ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮވިޑް-19ށް މުޅި ދުނިޔެއިން ޕޮޒިޓިވްވީ މީހުންގެ ޢަދަދު 4.8 މިލިއަނަށް ވުރެ އިތުރުވެއްޖެ އެވެ.
އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން, ވައިރަސް ޖެހުނު މީހުންގެ ޖުމުލަ ޢަދަދު ހޯމަ ދުވަހު ވަނީ 4,819,372 (ހަތަރު މިލިއަން އަށް ލައްކަ ނަވާރަހާސް ތިންސަތޭކަ ހަތްދިހަ ދޭއް) ށް އަރާފައެވެ. މި ބަލި ޖެހުނު މީހުންގެ ތެރެއިން 1,864,269 (އެއް މިލިއަން އަށްލައްކަ ފަސްދޮޅަސް ހަތަރުހާސް ދުއިސައްތަ ފަސްދޮޅަސް ނުވައެއް) މީހުން ބަލިން ފަސޭހަވެފައި ވާއިރު 316,961 ( ތިންލައްކަ ސޯޅަހާސް ނުވަސަތޭކަ ފަސްދޮޅަސް އެކެއް) މީހުން ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފަ އެވެ.
ވައިރަސް ޖެހުނު މީހުންގެ ޢަދަދު 4.6 މިލިއަންއަށް އެރީ އާދީއްތަ ދުވަހު އެވެ. އާދީއްތަ ދުވަހު 82,257 (އަށްޑިހަ ދެހާސް ދުއިސައްތަ ފަންސާސް ހަތެއް) މީހުންނަށް ބަލި ޖެހިފައިވާ ކަމަށް ދުނިޔޭގެ އެކި ޤައުމުތަކުން ރިޕޯޓުކޮށްފައި ވެއެވެ. ހޯމަ ދުވަހުގެ 15:40 ގެ ނިޔަލަށް ރިޕޯޓުކޮށްފައި ވަނީ 20,106 އާ ކޭސްއެވެ.
ދުނިޔޭގެ 218 ޞަރަޙައްދުތަކުން ވައިރަސް ފެނިފައި ވާއިރު، އެމެރިކާ ފިޔަވައި ދެން އެންމެ ގިނަ ޢަދަދެއްގެ މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައި ވަނީ އެމެރިކާއިންނާއި ޔޫރަޕުގެ ޤައުމުތަކުންނެވެ.
މިހާތަނަށް އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައިވަނީ އެމެރިކާއިންނެވެ. އެމެރިކާއިން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1,527,951 (އެއް މިލިއަން ފަސްލައްކަ ހަތާވީސްހާސް ނުވަސަތޭކަ ފަންސާސް އެކެއް) ށް އަރާފައިވާއިރު މީގެއިތުރުން، ރަޝިއާ ސްޕެއިން، އިޓަލީ، އިނގިރޭސި ވިލާތް އަދި ބްރެޒިލް އަކީ މުޅި ދުނިޔެއިން ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު ދެލައްކައަކަށްވުރެ އިތުރުވެފައިވާ ޤައުމުތަކެވެ.