ސްރީލަންކާގައި ކޮވިޑް-19 އިގެ %90 ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި، އެހެންނަމަވެސް ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ދޫދޭން އަދި މާ އަވަސް ކަމަށް ސްރީލަންކާގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ޑރ. އަނިލް ޖަޔަސިންހަ ވިދާޅުވެއްޖެ އެވެ.
ޑީޖީ ވިދާޅުވީ، މި ވަގުތު އާންމުންގެ ތެރޭގައި ކޮވިޑް-19 ކްލަސްޓަރ އެއް ނެތް ކަމަށެވެ. އަދި މިހާރު ފެނަންމުންދާ ކޭސް ތަކަކީ ކަރަންޓީނު ފެސިލީޓީން ފެނިފައިވާ ކޭސްތައް ކަމަށް އޭނާ ވިދާޅުވި އެވެ. ޑރ. ޖަޔަސިންހަ ވިދާޅުވީ، ބަލި އެއްކޮށް ކޮންޓްރޯލް ކުރެވޭނީ މިހާރު އަމަލު ކުރަމުންދާ ސިއްހީ ގައިޑްލައިންތަކާއި އެކަށީގެންވާ ގޮތެއްގައި ތަންފީޒު ކުރެވިގެން ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން ސްރީލަންކާގައި އަޅާފައިވާ ފިޔަވަޅުތަކަށް ދޫދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވިދާޅުވީ، ލަންކާ މިހާރު މިސްރާބު ޖަހާފައިވަނީ ގައުމު އެއްކޮށް ހުޅުވާލަން ކަމަށެވެ. ނަމަވެސް އަޅާފައިވާ ފިޔަވަޅުތަކަށް އެއްކޮށް ދޫދޭނެ ތާރީހެއް ދަންނަވަން ދަތިކަމަށް ވިދާޅުވި އެވެ.
ސްރީލަންކާގައި 900 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. މި މީހުންގެ ތެރެއިން 500 އަށްވުރެ ގިނަ މީހުން ވަނީ ރަނގަޅުވެފައެެވެ. ސްރީލަންކާގައި ކޮވިޑު ޖެހިގެން ނުވަ މީހަކު ވަނީ މަރުވެފައެވެ.