ޕާކިސްތާނުން ގަބީލާ ސަރަހައްދުތަކުގެ މީހުންނާމެދު ތަފާތު ކުރާ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. މިފަހަރު އެމީހުންނަށް އިންޓަރނެޓް ނުދީގެން ޕާކިސްތާން ސުޕްރީމް ކޯޓުން މިއޮތީ އެމައްސަލައިގެ ތެރެއަށް ވަދެފަ އެވެ.
ޕާކިސްތާންގެ މަރުކަޒީ ސަރުކާރުގެ ދަށުން ހިންގާ ގަބީލާ ސަރަހައްދުތަކަށް އިންޓަރނެޓް ނުދީގެން އުޅޭ މައްސަލައިގައި މީގެ ކުރިން ވެސް ސުޕްރީމް ކޯޓުން ވަނީ މި ީހުންނަށް އިންޓަރނެޓް ދިނުމަށް އަމުރު ކޮށްފަ އެވެ. މިފަހަރުވެސް ދައުވާ އުފުލާފައިވަނީ ގަބީލާ ސަރަހައްދެއްކަމަށްވާ ޚުއްރަމް އެޖެންސީގެ ކިޔަވާ ކުދިންގެ ބައެކެވެ. މައްސަލަ ބެއްލެވުމަށް އިސްވެ އިންނެވީ ޕާކިސްތާންގެ ޖީފް ޖަސްޓިސް އައްތާރް މީނާއުއްލާ އެވެ.
ޑޯން ނޫހުން ބުނިގޮތުގައި، މީގެ ކުރިން ހަމަ އެބެންޗުން ކޮށްފައިވާ އަމުރެއްގައި މިނިސްޓްރީ އޮފް އޮންފޮމޭޝަން ޓެކްނޮލޮޖީިއަށް އަންގާފައިވަނީ 3ޖީ އާއި 4ޖީ ގަބީލާ ސަރަހައްދުތަކަށް ދިނުމަށެވެ. ދައުވާ ހުށަހެޅި ފަރާތުގެ ވަކީލު އަބްދުއްރަހީމް ވަޒީރު ވިދާޅުވެފައިވަނީ އަދިވެސް މި ތަންތަނަށް ޕާކިސްތާން ސަރުކާރުން އިންޓަރނެޓް ނުދޭ ކަމުގަ އެވެ.
ކޯޓުން ސުވާލުތައް ކުރިމަތި ކުރުވުމުން ސަރުކާރުން ބުނެފައިވަނީ ހޯމް މިނިސްތްރީން ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި 2016 ވަނަ އަހަރުން ފެށިގެން އެހިސާބުގައި އިންޓަރނެޓްގެ ޚިދުމަތް ހުއްޓާލާފައިވާ ކަމަށެވެ. ޗީފް ޖަސްޓިސް ވިދާޅުވިގޮތުގައި ގައުމަށްޓަކައި ކަމާ ބެހޭ ފަރާތްތަކުން ކުރާ ޚިދުމަތް ބަލައި ގަނެވޭ ކަމުގަ އެވެ.
ނަމަވެސް އިންޓަރނެޓްފަދަ ޚިދުމަތަކުން ރައްޔިތުން މަހުރޫމް ކޮށްފައި ބޭތިއްބުމަށް މިއީ ސަބަބެއްކަމަށް ހަދައިގެން ނުވާނެ ކަމުގަ އެވެ. މިކަމާ ބެހޭ އިތުރު އަޑު އެހުމެއް މިމަސް ނިމުގެ ކުރިން ބޭއްވުމަށް ހަމަޖެހިފައި ވެއެވެ.
ދިފާއީ ވަކީލު ވިދާޅުވިގޮތުގައި އެ ސަރަހައްދު ފުރަ ބަންދެއްގައި އޮތް އިރު ކުދިން ކިޔެވުމަށްވެސް އިންޓަރނެޓް ބޭނުން ވެއެވެ. މިކަމާ ގުޅިގެން އިސްލާމް އާބާދުގައި ކުރިންވެސް މުޒާހަރާތަކެއް ބާއްވާފައި ވެއެވެ. އަދި އިންސާނީ ހައްގަށް މަސައްކަތް ކުރާ ފަރާތްތަކުންވެސް ވަނީ މިކަމަށް ފާޑު ކިޔާފައެވެ.