ކޮވިޑް-19އާ ގުޅިގެން މާލެ ސިޓީ ލޮކްޑައުން ކޮށްފައިވީ ނަމަވެސް ކުރިއަށް އޮތް ދެ ހަފުތާގައި ބޭންކިން އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޚިދުމަތް ތިން ދުވަހު ލިބޭނެ ކަމަށް އެމްއެމްއޭއިން ބުނެފި އެވެ.
އެމްއެމްއޭ އަދި ބޭންކިންގ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ތިން ދުވަހަކީ މިމަހުގެ 18, 20 އަދި 26 ވަނަ ދުވަހު ކަަމަށެވެ.
އެމްއެމްއޭއިން ބުނީ މެއި 15 އިން 28 ގެ ނިޔަލަށް ޒަރޫރީ ބޭންކިން ޚިދުމަތް ދިނުމަށްޓަކައި އެމްއެމްއޭ އާއި ބޭންކުތައް ހުޅުވާފައި ހުންނާނީ އެދުވަސްތަކުގެ 9:30ން ފެށިގެން 12:00ށް ކަމަށެވެ. ނަމަވެސް އެމްއެމްއޭއިން މިދުވަސްތަކުގައި އާންމުންނަށް ޚިދުމަތެއް ނުދެވޭނެ އެވެ.
ކޮވިޑް-19އާ ގުޅިގެން ބޭންކުތަކުން ޚިދުމަތްދޭ ދުވަސްތައް މަދުކުރިއެވެ. އަދި މިހާލަތުގައި ހުރިހާ ފަރާތްތަކުން ވެސް އޮންލައިންއިން ޚިދުމަތް ހޯދުމަށް އެދިފައެވެ.
އޭޕްރީލް 15ން ފެށިގެން މާލެ ސިޓީ ލޮކްޑައުން ކޮށްފައި ވާއިރު، ކުރިއަށް އޮތް ދެހަފުތާ ތެރޭގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވާނެ ކަމަށް އެންއޯއީސީގެ ޑޮކްޓަރުންގެ ޓީމުން ލަފާ ކުރެއެވެ. އެގޮތުން މިހާރު ވަނީ ޚާއްސަ ފިޔަވަޅުތަކެއް ވެސް އަޅާފައެވެ.