ކޮވިޑް-19 އާއި ގުޅިގެން ގްރީސް އިން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް އެޤައުމުގެ ސަރުކާރުން ނިންމައިފި އެެވެ.
ކޮވިޑް-19ގެ ނުރައްކަލާހުރެ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރޫރަޕުގެ އެހެން ޤައުމުތަކެކޭ އެއްގޮތައް ގްރީސް އިން ވެސް ހަރުކަށި ފިޔަވަޅުތައް އެޅިއެވެ. އޭގެ ތެރެއިން އެއް ފިޔަވަޅަކީ ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލްތަކާއި، ޢާންމުން ގިނައިން އެއްވެ އުޅޭ ތަންތަން ބަންދުކުރުމަށް އެގައުމުގެ ސަރުކާރުން ނިންމި ނިންމުމެވެ.
އެހެންނަމަވެސް، ވައިރަސް ކޮންޓްރޯލް ކުރެވުމާއިއެކު މިހާރު ގްރީސް ސަރުކާރުގެ ވިސްނުން ހުރީ ފިޔަވަޅުތައް ލުއި ކުރުމަށެވެ. އެގޮތުން، މިހާރުވެސް 200 ށް ވުރެ ގިނަ އާސާރީ ތަންތަން ހުޅުވާލާފައިވާ ކަމަށް އެޤައުމުގެ މިނިސްޓްރީ އޮފް ކަލްޗަރ އާއި ހަވާލާދީ ސީއެންއެންގައި ރިޕޯޓުކޮށްފައި ވެއެވެ.
މީގެ އިތުރުން، އޮޕަން އެއަރ ސިނަމާތައް ޖޫން މަހުގެ 1 ވަނަ ދުވަހު ހުޅުވާލާނެ ކަމަށާއި، ދާރުލްއާސާރުތައް ޖޫން މަހުގެ 15 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް ގްރީސްގެ ކަލްޗަރ މިނިސްޓަރ މެންޑޮނީ ވެސް ވިދާޅުވެފައި ވެއެވެ. އަދި އޭނާ ވިދާޅުވީ އާރޓާއި ގުޅޭ ޙަރަކާތްތައް ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކުރިޔަަށް ގެންދަވާނެ ކަމަށެެވެ.
ފިޔަވަޅުތަކަށް ލުއި ދީފައިވަނީ ޢަމަލު ކުރާނެ ވަކި ގޮތްތަކެއް ކަނޑައެޅުމަށް ފަހުގައެވެ. އެގޮތުން، ހުރިހާތަނެއްގައި ވެެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ، ކޮންމެ ވަކި ވަކި ފަރުދުންވެސް ބޭރަށް ނިކުމެ އުޅޭއިރު، އަދި ފަތުރުވެރި މަންޒިލްތަކާއި، އެހެނިހެން ޢާންމު ތަންތަނަށް އެއްވެސް އުޅޭއިރު، 5 ފޫޓޫގެ ދުރުމިނެއް ބަހައްޓަން ޖެހޭގޮތައް، އެ ޤައުމުގެ ނެޝަނަލް ޕަބްލިކް ހެލްތު އޯރގަނައިޒޭޝަނުން ވަނީ އުޞޫލެއް އެކުލަވާލާފަ އެވެ. މީގެ އިތުރުން ބޭރަށް ނުކުންނައިރު، މާސްކު އެޅުމަށާއި، ޢާންމުންނަށް ބޭނުން ކުރެވޭނެހެން ހުރިހައި ތަނެއްގައި ހޭންޑް ސެނިޓައިޒަރ ބަހައްޓަން ޖެހޭ ކަމަށް އުސޫލުގައި ވެއެވެ.
މިހާތަނަށް ގްރީސްއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 2,834 މީހުންނެވެ. އާދީއްތަ ދުވަހު ރިޕޯޓުކުރެވިފަ އިވަނީ އެންމެ 15 ކޭސްއެވެ. ވައިރަސް ޖެހުނު މީހުންގެ ތެރެއިން 163 މީހަކު މަރުވެފައިވާއިރު، 1,374 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.