ކޮވިޑް-19 އާއެކު އިންސާނުންގެ ނަފްސާނީ މައްސަލަތައް އިތުރު ވަމުންދާ ކަމަށް އދ ގެ ސިއްހީ މާހިރުން ބުނެފި އެވެ.
ކޮވިޑް-19 އާއެކު އެތައް މިލިއަން ބަޔަކަށް ވަނީ ބަލި މަޑުކަމާއި މަރުވުމާއި ވަކިން ދިރިއުޅުމަށް މަޖުބޫރުވުމާއި އިތުރަށް ފަގީރުވުމާއި ހާސްވުމުގެ ތެރޭގައި އުޅެން މަޖުބޫރުވެފަ އެވެ.
ކޮވިޑް-19 އާއ ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭ ޕޮލިސީ ގައިޑްލައިން ނެރެދެއްވަމުން ވަރލްޑް ހެލްތު އޯގަނައިޒޭޝަންގެ މެންޓަލް ހެލްތު ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޑެވޮރާ ކެސްތެލް ވަނީ، ނަފްސާނީ މައްސަލަތައް އިތުރު ވަމުންދާއިރު ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ކުރާ ކަންކަމާއި އެއްވަރަށް އެކަމަށް ސަމާލުކަން ދިނުމަށް ގައުމުތަކުގެ ސަރުކާރު ތަކަށް ގޮވާލައްވާފަ އެވެ.
އައިސޮލޭޝަން އާއި ބިރު ގަތުމާއި ކަންކަން ޔަގީން ނުވުމާއި މާލީ ގޮތުން ދިމާވެފައިވާ ގޮއްޖެހުންތަކާއެކު އިންސާނުން އުޅެމުންދަނީ ނަފްސާނީ ގޮތުން ވަރަށް އުނދަގޫ ދުވަސްތަކެއް. ކޮވިޑް-19 އާ އެކު މީހުންގެ ނަފްސާނީ ދުޅަހެޔޮ ކަމާއި މުޖުތަމަޢުތަކުގެ އަމާންކަމާއި އުފާވެރިކަމަށް ވަރަށް ބޮޑަށް ވަނީ އަސަރުކޮށްފައި. އެހެންކަމުން ނަފްސާނީ ދުޅަހެޔޮކަމަށް ދިމާވެފައިވާ މައްސަލައަށް ވީ އެންމެ އަވަހަށް ހައްލެއް ގެންނަންޖެހޭމެންޓަލް ހެލްތު ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޑެވޮރާ ކެސްތެލް
އދ އިން މިކަމާއި ގުޅޭގޮތުން ތައްޔާރު ކޮށްފައިވާ ރިޕޯޓުގައި ނަފްސާނީ ގޮތުން މިފަދަ މައްސަލަތައް ދިމާވާނެ ސަރަހައްދުތަކާއި މުޖުތަމައުތައް ވަކިން ވަނީ ފާހަގަކޮށްފަ އެވެ. މީގެތެރޭގައި ކުޑަކުދިންނާއި ޒުވާނުން އެމީހުންގެ ރަހުމަތްތެރިންނާއި ބައްދަލުނުވެ ސްކޫލްތަކަށް ނުގޮސް އުޅެން ޖެހުމާއި، ކޮވިޑް-19 ޖެހިފައިވާ ފަރުވާ ދިނުމަށް މަސައްކަތް ކުރަމުންދާ ހެލްތު ކެއަރ ގައި މަސައްކަތް ކުރާ އެތައް ހާސް ބަޔަކު ފާހަގަ ކޮށްފައިވެ އެވެ.
މިކަމާއި ގުޅޭގޮތުން ހެދޭ ދިރާސާތަކާއި ސަރވޭތަކުން މިހާރުވެސް ކޮވިޑް-19 އާއި ގުޅިގެން ނަފްސާނީ ދުޅަހެޔޮ ކަމަށް ކުރަމުންދާ އަސަރުތައް އަންނަނީ ފެންނަމުންނެވެ. އެގޮތުން ސައިކޮލޮޖިސްޓުން ބުނާގޮތުގައި ކުޑަކުދިން ހާސްވެ ކަންބޮޑުވާ މިންވަރު އަދި ޑިޕްރެޝަންގެ މައްސަލަތައް އެކުދިންގެ މެދުގައި އިތުރުވަމުން އަންނަކަން ދުނިޔޭގެ އެތައް ގައުމަކުން އަންނަނީ ރެކޯޑް ކުރަމުންނެވެ.
މީގެއިތުރުން ގެވެށި އަނިޔާގެ މައްސަލަތައް އިތުރު ވަމުންދާއިރު ސިއްހީ ދާއިރާގައި މަސައްކަތްކުރަމުންދާ މީހުން ސައިކޮލޮޖިކަލް އެހީތެރިކަމަށް ބޭނުންވެގެން އެދެމުންދާ މިންވަރު ވަނީ އިތުރުވެފަ އެވެ.
