ސައުދީ ޢަރަބިއްޔާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 54،000 (ފަންސާސް ހަތަރުހާސް)ށް ވުރެ މައްޗަށް އަރައިފި އެވެ.
ސައުދީގެ ޞިއްޙަތާ ބެހޭ އިސް މަސްއޫލުވެރިންނާއި ޙަވާލާދީ ޤަލްފުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި އާދީއްތަ ދުވަހު އެކަނިވެސް އެޤައުމުން 2،736 މީހުން ވައިރަސްއަށް ޕޮޒިޓިވްވި އެވެ. މިއާއެކު، އެޤައުމުގައި ކޮވިޑް-19 ޖެހުނު މީހުންގެ ޢަދަދު ވަނީ 54،752 (ފަންސާސް ހަތަރުހާސް ހަތް ސަތޭކަ ފަންސާސް ދޭއް)ށް އަރާފަ އެވެ. ޕޮޒިޓިވް ކޭސް ނިޞްބަތުން އިތުރު ވަމުން މިދަނީ ސަޢުދީ ޢަރަބިއްޔާއިން ތަހުލީލު ކުރުމުގެ ނިޒާމު ވަރުގަދަ ކުރުމާއި ގުޅިގެންނެވެ. އެޤައުމުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި ކުރިން އެޤައުމުން ދުވާލެއްގެ މައްޗަށް 15،000 މީހުން ޓެސްޓްު ކުރިނަމަވެސް އާދީއްތަ ދުވަހުން ފެށިގެން ވަނީ ދުވާލެއްގެ މައްޗަށް 18،000 މީހުން ޓެސްްޓު ކުރަން ފަށާފަ އެވެ.
ސައުދީގެ ޞިއްޙަތާއި ބެހޭ ވުޒާރާގެ ޢާންމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު އާދީއްތަ ދުވަހު ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ ތެރެއިން %22 އަންހެނުންނެވެ. އަދި %78 އަކީ ފިރިހެނުންނެވެ. އަދި ވައިރަސް ޖެހުނު މީހުންގެ ތެރެއިން %60 މީހުންނަކީ ބިދޭސީން އަދި %40 މީހުންނަކީ އެޤައުމުގެ ރައްޔިތުންނެވެ.
ސައުދީގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު ޑރ. މުޙައްމަދު އަލް-ޢަބްދުލް ޢަލީ ވިދާޅުވެފައި ވަނީ އާދީއްތަ ދުވަހު، ފަރުވާ ދެމުން ދިޔަ 2،056 މީހުން ފަސޭހަވެ ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ. މިއާއެކު ފަރުވާ ދީގެން ރަނގަޅުވީ މީހުންގެ ޢަދަދު 25،722 (ފަންސަވީސް ހާސް ހަތްސަތޭކަ ބާވީސް)ށް އަރާފައިވާ ކަމަށެވެ.
ފާއިތުވި 24 ގަޑީއިރު އެޤައުމުން ވައިރަސްއަށް އެންމެ ގިނަ ޢަދަދަކަށް ޕޮޒިޓިވްވީ އެޤައުމުގައި ދިގު މުއްދަތަކަށް ރަށްވެހިކަން ހޯދައިގެން އުޅޭ މީހުންނާއި އެކި ސިނާޢަތަތްކުގައި މަސައްކަތް ކުރާ ބިދޭސީންނެވެ. ތަރުޖަމާނު ވިދާޅުވީ މީގެ ތެރޭގައި 10 ޤައުމަަކަށް ނިޞްބަތްވާ މީހުން ހިމެނޭ ކަމަށެވެ.
ސައުދީން މިހާތަނަށް ވައިރަސްގައި މަރުވެފައިވަނީ 312 މީހުންނެވެ. އަދި މިހާރުވެސް 28,718 (އަށާވީސް ހާސް ހަތް ސަތޭކަ އަށާރަ) މީހުންފަރުވާ ހޯދަމުން ދާއިރު، މީގެތެރެއިން 202 މީހެއްގެ ޙާލަތު ވަރަށް ސީރިއަސްކަމަށް ރިޕޯޓުތައް ބުނެއެވެ. ވައިރަސްއަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވީވެސް އަދި މަރުވީ ވެސް، ވެރިރަށް ރިޔާދާއި، މައި ސިޓީތައް ކަމަށްވާ މައްކާއާއި، މަދީނާއާއި، ޖިއްދާއާއި، ދަމާމް އިންނެވެ.
ސައުދީގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު ޑރ. މުޙައްމަދު އަލް-ޢަބްދުލް ޢަލީ ވިދާޅުވީ، މީހުންނަށް ވައިރަސް ޖެހޭ ގޮތް ނުވަތަ ވައިރަސް ފެތުރެމުންދާ ގޮތް ދެނެގަންނަން ކުރި މަސައްކަތުން، ގިނަ މީހުންނަށް ވައިރަސް ޖެހިފައިވަނީ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅު ނޭޅުމުގެ ސަބަބުންނާއި، ޢަމަލު ކުރަމުންދާ އެކި އުޞޫލުތައް އެދެވޭ ގޮތެއްގައި ތަންފީޒު ކުރަމުން ނުދާތީކަން އެނގިފައިވާކަމަށެވެ. މީގެ ތެރޭގައި ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައި ވަނި އެއްވެސް އުޅުމުގެ ތެރެއިން ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.
ތަރުޖަމާނު ވަނި ކަމާގުޅޭ އިދާރާތަކުން ދެއްވާ ލަފަޔާއި އިރުޝާދުތަކަށް ކިޔަމަންވެ އަދި އަމަލު ކުރަމުންދާ އުޞޫލުތަކަށް އެންމެހައި ރައްޔިތުންނާއި އެޤައުމުގައި ދިރިއުޅޭ އެހެން ޤައުމުތަކަށް ނިޞްބަތްވާ މީހުން ބޯލެނބުމަށް އިލްތިމާސް ކުރައްވާފައެވެ. ވަކިން ޚާއްޞަކޮށް އިޖުތިމާޢީ އަދި ޖިސްމާނީ ގައިދުރުކަން ދެމެހެއްޓުމަށް ވަނީ ގޮވާލައްވާފައެވެ.