އަވިގަދަ ރީތިދުވަހެއްގައި، ފޮނިއުއްމީދުތައްކޮށް, ލަވަކިޔާ މަޖާކުރުމަކީ އަޅުގަނޑުމެން އެންމެންގެ ތެރޭގައިވެސް އާއްމުކަމެކެވެ. އެފަދަ ދުވަހެއްގައި، ދުނިޔޭގެ މަޖަލަށް ގޮސް، ނުހެއްލި ތިބީ އަޅުގަނޑުމެންގެ ތެރެއިން މަދު މީހެކެވެ. ހުރިހާ ކަމެއް ހިތްއެދޭ ފަދައިން ވާނޭކަމުގެ ފޮނިއުއްމީދުގައި ދުވަސްތައް ގުނަމުންދާއިރު މާދަމާ ނަގާ ކަޅުވިލާގަނޑު ދެމިގެންދާނީ ކިހާދުވަހަކަށް ކަމެއް އަޅުގަނޑުމެންގެ ތެރެއިން ވިސްނާލީ ކިތައް ދިވެހިންތޯ؟ އެވެ.
މިސްކިތަކީ ރަމަޟާންމަހު އަރަންޖެހޭ ތަނެއްކަމަށް ބަލައިގެން ރަމަޟާންމަސް އަންނަން ދެން މިސްކިތަށް ނާރާ މަޑުކުރި މީހުން އަޅުގަނޑުމެންގެ ތެރޭގައި މަދެއް ނޫނެވެ. ރަމަޟާންމަހު ރައްޓެހިންނާއިއެކު ކުޅޭނެ ކުޅިވަރުތައް ދުރާލާ ރާވާ އެކަމަށް އިންތިޒާރުކޮށްގެން ތިބި މީހުންވެސް މަދެއްނޫނެވެ. ރޯދަވީއްލަން ދާނެ ގޭގެ އާއި ރެސްޓޯރެންޓްތައް ހޯދައި ރޯދަވީއްލަން ގެންނާނެ އެކުވެރިން ވިސްނައިގެން ތިބިމީހުންވެސް މަދެއްނޫނެވެ.
އެހެނަސް ކަންދިމާކުރީ އެހެނަކުންނޫނެވެ. ނޭނގިތިއްބާ ހުޅަނގު ވިއްސާރައިގެ ކުރިން އުތުރުކަރައިން ނެގި ކަޅު ވިލާގަނޑު އަޅުގަނޑުމެންނާ ހަމަކޮށް، ލޮލަށް ނުފެންނަ ކުޑަ ވައިރަސްއެއްގެ ސަބަބުން ބަޔާންކޮށް ނުދެވޭ ފަދަ ބިރުވެރި ބައްޔެއް އަޅުގަނޑުމެންގެ މިކުޑަކުޑަ ރާއްޖޭގައިވެސް ފެތުރެން ފަށައިފި އެވެ.
ހާލަތާއި ވަގުތު ބަދަލުވެއްޖެ އެވެ. މިސްކިތްތަކާއި މަދަރުސާތައް ބަންދުވެއްޖެ އެވެ. ގައުމުގެ އިގްތިސާދީ މައި ދޮރޯށީގައި މުއްދަތެއް ނެތްގޮތަށް ތަޅުއެޅުވިއްޖެ އެވެ. އުނދަގޫ ވަގުތުތަކާއި ބިރުވެރި ދުވަސްތައް ވަށާލައިފި އެވެ. އެމީހަކު ހުރިތަނެއްގައި އެމީހަކު ބަންދުވެއްޖެ އެވެ. ރޭތައްދިގުވެ ދުވާލު ރޭގަނޑެކޭ އެއްފަދަ ވެއްޖެ އެވެ. އާއިލާ މީހުންނާއި ރައްޓެހިންނާއި ދުރުގާއުޅެން އާދައަކަށް ހަދަން މަޖުބޫރުކުރުވައިފި އެވެ.
މި ނުރައްކާތެރި ބަލީގެ ކުރިމަތީގައި ގައުމުގެ ވަލިއްޔުލްއަމުރެކޭ އަދި ކަންމަތީފިހާރައިގެ ސޭޓެކޭ ތަފާތެއްނުވެ އެވެ. މިވަގުތު އަޅުގަނޑުމެން އެންމެންގެ ހިތަށް އަންނަނީ ހަމަ އެންމެ ކަމެކެވެ. އަބަދުވެސް މުދައްރިސުން ބުނާތީ އަހަމެވެ. ކަމެއްގެ މުހިންމުކަން އިހުސާސްވާނީ އެކަމެއް ލޯމަތިން ގެއްލުނީމަ އެވެ.
އަވިގަދަ ރީތިދުވަހުގާ ކުރި ފޮނިއުއްމީދުތައް މިއަދު ހަނދާނުގަނެތެވެ. މިއަދު ކުރެވޭ ހަމައެކަނި އުއްމީދަކީ ރަމަޟާންމަސް ފެށުނީމާ އަރަން މަޑުކޮށްގެން ހުރި މިސްކިތަށް ވަދެލަން ލިބޭނެ ދުވަހަކަށް ކުރާ ފޮނިއުއްމީދެވެ. އެ މިސްކިތަށް ދެން ވަދެލަން ލިބޭނީ މި ނުރައްކާތެރި ބަލިން މިންޖުވެ އާދުވަހެއްގެ ފުރުސަތުލިބޭ މީހަކަށް އެކަންޏެވެ.
ފަރުވާއެއް ލިބޭނެދުވަހެއް ތާރީހު ކުރެވިފައިނުވާ ބައްޔެއްކަމުން މާތްކަލާނގެއާއި ވަކީލުކޮށްލުން ނޫންގޮތެއްނެތެވެ. ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކަށް ފަހަތަށް ދެފިޔަވަޅު އަޅަންޖެހިފައި މިވާ ހާލަތުގައި ތިމާ ހިތްހަމަޖެހޭ ގޮތަށް ކަންކަން ނުގޮސްދާނެއެވެ. އެހެންނަމަވެސް މިއީ އެކަކު އަނެކަކަށް އިނގިލި ދިއްކުރަންވީ ވަގުތެއް ނޫނެވެ.
މިއީ އެކަކު އަނެކަކަށް ހިތްވަރުދީ އެހީވެ އެންމެންއެކީ އެއް އަޒުމެއްގާ އެއް އުއްމީދެއްގާ މިކަމުން މިންޖުވާން މަސައްކަތް ކުރަންވީ ވަގުތެވެ. ނަމަވެސް މިފަދަ ވަގުތަކީ ރަމަޟާން މަހާ ދިމާކޮށް ބައެއް މީހުންނަށް ލިބުނު ރަނުގެ ފުރުސަތަކަށްވެސް ވެދާނެއެވެ. ކުރިން ވަޒީފާގެ ކަސްތޮޅުގާ ތިބި އެތައް ދިވެހިންނަކަށް އާއިލާއާއެކު ހޭދަކޮށްލަން ލިބުނު ފުރުސަތެކެވެ.
މަސައްކަތުގައި އަވަދިނެތި އުޅެންޖެހުމުގެ ސަބަބުން ނަމާދުކުރަން ހަނދާންނެތުނު މީހުންނަށްވެސް ލިބުނު އާ ފުރުސަތެކެވެ. ދިރިއުޅުމުގާ ކުރަންޖެހޭ މަސައްކަތް ގިނަކަމުން ޤުރުޢާން ޙަތިމް ހުޅުވާލަން ވަގުތު ނުވިފަރާތްތަކަށްވެސް ރަނުގެ ފުރުސަތެވެ. ނަމެވެސް އާއިލާއާއި ދުރުގައި ގައުމުގެ ދިފާއުގާ މަސައްކަތް ކުރަމުންދާ ފަރާތްތައްވެސް މަދެއްނޫނެވެ. ވީމާ މިފުރުސަތުގެ ބޭނުން އެންމެ ހެޔޮގޮތުގާ ހިފަމާތޯ އެވެ.
ދެންއޮތީ އަޅުގަނޑުގެ ހިތުގާ އުފެދޭ އެންމެބޮޑު ސުވާލެވެ. މާތް ރަސްކަލާނގެ އިރާދަފުޅުން މިކަމުން މިންޖުވެއްޖެނަމަ ތިބޭފުޅާ އެންމެ ފުރަތަމަ ކުރަން ބޭނުންވަނީ ކޮންކަމެއްތޯ އެވެ؟ މާމަ އާއި ކާފަ ދެކިލަން ރަށަށް ދާންތޯ އެވެ؟ ބްރެޒިލްގެ ވެރިރަށް ރިއޯގެ ގޮނޑުދޮށުގައި ދުވަސް ހޭދަކޮށްލަންތޯ އެވެ؟ ގެއްލުނު އުމްރާ ދަތުރަށް އަލުން ފުރަންތޯ އެވެ؟ ރައްޓެހިންނާއި އެކު ހުޅުމާލޭ މަގުތަކުގައި ދުއްވާލަން ދާންތޯ އެވެ؟ ނޫނީ ފަހުން ވަދެލާނީއޭ ހިތާ މަޑުކޮށްގެން ހުރި މިސްކިތަށް އަރާ ޝުކުރުގެ ސަޖިދައެއް ކޮށްލުންތޯ އެވެ؟ މިސުވާލު އަޅުގަނޑު ތިޔަބޭފުޅުންނަށް ދޫކޮށްލަމެވެ.