ރޮއިޓަރސް އިން މިދިޔަ ހަފުތާގައި އެމެރިކާގައި މަސައްކަތް ކުރަމުންދާ ޑޮކްޓަރުންނާއި ނަރުހުންނާއި އިންޓަރވިއު ކުރުމަށްފަހު ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ އެމީހުންނަށް ނުވަތަ އެމީހުންނާއެކު މަސައްކަތްކުރާ މީހުންނަށް ވަނީ ކުއްލި އަކަށް ހާސްވެ ކަންބޮޑުވުމާއި، ދެރަވުމާއި ނުނިދުމާއި، ތަފާތު އެކިކަހަލަ އުނދަގޫތައް އިހުސާސްވުމާއި, އެއްވެސް ކަހަލަ އިހުސާސެއް ނެތި ހުރުމާއި، ބިރުވެރި ހުވަފެން ފެނުންފަދަ މައްސަލަތައް ދިމާވެފަ އެވެ.
ޑަބްލިޔުއެޗްއޯ އިން ބުނާގޮތުގައި ގިނަ ބަޔަކު ވަނީ މިބަލި މަޑުކަމާއެކު ދެން ކުރިމަތިވާ ކަންކަމާ މެދު ހާސްވެ ކަންބޮޑުވެފަ އެވެ. އެގޮތުން އައިސޮލޭޓްވާން ޖެހުމުން ދެން ދިމާވާނެ މައްސަލަތަކާއި މެދު އެއްބަޔަކު ހާސް ވާއިރު އަނެއް ބަޔަކު ބިރު ގަންނަނީ ވައިރަަސް ޖެހިދާނެތީ އެވެ. އަދި މަރުވެދާނެތީ އާއި ވައިރަސް ޖެހިގެން އާއިލާގެ މީހަކު މަރުވެދާނެތީވެސް އެތައް ބަޔަކު ވަނީ ކަންބޮޑުވެ ހާސްވެފަ އެވެ.
އެތައް މިލިއަން ބަޔަކު ތިބީ އެމީހުންނަށް ލިބެމުންދިޔަ އާމްދަނީ ގެއްލުމުގެ ސަބަބުން އެކަމުގެ ނުތަނަވަސްކަމާއި ހާސްކަމުގެ ތެރޭގަ އެވެ. މީގެއިތުރުން މިބައްޔާއި ގުޅޭގޮތުން ފެތުރޭ ހަގީގަތާއި ޚިލާފު ވާހަކަތަކާއި ލޮކްޑައުން ފަދަ ކަންކަމުގައި ތިބެން ޖެހޭނެ ސީދާ ދުވަހެއް ނޭނގުމުގެ ސަބަބުން އެމީހުންގެ ކުރި މަގާ މެދު ސުވާލު އުފެދި އުންމީދު ގެއްލިފައިވާ އެތައް މިލިއަން ބަޔަކު އުޅެމުންދާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މި ގައިޑްލައިންގައި މިކަންކަމުން އަރައިގަނެވޭނެ ގޮތްތަކެއް އަދި ދިގު މުއްދަތަކަށް ދިމާވާނެ އިޖުތިމާޢީ އަދި އިގްތިޞާދީ މައްސަލަތަކަށް ހައްލު ހޯދައިދޭނެ ގޮތްތަކެއް ޕޮލިސީތައް ހަދާ މީހުންނަށްޓަކައި ވަނީ އެކުލަވާލާފަ އެވެ. މީގެތެރޭގައި ޒަމާނުއްސުރެ ސައިކޮލޮޖީ ދާއިރާއަށް އިންވެސްޓް ކުރަމުންދިޔަ ދަށް އަދަދުތައް އަލުން ރިވައިސްކޮށް ރަނގަޅު އިންވެސްޓެއް ކުރުމާއި، އިމަރޖެންސީ މެންޓަލް ހެލްތުގެ ނަމުގައި އިސް ސަފުގައި މަސައްކަތް ކުރަމުންދާ ސިއްހީ ޚިދުމަތްތެރިންނަށް އޮންލައިން މެދިވެރިކޮށް ކައުންސެލިންގ ދޭނެ ގޮތްތަކެއް ހޯދުން ހިމެނެ އެވެ. އަދި ޑިޕްރެޝަނާއި، ހާސްވުމާއި، ގެވެށި އަނިޔާ އަށް ހުށަހެޅިފައިވާ މީހުން ދެނެގަނެ އެމީހުންނަށް ވީ އެންމެ އަވަހަކަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ.