ކޮވިޑް-19 އިން ރައްކާތެރިވުމަށް އިންޑިޔާ ލޮކްޑައުން ކޮށްފައި އޮތްއޮތުން މެއި މަހުގެ 31 އާ ހަމައަށް އިތުރުކޮށްފި އެވެ.
އިންޑިޔާގައި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 95،474ށް އަރާފަ އެވެ.
އިންޑިޔާގެ ދާޚިލީ ވުޒާރާއިން ބުނާގޮތުގައި ސްކޫލްތަކާއި މޯލްތައް އަދި މީހުން ގިނައިން އެއްވާ ތަންތަން ހުންނާނީ މުޅި އިންޑިޔާގައިވެސް ބަންދުކޮށްފަ އެވެ. އެހެންނަމަވެސް ވައިރަސް ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ހިސާބުތަކުގައި ލުއިތަކެއް ދޭނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ލޮކްޑައުންގެ މުއްދަތު އިތުރުކުރުމާއެކު އެޅި އައު ފިޔަވަޅު ތަކާއެކު ބައެއް ހިސާބުތަކަށް ލުއިތަކެއް ދީފައިވާނެކަމަށް ދާޚިލީ ވުޒާރާއިން ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.
ބޮޑެތި އެއްވުންތައް އަދިވެސް ނުބޭއްވޭނެ ކަމަށާއި ނަމަވެސް ބައެއް ހިސާބުތަކުގައި އިޤުތިޞާދީ މަސައްކަތްތައް ފެށުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ. ލުއިތައް ދޭނެ ޞަރަޙައްދުތައް ކަނޑައަޅާނީ އެ ޞަރަޙައްދެއް ހިމެނޭ ޑިސްޓްރިކްޓެއްގެ ކަމާބެހޭ ފަރާތްތަކުންނެވެ.
އިންޑިޔާގައި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް މަރޗް މަހުގެ 25 ވަނަ ދުވަހު އިންޑިޔާ ވަނީ ލޮކްޑައުންކޮށްފަ އެވެ. އެއާއެކު އިންޑިޔާގައި ދުވަހު މަސައްކަތްކޮށްގެން ކާބޯތަކެތި ހޯދާ އެތައް މިލިއަން ބަޔަކަށް ވަނީ ބަނޑުހައިހޫނު ކަމާއި ކުރިމަތިލާން ޖެހިފައެވެ. ކުރާނެ މަސައްކަތެއް ނުލިބުމުގެ އިތުރުން އެތެރޭގެ ދަތުރުފަތުރުކުން މެނދުކަނޑާލާފައި ވުމުން އިންޑިޔާގެ އެތައް މިލިއަން ބަޔަކު އެމީހުންގެ އުފަން ވިލެޖްތަކަށް ދަނީ ފައިމަގު ގައެވެ.
މިގޮތަށް ފައިމަގުގައި ދާ އެތައް ހާސް ބަޔަކާއެކު މަގުތައް ބަންދުވަމުން ދާތީ ފުލުހުންނާއި އެމީހުންނާ ދެމެދު އަންނަނީ ހަމަނުޖެހުން ތައްވެސް ހިނގަމުންނެވެ. އަދި މިހަމަނުޖެހުން ތަކުގައި މީހުން އަންނަނީ މަރުވަމުންނެވެ.
އިންޑިޔާގައި ވައިރަސް ޖެހޭ މީހުންގެ ޢަދަދުތައް ޗައިނާއަށް ވުރެ މައްޗަށް އަރާފައި ވާއިރު މަރުވާ މީހުންގެ ޢަދަދުތައް އެޤައުމުގައި ވަނީ ވަކި މިންވަރެއްގައި ހިފެހެއްޓިފަ އެވެ.