މޮނިޓަރިންގގައި ނެތް ރަށްތަައް މާދަމާއިން ފެށިގެން ޖަމާޢަތުގައި ނަމާދުކުރަން ހުއްދަ ދޭން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ޢަލީ ވިދާޅުވީ، މާދަމާގެ ހުކުރު ނަމާދުން ފެށިގެން 'ލޮކްޑައުން' ގައި ނެތް ރަށްރަށުގައި ޖަމާޢަތުގައި ނަމާދުކުރަން ފަށާނެ ކަމަށެވެ. އަދި އެކަން ކުރަނީ ޑޮކްޓަރުންގެ ލަފަޔާއެކުގައި ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ޑޮކްޓަރުންގެ ޓީމާއެކު ކުރެވުނު މަޝްވަރާގެ މަތިން ރައްކާތެރިކަމުގެ ފިޔަވަޅުތަކާާއިއެކު މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރަން ހުއްދަ ދޭން އިރުޝާދު ދީފައިވާ ކަމަށެވެ.
މިނިސްޓަރ ވަނީ، ރައްކާތެރިކަމުގެ ފިޔަވަޅެެއްގެ ގޮތުން މިސްކިިތަށް އަންނައިރު ގެއިން ވުޟޫކޮށްގެން އައުމާއި އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދިއުމަށާއި ރޯގާގެ އަލާމާތްތައް ހުންނަ ފަރާތްތައް މިސްކިތައް ނައުމަށް އިލްތިމާސް ކުރައްވާފަ އެވެ. އަދި ގެއިން އަންނައިރު މުސައްލަ ހިފައިގެން ދިއުމަށް ޑޮކްޓަރުން އިރުޝާދު ދީފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މޮނިޓަރިންގ ޙާލަތުގައި ނެތް ރަށްތަކުގައި މާދަމާގެ ހުކުރު ނަމާދަށް ފަހު ޖަމާޢަތުގައި ނަމާދުކުރަން ފަށާނީ އެ ފިޔަވަޅުތަކާއެކުގައި ކަމަށެވެ. ފިޔަވަޅުތައް އެޅުމަށް ނިންމާފައި ވަނީ މަރުޙަލާތަކަށް ބަހާލައިގެން ޢާންމު ޙާލަތައް ރުޖޫޢަވުމަށް މަސައްކަތް ކުރަން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ކުރިޔަށް އޮތްތަނުގައި ޙާލަތައް ރިޢާޔަތްކޮށް ލުއިތަކެއް ދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި އެލްޖީއޭއާއި ކައުންސިލްތަކާއި ގުޅިގެން މާދަމާގެ ހުކުރު ނަމާދުން ފެށިގެން ޖަމާޢަތުގައި ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށާއި މި ޙާލަތުގައި ޢަމަލު ކުރާނެގޮތުގެ ސަރކިއުލާއެއް ހުރިހާ ކައުންސިލަކަަށް ފޮނުވާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.
މިހާތަނަށް ޙާލަތާއި ގުޅިގެން އެޅި ހުރިހާ ފިޔަވަޅުތަކެއް އަޅާފައި ވަނީ ޑޮކްޓަރުންގެ ޓީމުގެ އިރުޝާދާ އެކުގައެވެ. އެގޮތުން ފިޔަވަހިތަކަކަށް ބަހާލައިގެން މާލެ ސިޓީގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލުމަށް ފަހު އަނެއްކާވެސް ޙާލަތު ގޯސްވުމާއެކު ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ވަނީ ޖަމާޢަތުގައި ނަމާދު ކުރުން މެދުކަޑާލާފަ އެވެ.