މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއި ގުޅިގެން އޮންލައިންކޮށް މައްސަލަތައް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 22 މައްސަލައެއް ހުށައެޅިފައިވާ ކަމަށް ހައިކޯޓުން ބުނެފި އެވެ.
ހައިކޯޓުން ނެރުނު ބަޔާނެއްގައި ބުނީ، 22 މައްސަލައިގެ ތެރެއިން 17 މައްސަލައެއް ބަލައިގެންފައިވާ ކަމަށެވެ. އަދި މި މުުއްދަތުގައި ބަންދު އަމުރުގެ މައްސަލައެއް، ޚަސްމުން ހައިކޯޓު ދެކުނު ބްރާންޗަށް ހާޒިރުކޮށްގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހިންގައި މޮނިކޮމް އަމުރުގެ ހަތް އަމުރު ނެރެފައިވާކަމަށް އެ ކޯޓުން ބުންޏެވެ.
އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ހިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސް އޮފީހުން އަންގަވާފައިވާތީ، "ކޮވިޑް-19 ރޯގާއާ ގުޅިގެން ސަރުކާރު ބަންދުކުރެވިފައިވާ ދުވަސްތަކުގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅޭ މައްސަލަތައް ކުރިއަށް ގެންދާނެ ގޮތް ކަނޑައެޅުމާބެހޭ އުސޫލު ވަނީ އާއްމު ކޮށްފައެވެ.
އެ އުސޫލުގެ ދަށުން ހައިކޯޓުގައި ހިންގުމަށް ހަމަޖެހިފައިވާ މައްސަލަތައް ތަފްޞީލްކޮށް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ބަންދު އަމުރުގެ މައްސަލަތަކާއި، ވަގުތީ އަމުރުގެ މައްސަލަތަކާއި، ކޯޓު އަމުރުތަކާއި އިސްތިއުނާފުކުރެވިފައިވާ މައްސަލަތަކުގެ ތެރެއިން ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަށް އެދިފައިވާ މައްސަލަތަކާއި މައްސަލައިގެ އަޑުއެހުންތައް ނިމިފައިވާ މައްސަލަތަކާއި ގެވެށި އަނިޔާއާގުޅޭ މައްސަލަތަކާއި ކުޑަކުދިންގެ ހައްގުތަކާ ގުޅުންހުރި މައްސަލަތައް ކަމަށް އެ އުސޫލުގައި ވަނީ ކަނޑައަޅާފައެވެ.
މައްސަލައިގެ ބާވަތަށާއި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންތައްތަކަށް ރިއާޔަތްކޮށް، އެމައްސަލައަކީ އަވަހަށް ޝަރީއަތް ހިންގަންޖެހޭ މައްސަލައެއްކަމަށް އެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗަށް އިއްތިފާގުވެވިއްޖެނަމަ އެމައްސަލައެއް ކޯޓުގައި ހިންގިދާނެ ކަމަށް އެ އުސޫލުގައި ވަނީ ބަޔާންކޮށްފަ އެވެ. އަދި އަޑުއެހުން ބޭއްވުމަށް ތާވަލުކުރެވޭ މައްސަލަތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޝަރީއަތް ހިންގުމަށް ގާނޫނީ ހުރަހެއް ނެތް މައްސަލައެއް ނަމަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށް އެ އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.
ހައިކޯޓުން ބުނީ، އޮންލައިންކޮށް މައްސަލަތައް ގެންދިއުމުގައި ލިބުނު ތަޖްރިބާ އަށް ބަލައި މާފުށީ ޖަލާއި އަދި ޕޮލިހުންގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކުގެ މައްސަލަތައް ވީޑީއޯ ކޮންފަރެންސް މެދުވެރިކޮށް ހިންގުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ފުލުހުން އަދި ކަރެކްޝަންސް މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.