ދުނިޔޭގައި ދެވަނަ އަށް އެންމެ އާބާދީ ބޮޑު އިންޑިއާގައި ނޮވެލް ކޮރޯނާވައިރަސް ޖެހޭ މީހުންގެ ޢަދަދުތައް އެންމެ ބޮޑު އާބާދީ ކަމަށްވާ ޗައިނާ ފަހަނައަޅައި ގޮސްފި އެވެ.
ޗައިނާގައި ވައިރަސް ޖެހިފައިވަނީ 82,941 މީހުންނަށެވެ. މަރޗް މަހުގެ ފަހު ހަފުތާއިން ފެށިގެން ލޮކްޑައުންގައި އޮތް އިންޑިއާގައި މިހާރު ވައިރަސް ޖެހިފައިވާ މީހުންގެ ޢަދަދަކީ 85,940 އެވެ.
އިންޑިއާގެ އެކި ސްޓޭޓުތަކުގެ އިސްވެރިންނާއި، ވިޔަފާރިވެރިންނާއި، މަސައްކަތްތެރިން ވަނީ އިގްތިޞާދު ހުޅުވާލުމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ގޮވާލާފަ އެވެ. ނަމަވެސް މެއި މަހުގެ 17 ވަނަ ދުވަހު ހަމަވާ 'ލޮކްޑައުން' ގެ މުއްދަތު އިތުރުކުރާނެ ކަމަށް ބެލެވެ އެވެ. އަދި 'ލޮކްޑައުން' ގެ މުއްދަތު އިތުރުކުރާނީ އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ފަހުކަމަށް ބެލެވެ އެވެ.
އިންޑިޔާގައި ވައިރަސް ޖެހިގެން މަރުވާ މީހުންގެ ޢަދަދުތައް ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފަ އެވެ. މިހާތަނަށް އިންޑިޔާގައި މަރުވެފައި ވަނީ 2,752 މީހުންނެވެ. އެއާ ޚިލާފަށް ޗައިނާގައި މަރުވި މީހުންގެ ޢަދަދު ވަނީ 4,600 ށް އަރާފަ އެވެ.
އިންޑިއާގެ ހެލްތު މިނިސްޓަރ ހަރްޝް ވަރްދަން ވެސް ވިދާޅުވެފައި ވަނީ ވައިރަސް ފެތުރޭ މިންވަރު ދަށް ކުރެވިފައިވާ ކަމަށެވެ. އެގޮތުން މިހާރު ވައިރަސް ޖެހޭ މީހުންގެ ޢަދަދުތައް ދެގުނައަށް އިތުރުވާން 11 ދުވަސް ނަގާ ކަމަށާއި 'ލޮކްޑައުން' ގެ ކުރިން އައި ކޭސްތަކަށް ބަލާއިރު ޢަދަދުތައް ދެގުނައަށް އިތުރުވާން ނަގާފައި ވަނީ 3 ދުވަސް ކަމަށް ހެލްތު މިނިސްޓަރ ވިދާޅުވި އެވެ.
ލޮކްޑައުންއާ ގުޅިގެން ހާލަތު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވިފައި. ލޮކްޑައުންގައި އޮވެގެން ރަނގަޅު ފިޔަވަޅުތަކެއް އެޅިފައިވޭ. ކޭސްތައް ދެނެގަނެވި ކޮންޓްކެޓް ޓްރޭސިން ހެދި އައިސޮލޭޓް ކުރެވި ކޭސްތައް ރަނގަޅަށް ބެލެހެއްޓެމުން ގޮސްފައިވޭހެލްތު މިނިސްޓަރ ހަރްޝް ވަރްދަން
އިންޑިއާގެ އިސް މަސްއޫލުވެރިން ބުނާ ގޮތުގައި މަރުވާ މީހުންގެ ޢަދަދުތައް ދަށްވެފައިވަނީ ވައިރަސް ޖެހުނު ގިނަ މީހުންނަކީ ވައިރަސް ހަށިގަނޑުގައި ހުރިކަމުގެ އަލާމާތެއް ނުފެނި ޕޮޒިޓިވްވި މީހުން ކަމަށްވާތީ އާއި، އެ މީހުންނަށް ބަލީގެ އަސަރު މާބޮޑަށް ނުކުރާތީ އެވެ. އަދި މުޅި ޤައުމު އެއްކޮށް 'ލޮކްޑައުން' ކުރުމުން ވައިރަސް ހަލުވި މިނުގައި ފެތުރުމުގެ ފުރުޞަތު ކުޑަކޮށްދިން ކަމަށް އޮފިޝަލުން ބުނެއެވެ.
ވައިރަސް އެންމެ ހަލުވިމިނުގައި ފެތުރެމުން ދަނީ މަހަރާޝްތުރާ ސްޓޭޓްގަ އެވެ. އެ ސްޓޭޓުގައި ވައިރަސްގެ ނުރައްކާ އެންމެ ބޮޑީ، ވެރިރަށް އަދި އިންޑިއާގެ ވިޔަފާރި މަރުކަޒީރަށް ކަމަށްވާ މުމްބާއީގައެވެ. އެންމެ ދެކުނުން ޓެމިލްނާޑޫ އަދި ހުޅަނގުން ގުޖުރާތު ސްޓޭޓާއި، އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ވެސް އަންނަނީ ވައިރަސް ހަލުވިކަމާއެކު ފެތުރެމުންނެވެ.
މި ޞަރަޙައްދުތަކަކީ އިންޑިޔާގެ އިޤުތިޞާދަށް ބަލާއިރުވެސް އެންމެ މުހިންމު ޞަރަޙައްދު ތަކެވެ. އެހެންކަމުން މިޞަރަޙައްދުތައް ހުޅުވާލާއިރު އިތުރަށް ވައިރަސް ނުފެތުރޭނެކަން ކަށަަވަރުކުރަން އިންޑިއާ ސަރުކާރުން ބޭނުންވެ އެވެ.
އިންޑިޔާގައި އަދިވެސް ވައިރަސް އަންނަނީ ފެތުރެމުން. އެކްޓިވް ކޭސްތައް މިހާރު އުޅެނީ ދުވާލަކު 3.8 އިންސައްތައިގައި. މި 0 އިންސައްތައަށް ތިރިވާންޖެހޭ.ބޮޑުވަޒީރުގެ އިކޮނޮމިކް ކައުންސިލްގެ އެޑްވައިޒަރ
އިންޑިއާގައި މިހާރު އުފެދިފައިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ ޓެސްޓް ކުރެވޭ މިންވަރު ދަށްވެފައި ވުމުވެ. އިންޑިޔާގެ ބޮޑު އާބާދީއަށް ބަލާއިރު ޓެސްޓް ކުރެވޭ މިންވަރު ކުޑަކަމަށް އެ ޤައުމުން ބުނެއެވެ. އޭޕްރީލް މަހުން ފެށިގެން ޓެސްޓް ކުރަމުންދާއިރު މިހާތަނަށް އައިއިރު 100،000( އެއްލައްކަ) މީހުން ވަނީ ޓެސްޓް ކުރެވިފަ އެވެ. ނަމަވެސް ކޮންމެ 1.3 ބިލިއަން މީހަކަށް ބަލާއިރު މިއީ ދަށް ޢަދަދުތަކެއް ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.