ކ. މާލެ
|
17 މެއި 2020 | އާދީއްތަ 22:39
ކޮންމެ އަހަރެއްގެ ފިޠުރު ޢީދުގެ މުނާސަބަތާއި ގުޅުވައިގެން ކުވައިތުގެ މަރުކަޒީ ބޭންކުން ޢާންމުންނަށް ލުއި ގޮތްތަކެއް ހަމަޖައްސައިދޭ
ކޮންމެ އަހަރެއްގެ ފިޠުރު ޢީދުގެ މުނާސަބަތާއި ގުޅުވައިގެން ކުވައިތުގެ މަރުކަޒީ ބޭންކުން ޢާންމުންނަށް ލުއި ގޮތްތަކެއް ހަމަޖައްސައިދޭ
ބީބީސީ
ކުވައިތުގެ އީދު ހަދިޔާ ޕްރޮގުރާމް
އީދު ހަދިޔާވެސް އޮންލައިންކޮށް ފޮނުވޭނެ އިންތިޒާމު ކުވައިތުގެ މަރުކަޒީ ބޭންކުން ހަމަޖައްސައިިފި
"އީދަތީ" ގެ ނަމުގައި ތައާރަފު ކުރީ އިލެކްޓްރޯނިކް ބޭންކިންގެ ގެ ނިޒާމެއް
"އީދަތީ" ގެ ދަށުން ކޮންމެ ބޭންކެއްގެ އެކަުންޓުންވެސް އީދު ހަދިޔާއަށް ވާ ފައިސާ ޖަމާ ކުރެވޭ
މިޢި ކާފިއުއާއި ގުޅިގެން އާންމުންނަށް ބޭރަށް ނުނިކުމެވޭތީ ތަޢާރަފު ކުރި ޚިދުމަތެއް

އަންނަ ފިޠުރު ޢީދުގެ މުނާސަބަތާއި ގުޅުވައިގެން ޢީދުގެ ހަދިޔާގެ ގޮތުގައި ފައިސާ ފޮނުވަން ބޭނުންވާ ފަރާތްތަކަށް ކުވައިތުގެ މަރުކަޒީ ބޭންކުން އެކަން ހަމަޖައްސައި ދީފި އެވެ.

މިކަން ހާމަކޮށް ކުވައިތުގެ މަރުކަޒީ ބޭންކުން ޢާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ، "އީދަތީ" ގެ ނަމުގައި ފިޠުރު ޢީދަށް ޚާއްޞަކޮށް އިލެކްޓްރޯނިކް ބޭންކިންގެ ގެ ނިޒާމު މެދުވެރިކޮށް އީދު ހަދިޔާ ފޮނުވޭނެ އިންތިޒާމު ހަމަޖެއްސީ ކޮވިޑް-19 ގެ ނުރައްކަލާ ހުރެ އެޤައުމުގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މި ފަހަރު އަމިއްްލަ ޙައިޞިއްޔަތުން ގާތް ރަށްޓެހިންނާއި، ގާތް ތިމާގެ މީހުންނާއި، އާއިލާގެ މެންބަރުންނާއި ބައްދަލުކޮށް އީދުގެ އުފާ ފާޅުކޮށް ހަދިޔާ ބަދަލު ކުރުމުގެ ފުރުޞަތު ގެއްލިފައިވާތީ ކަމަށެވެ.

މުޅިން އަލަށް ފެށި މި ޚިދުމަތުގެ ތެރެއިން އާންމުންނަށް އެޤައުމުގެ ކޮންމެ ބޭންކެެއްގެ އެކައުންޓަކުންވެސް ފައިސާ އޮންލައިންކޮށް ފޮނުވޭނެ އެވެ. މީގެ ކުރީ އަހަރުތަކުގައި މަރުކަޒީ ބޭންކުން ކުރިޔަށްގެންދާ އީދު ހަދިޔާ ޕްރޮގުރާމުގެ ދަށުން ފައިސާ ފޮނުވެނީ ހަމަ އެކަނި އޭޓީއެމް މެދުވެރިކޮށްނެވެ. މި ފަހަރު އޭޓީއެމް މެދުވެރިކޮށް އެ ޚިދުމަތްދިން ނަމަަވެސް އެ ޤައުމުގައި އިޢުލާނުކޮށްފައިވާ ކާފިއުގެ އަމުރާއި ގުޅިގެން އާންމު ރައްޔިތުންނަށް ޚިދުމަތް ހޯދަން ބޭރަށް ނުނިކުމެވޭނެ އެވެ.

ކުވައިތުގައި ކޮވިޑް-19ގެ ނުރައްކާ ބޮޑުވުމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެޤައުމުގެ ހުރިހައި ޞަރަޙައްދެއްގައި ވަނީ ކާފިއުގެ އަމުރު އިޢުލާނުކޮށްފަ އެވެ. އާދީއްތަ ދުވަހުގެ އެކަނިވެސް އެޤައުމުން 1،048 މީހުން ވައިރަސްއަށް ޕޮޒިޓިވްވިއެވެ. މިއާއެކު، އެޤައުމުން ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު ވަނީ 14،85 (ސާދަ ހާސް އަށް ސަތޭކަ ފަންސާސް) އަށް އަރާފަ އެވެ. އަދި 112 މީހުން ވަނީ މަރުވެފައެވެ.

- ކޮމެންޓް