއީއޯސީ) ގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާނު އަދި ރައީސް އޮފީހުގެ އަންޑަރ ސެކެރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ސްކޫލުތައް ހުޅުވާލެވޭނެ ދުވަހަކާއި ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި އެކު މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ، އެންމެ އަވަހަށްވެސް ސްކޫލްތައް ހުޅުވާލެވޭނީ ކުރިޔަށް އޮތް ސްކޫލް ބަންދު ނިމުމަށް ފަހު ކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީން މި އަހަރަށް އެކުލަވާލާފައިވާ ކަލަންޑަރުގައި ހަމަޖެހިފައިވާ ގޮތުން ދެވަނަ ޓާމްގެ ކިޔެވުން ފެށޭނީ ޖޫން މަހުގެ 14 ވަނަ ދުވަހު އެވެ.

ކުރިއަށް އޮތް ސްކޫލް ބަންދު ނިމުމަށް ފަހު އެންމެ އަވަހަށް ސްކޫލު ހުޅުވުނަސްވެސް ހުޅުވޭނީ ޑޭޓްތައް ފްލެކްސިބިލްކޮށް ބާއްވައިގެން މިނިސްޓްރީން މަސައްކަތް ކުރަނީ. ހުޅުވޭނެ ޑޭޓްތައް ބަލާނީ ކުރިޔަށް އޮތް ދުވަސްތަކުގައި ކަންތައްތައް ދާގޮތުން ރިޔާއަތްކޮށް
މަބްރޫކް އަޒީޒް - އެންއީއޯސީގެ ތަރުޖަމާނު

މަބްރޫކް ވިދާޅުވީ، ސްކޫލްތައް ހުޅުވާނީ ތިން ސިނާރިއޯ އަކަށް ބަހާލައިގެން ކަމަށް ޕްރެެސްގެ ކުރިން އެޑިއުކޭޝަން މިނިސްޓަރާ ދެކެވުނު ވާހަކާގައި ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް ތިން ސިނާރިއޯގެ ތެރެއިން ކޮން ސްޓްރެޓެޖީއެއްތޯ ނިންމާނީ ހެލްތް މިނިސްޓްރީ އަށް ލަފާދޭ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ދެއްވާ ލަފާގެ މައްޗަށް ބަލާފައި ކަމަށް ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ސްކޫލުތަކުގެ ކިޔެވުން މެދުކަނޑާލާފައި އޮންނަތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.

ކޮވިޑްގެ ހާލަތުން އަރައިގަނެ އާންމު ދިރިއުޅުމަށް ބަދަލުވާއިރު، ނިއު ނޯމަލްގައި ސްކޫލްތަކުގައި ކިޔަވައިދޭން ފަށާއިރު ބައެއް ސުކޫލުތަކުގައި ހަތަރު ދަންފަޅިއަަށް ބަހާލައިގެން ކިޔަވައިދިނުމުގެ މަޝްވަރާ ކުރެވެމުންދާ ކަމަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވަނީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ވިދާޅުވެފަ އެވެ.

ހަތަރު ދަންފަޅިއަށް ކިޔެވުން ބަދަލުކުރެވުމާއި އެކު ސުކޫލުގައި ދަރިވަރު ހޭދަ ކުރާ ވަގުތު ވަރަށް ބޮޑުތަނުން ކުޑަވެ ދަރިވަރުންނާއި ޓީޗަރުންނާއި ބައްދަލުވާ ވަގުތުވެސް މަދުވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް