ފެންވަރު ދަށް ވުމުގެ ސަބަބުން ޔޫރަޕިއަން ކޮމިޝަނުން ގަތް ދިހަ މިލިއަން މާސްކް ނުބަހާ މަޑު ޖައްސާލުމަށް ނިންމައިފިއެވެ.
ބުރާސްފަތި ދުވަހު ޔޫރަޕިއަން ކޮމިޝަނުން ބުނެފައިވަނީ ޗައިނާގެ ކުންފުންޏަކުން ގަނެފައިވާ ދިހަ މިލިއަން މާސްކްގައި މައްސަލަތަކެއް އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެން ކަމުން މިހާރު އެ މާކްސްތައް ނުބަހާ މަޑު ޖައްސާލަން ނިންމާފައިވާ ކަމަށެވެ.
ޔޫރަޕިއަން ކޮމިޝަންގެ މެމްބަރު ގައުމުތަކުން ކޮވިޑް-19އާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށް ދިނުމަށް އެކޮމިޝަނުން ގަނެފައިވާ މާސްކް ތަކަކީ އެކޮމިޝަންގެ މެމްބަރު ގައުމުތަކަށާއި، އިނގިރޭސި ވިލާތައް ބެހުމަށް ގެނެފައިވާ މާސްކެވެ. އަދި މިމަހުގެ ކުރީކޮޅުން ފެށިގެން މިބެޗް ތަކުގެ ބައެއް މާސްކްތައް ގައުމުތަކަށް ވަނީ ދޫ ކޮށްފައެވެ.
އެގޮތުން 1.5 މިލިއަން މާސްކް ވަނީ ޔޫރަޕިއަން ކޮމިޝަންގެ 17 ގައުމަކަށް ބަހާފައެވެ. ބަހާފައިވާ މާސްކްތައް ލިބިފައިވާ ގައުމުތަކުގެ ތެރެއިން ޕޮލެންޑްގެ ހެލްތް މިނިސްޓަރު ލޫކަސް ސްޒުމްމޮވްސްކީ ވިދާޅުވެފައިވަނީ އެގައުމަށް ލިބިފައިވާ ހަލައްކަ މާސްކުގައި ޔޫރަޕިއަން ސެޓްފިކެޓް ސްޓޭންޑަޑް ނެތް ކަމަށާއި، މެޑިކަލް ސްޓޭންޑަޑް ތަކަށް ވެސް ނުފެތޭ ކަމަށެވެ.
އަދި މިފަދަ މައްސަލަތަކެއް ނެދަލޭންޑުން ވެސް ޔޫރަޕިއަން ކޮމިޝަންއާ ހިއްސާކޮށްފައިވާ ކަމަށް އެކޮމިޝަނުން ބުނެފައިވެއެވެ. އެހެންކަމުން ކުރިއަށް ހުރި ޑެލިވަރީތައް މަޑު ޖައްސާލުމަށް ނިންމާފައިވާ އެކޮމިޝަންގެ ސްޕޯކްޕާސަން ވިދާޅުވެފައިވެއެވެ.