ކޮވިޑް-19ގެ މި ޙާލަތުގައި ރާއްޖޭއިން ބޭރުގައި ތައުލީމު ޙާޞިލު ކުރަން ގޮސްތިބި ދަރިވަރުންނަށް ފައިސާ ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ޚާއްޞަ ސަމާލުކަމެއްދޭ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހުގެ ރޭ ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ހަޔަރ އޭޑިޔުކޭޝަން މިނިސްޓަރު ވިދާޅުވީ މި ޙާލަތާ ގުޅިގެން މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެގޮތުން މިނިސްޓްރީގެ މުވައްޒަފުންގެ ގޭގައި ތިބެގެން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށާއި، ކޮންމެހެން އޮފީހަށް ނުކުންނަން ޖެހޭ މުވައްޒަފުން ނެރިގެން ވެސް މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ އިސްކަމެއްދީގެން މަސައްކަތް ކުރަނީ ތަޢުލީމު ޙާޞިލު ކުރުމަށް ރާއްޖޭއިން ބޭރުގައި ތިބި ދަރިވަރުންނަށް ބޭނުންވާ ފައިސާ ފޮނުވުމަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ކޮވިޑ-19ގެ މި ޙާލަތުގައި ޤައުމުން ބޭރުގައި ދިރިއުޅޭ ދަރިވަރުން އުޅޭނީ މާބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށާއި، ބޭނުންވާ ފައިސާ ނުލިބޭނަމަ އަދި އިތުރަށް އެކުދިން ޙާލުގައި ޖެހި ކަންބޮޑުވުންތައް އިތުރުވާނެ ކަމަށެވެ.
ރާއްޖޭއިން ބޭރުގައި ތިބި ދަރިވަރުންނަށް އެކުދިންނަށް ލިބެންޖެހޭ ސްޓޭޓްމެންޓް ފައިސާއާ ކުރިން ލޯނުތައް ނަގާގެން ކިޔަވަން ގޮސް ތިބި ދަރިވަރުންނަށް އެލިބެންޖެހޭ ފައިސާ ގަވާއިދުން ދުވަހުން ދުވަހަށް އެފައިސާ ފޯރުކޮށްދެވޭތޯ މަސައްކަތް ކުރުން. މިވަރުގެ ބޮޑު ކަމެއް ލައިގަނެގެން އުޅޭއިރު ކުދިންގެ މެދުގައި ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް އޮންނާނެ، އެހެންވީމަ އެކުދިންނަށް ލިބެންޖެހޭ ލޯނުގެ ފައިސާއާ ވަގުތަށް ނުލިބޭ ކަމަށްވަންޏާ އެއީ އަދި ކަންބޮޑުވުމެއް.ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން
މިނިސްޓަރު ވިދާޅުވީ އެ ދަރިވަރުން ރާއްޖެއިން ބޭރުގައި ތިބޭ މައިގަނޑު ސަބަބަކީ މަތީ ތަޢުލީމާ ތަމްރީނު ހޯދަން ކަމަށްވާއިރު، އެކުދިންނަށް އެހީވުމަކީ އެންމެ މުހިންމު އެއް މަސައްކަތް ކަމަށެވެ. އަދި ބޭނުންވާ ފައިސާ ނުލިބޭ ކަމަށްވާނަމަ އެމަޤުޞަދު ފުރިހަމަ ކުރުމަށް ބުރޫ އަރާފާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.